މާލޭ މަގުމަތީގައި ހުރި ޒުވާނަކަށް ބިރު ދެއްކުމަށް ފަހު، އޭނާގެ އެކައުންޓުން މިރޭ ފައިސާތަކެއް ފޭރިގެންފި އެވެ.
ފުލުހުން ބުނީ ދެ މީހަކު ވެގެން ބިރު ދެއްކީ ޖަމާލުއްދީން ސްކޫލް ކައިރީގައި ހުރި 18 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އޭނާ ގޮވައިގެން އެ ދެ މީހުން ދިޔައީ މަޖީދީމަގު، އޮލިމްޕަސް ކައިރީގައި ހުންނަ އޭޓީއެމަށެވެ. އެ ޒުވާނާގެ އެކައުންޓުން އެ މީހުން 1،700 ރުފިޔާ ނަގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޒުވާނާއަށް ބިރު ދެއްކީ ކިހިނެއް ކަމެއް އަދި އޭޓީއެމާ ހަމައަށް އޭނާ ގެންދިޔަ ގޮތެއް ވެސް ފުލުހުން ނުބުނެ އެވެ.
އޭޓީއެމްތަކުގައި ސީސީޓީވީ ކެމެރާ ހުރެ އެވެ. އެކަމަކު މި ޒުވާނާ އަށް ބިރު ދެއްކި މައްސަަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މީގެ އިތުރުން ސްޓެލްކޯ ކައިރީގައި ހުރި ބިދޭސީއެއްގެ ފޯނު މިރޭ ވަނީ ފޭރިގެންފަ އެވެ. ފުލުހުން ބުނިގޮތުގައި ފޯނު ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. މި މައްސަލައިގައި ވެސް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފޭރުމުގެ މި ދެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް، ވައްކަމާއި ފޭރުން އިތުރުވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.