ފިޔަވަތިން ފިލި ހަތް ކުއްޖަކު ހޯދައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހިންގާ ފިޔަވަތިން މިއަދު ހެނދުނު ފިލި ހަތް ކުއްޖަކު ހޯދައި އަނބުރާ އެތަނާ ހަވާލުކޮށްފި އެވެ.


ފުލުހުން ބުނީ އެ ކުދިން ހެނދުނު ހަތެއް ޖަހާކަންހާ އިރު ފިލިކަމުގެ ރިޕޯޓް ފުލުހުންނަށް ކުރި ކަމަށެވެ. ފުލުހުންނަށް އެކުދިން ފެނުނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރި ހުރި ފެންސަކަށް އަރައި ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެއިން އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެފައެއްނުވެ އެވެ.

އެ ކުދިން ފިލީ ކިހިނެއް ކަމެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ގިނަ އަދަދެއްގެ ކުދިން ތިބޭ ފިޔަވަތިން ކުދިން ފިލުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. އެ އިމާރާތުގައި ޖަހާފައިވާ ފެންސްތަކަށް ކުދިން އަރައިގެން ތިބޭ މަންޒަރު ވެސް ދޭތެރެދޭތެރެ އިން ފެނެ އެވެ.