ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި އެޖެންޑާގައި ހުރި ކަންކަން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމުމަށް އާދިއްތަ އާއި ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
މަޖިލިހުގެ ޖަލްސާ މިއަދު ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ތިން ބިލަކާއި ދެ ގަރާރެއްގެ އިތުރަށް ކޮމިޓީތަކުން އައި ދެ ރިޕޯޓެއް ނިންމަން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ފޮނުވި ހަ ބިލެއްގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ހަފުތާގައި މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަންކަން ހުރި ކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ މިރޭ ވެސް ޖަލްސާއެއް އޮންނާނެ ކަން އިއުލާން ކުރައްވައިފަ އެވެ. މިރޭގެ ޖަލްސާގައި ބަހުސް ކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން ހުށަހެޅި މަސްވެރިކަމުގެ ބިލަށެވެ.
"އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ ހަ ބިލު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމައި ތަސްދީގު ކުރުމަށް ފޮނުވޭ މިންވަރަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިއުން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގައި ކުރިން އަމަލު ކުރާ އުސޫލަށް ބަލާ އިރު، ރޭގަނޑު ޖަލްސާތައް ބާއްވަނީ މުހިންމު ކަންކަން ނިންމުމަށެވެ. މަޖިލީހުގެ ގަވާއިދުގައި (އާ ގަވާއިދެއް އެކުލަވާލާތީ އަމަލު ކުރުން ހުއްޓާލާފައިވާ ގަވައިދު) ވާ ގޮތުން އާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހޯމަ އަކާއި އަންގާރަ އަދި ބުދަ ދުވަހު އެވެ.
އެކަމަކު، މުހިންމު ކަމެއް ފާސް ކުރަން ބޭނުން ނަމަ، އެ ނޫން ދުވަސްތަކުގައި ވެސް ޖަލްސާތައް ބާއްވަ އެވެ. އެގޮތުން އީދު ޗުއްޓީ އަށް ދިއުމުގެ ކުރިން ވެސް ގިނަ ޖަލްސާތަކެއް ބާއްވާފައިވެ އެވެ.
މަޖިލިހުގެ މެމްބަރުން މި މަސް ނިންމާފައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެ އެވެ. އަދި ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ.