އަލަށް ހަދާ ސީޕްލޭން ޓާމިނަލް: އެ ތަނުގެ 73 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި. -- ފޮޓޯ: އެމްއޭސީއެލް
19 އޯގަސްޓް 2019 - 15:45
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޫކުރަން އުޅޭ ކަމުގެ ތުހުމަތަކާ ގުޅިގެން އޮޑިޓެއް ހަދަން ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް މި ނިންމީ، އާ ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ އާ ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޫކުރަން އުޅޭ ކަމުގެ އަޑުތަކާ ގުޅިގެން އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އެ ހުށަހެޅުމާ ގުޅިގެން ކޮމިޓީން މިއަދު ފާސްކުރީ އެކަމާ ގުޅޭ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހާ ހަވާލު ކުރާށެވެ.
އެމްއޭސީއެލް އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއާ ހަވާލުކުރުމުން، ވާދަވެރިކަމަށް ބުރޫއަރާނެ އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން މި ސުވާލު އެމަނިކުފާނަށް އަމާޒުވި އެވެ.
އެ މަނިކުފާނު އޭރު ވިދާޅުވެފައި ވަނީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ" ކަމަށެވެ. އެކަމަކު، އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެމްބަރުންގެ މެދުގައި، އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު ގެންގުޅޭ ވިސްނުން މީޑިއާއާ ހަމައަށް މިހާތަނަށް ތިލައެއް ނުވެ އެވެ.
އެ ބޯޑުގެ އެއް މެމްބަރަކު ވެސް އޭރު ވިދާޅުވީ ސީޕްލޭން އޮޕަރޭޓްކުރާ ވަކި ކުންފުންޏަކަށް މުޅި ޓާމިނަލް ކުއްޔަށް ދޭ ގޮތަށް އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެކަމަކު މިހާރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރަނީ އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުންނެވެ. ކުރިން އެމެރިކާގެ ބްލެކް ސްޓޯން އިން ކޮންޓްރޯލްކުރި މެޖޯރިޓީ ހިއްސާ ބައިން އާއި ޓެމްޕަސް ގުޅިގެން 2017 ގައި ގަތީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ކަމަށް އެ ދުވަސް ވަރު މީޑިއާތަކުން ޚަބަރު ފެތުރި އެވެ.
މިއީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކާ ގުޅިގެން މިހާތަނަށް ކުރި އެންމެ ބޮޑު މާލީ މުއާމަލާތެވެ. ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ވާދަވެރި ވިޔަފާރިއެއް ކުރިއަށް ގެންދެވޭނީ އެއް ބަޔަކަށް ހުރިހާ ކޮންޓްރޯލެއް ނުދީ، ސަރުކާރުން ވެސް އެކަމުގައި ރަނގަޅު ސިޔާސަތެއް ގެންގުޅެގެންނެވެ. އެ ނަޒަރުން ވިސްނާ އިރު އާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް، އެމްއޭސީއެލް ނޫން ބަޔަކަށް ގޮސްގެން ނުވާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުސަން ފަރީދު
20 August 2019
ޓީޢެމްއޭ އަކީ އިންޑިޔާގެ ބްލެކްސްޓޯން ކުފިނީގެ ތަނެއް މައި ޢެއާޕޯޓު ފަޅިން ދުވަލަކު ސޭލްސް އެވެރެޖް 1.8މިލިޔަން ޑޮލަރު ޑިއުޓީފްރީ އަދި އެހެނެން އާމްދަނި ނުލައި. ސިޕްލޭންގެ ފަޅިން ދުވަލަކު ސޭލްސް އެވެރެޖް2.1 މިލިޔަން ޑޮލަރު ..އެއި އަރި އަތޮޅަށް އެއްމެ ގެސްޓެއްގެއަތުން ނަގާ 450ޑޮލަރު. މިޓަމިނަލް ޢެމްއޭސީއެލް ހިނގުމުން އިތުެުރު އާމްދަނީޔެއް ލިބޭނީ ރައިޔަތުންގެ އެމްއޭސީޢެލް އަށް. އިންޑިޔާ މީހުން ބޭނުން ވަނޭ ރިޝްވަތެއްދީގެންވެސް..މިތަން.
ހައްސާ222
20 August 2019
ރައީސް ޞާލިހު ވަކިބަޔަކަށް ދޭން ގަސްތު ނުކުރާކަމަށް ވިދާޅުވެފައި އޮތަސް ފަހު ވަގުތު އެތަންދޭނީ ޓީއެމްއޭ އަށް. ރައީސް ސޯލިހަށްވެސް ވިޔަފާރިވެރިންނާއި ޖެހުމުން ކުރެވޭނެ ކަމެއްނޯންނާނެ. ޓީއެމްއޭގެ ދިވެހި ހިއްސާ ދާރުންނަކީ ކޮންބައެއްކަން އިގެންޏާ މިކަން މިހެންވާނެކަން އިގޭނެ. ގަބޫލުނުކުރިއަސް މިއީ ހަގީގަތް.
ޖެނޮ
20 August 2019
ކަރަޕްސަން0 ޓޯލަރަންސްގާ
މުޙައްމަދު ހާން
20 August 2019
ވަކިބަޔަކަށް ދޭކަށް އަދި އެއްވެސްފަރާތަކުން ކަނޑައެއްނާޅާ، ބޯޑުމެންބަރުންގެ ފަރާތުންވެސް ވަކަިބަޔަކަށް ދޭން ގަސްތުކުރާކަމަކަށް ނުބުނެ ރައިސް ޞާލިޙުވެސް އެ ވިދާޅުވީ ވަކިބަޔަކަށް ދޭން ގަސްތު ނުކުރާކަމަށް ، ދެން ކިހިނެތްބަ ޓާރމިނަލް އެހެންބަޔަކަށް ކުއްޔަށް ދޭވަހަކަ މި ކިޔަނީ، ރައީސް ޞާލިހު ވަކިބަޔަކަށް ދޭން ގަސްތު ނުކުރާކަމަށް ވިދާޅުވެފައިވާއިރު ރައީސްއަށް އިތުބާރު ނުކުރެވި މަޖިލިހުގެ ތެރެއިން މިކަން ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް. ބާރުތަށް އެކު
އަހޫ
20 August 2019
އެމްއޭސީއެލްގަވެސް މިހާރު މެޑަމް ފާތުންނެއް އެބައުޅޭ.
ިއިބްރާ
20 August 2019
ރައީސް ޔާމީނު މިފަދަ ޖަރީމާއެއް ހިންގާފައެއް ނުވޭ
ބޮޑުމީހާ
19 August 2019
ޒީރޯ ޓޯލަރެންސް. ވާކަމެއް ހަރާން
ފޫހި
19 August 2019
ލޯނުތައް ނަގައިގެން ތަންތަން ހަދާފަ އަމިއްލަ ކުންފުނިތަކަށް ފައިދާވާގޮތަށް ދެނީ. މިފަދަ ކަންކަން ކުރާމީހުން ވަގުތުން މަގާމުން ބޭރުކުރަންވާނެ.
ހައްސާ222
19 August 2019
މިއީ ބަޔަކު އަޑީގައިތިބެގެން ހިންގަންއުޅޭ ބޮޑު ޖަރީމާއެއް. ސަރުކާރަށް ގެއްލުން ނުވާނެ ގޮތަކަށް ޓީއެއްމްއޭ ނުވަތަ އެހެން ކުންފުންޏަކަށް ވެސް މިތަން ނުދެވޭނެ، މިކިޔަނީ ކޮންމެ މަހަކު އެތައް މިލިޔަން ޑޮލަރެއް ލިބޭތަނެއްގެ ވާހަކަ. އޮޑިޓެއް ހެދިއަސް ކޮންމެ ކަމެއްކުރިއަސް އާހިރުގައި މިތަންދޭނީ ޓީއެމްއޭ އަށް. އެއީ އެކަން ހަމަޖައްސާފައިވާގޮތް. އެކަމަށް މަގުފަހިކުރުމަށް ވަކިބަޔަކު އެމްއޭސީއެލް ގެ ބޯޑަށް އައްޔަންކޮށްފައިވޭ.
މާރަނގާ - އައްޑޫ ސިޓީ
19 August 2019
ހުޅުލެ އެއަރޕޯޓްގައިހުރި ގިނަވަޒީފާތަށް ދިވެހިންނަށް ކަށަވަރުކޮށްދިނުމައްޓަކާ Duty Free ޝޮޕް ތަކާއި، Inflight Catering Service ހުޅުލެ އައިލެންޑް ހޮޓަލާއި މިފަދަ ވަޒީފާތައް ދިވެހިންނަށް ޙާއްސަކުރާންޖެހޭ. * * އަދި ޓީއެމްއޭ ފަދަ ފޮރިންގ އިންވެސްޓަމަންޓް ތަކުގެ “ވޭޖާރސްގެ މަދުވެގެން %60 ލިބެންޖެހޭނީ ޤައުމުގެ ރަށްވެހިންނަށް ދޭންޖެހޭނެކަމަށް” ޤާނޫނުގައި ލިޔާންޖެހޭ. ޔައުޤޫބުގެ އިސްނެގުމަށް ތާއީދުކޮށް މިކަން ހުއްޓުވުމަށް ގޮވާލަން.