އާ ސީޕްލޭން ޓާމިނަލް: ހަމައެކަނި ޓީއެމްއޭއަށް ދީފާނެތަ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން ސީރިއަސް ސުވާލުތަކެއް އުފެއްދި އެވެ. އަދި އެ ސުވާލުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޖަވާބުން ހިތްހަމަޖެހުންތަކެއް ވެސް ލިބުނެވެ.


ސުވާލުތައް އުފެދުނީ އެމްއޭސީއެލުން ކުރަމުން އަންނަ ބޮޑު އިންވެސްޓްމަންޓެއް، ހަމައެކަނި ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާ ހަވާލުކުރަން އުޅޭކަމުގެ އަޑުތަކުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ޓީއެމްއޭ ވިޔަސް، އެ އިންޑަސްޓްރީ އަށް ރާއްޖޭގެ އެހެން އެއާލައިންތަކުން ވަންނަމުން އަންނަ ދަނޑިވަޅެއްގައި، އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއާ ހަވާލުކުރުމުން، ވާދަވެރިކަމަށް ބުރޫއަރާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

މިދިއަ ބުރާސްފަތިދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އާ ސީޕްލޭން ޓާމިނަލް، ހަމައެކަނި ޓީއެމްއޭ އަށް ދޭން އެމްއޭސީއެލުން ނިންމި ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ރައީސަށް ސުވާލު ދެންނެވި އެވެ. އެކަމަކު އެމަނިކުފާނަށް އެ ސުވާލު ރަނގަޅަށް ސާފުވެވަޑައިނުގަތުމުން، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "މިހާރު"ގެ ނޫސްވެރިޔާ އަލުން ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ" ކަމަށެވެ.

ސީޕްލޭން ހިދުމަތުގެ އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުން ބުނީ ރައީސްގެ އެ ވާހަކަފުޅަށް އިތުބާރުކުރާ ކަމަށެވެ. އަދި ސީޕްލޭން މާކެޓް ފުޅާވުމުގެ މަރުހަލާ ފެށިގެން އުޅޭ އިރު، އެންމެ އެއާލައިނަކަށް ހުރިހާ ކޮންޓްރޯލެއް އޮންނަ ގޮތަށް އާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ ވިސްނުން އެމްއޭސީއެލްގެ ބޯޑުގައި އެއްވެސް ވަރަކަށް އޮވެގެން ނުވާނެ ކަމަށް ވެސް، އެ މީހުން ބުނެ އެވެ.

އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެމްބަރުންގެ މެދުގައި، އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު ގެންގުޅޭ ވިސްނުން މީޑިއާއާ ހަމައަށް އަދި ތިލައެއް ނުވެ އެވެ. އެކަމަކު އެއް މެމްބަރަކު ވިދާޅުވީ ސީޕްލޭން އޮޕަރޭޓްކުރާ ވަކި ކުންފުންޏަކަށް މުޅި ޓާމިނަލް ކުއްޔަށް ދޭ ގޮތަށް އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ.

ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެކަމަކު މިހާރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރަނީ އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުންނެވެ. ކުރިން އެމެރިކާގެ ބްލެކް ސްޓޯން އިން ކޮންޓްރޯލްކުރި މެޖޯރިޓީ ހިއްސާ ބައިން އާއި ޓެމްޕަސް ގުޅިގެން 2017 ގައި ގަތީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ކަމަށް އެ ދުވަސް ވަރު މީޑިއާތަކުން ޚަބަރު ފެތުރި އެވެ.

މިއީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކާ ގުޅިގެން މިހާތަނަށް ކުރި އެންމެ ބޮޑު މާލީ މުއާމަލާތެވެ.

ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.

އެކަމަކު އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލްގެ ސީދާ އިންވެސްޓްމަންޓެކެވެ. އެހެންކަމުން އިންޓަނޭޝަނަލް އާއި ޑޮމެސްޓިކް ޓާމިނަލް އޮޕަރޭޓްކުރާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ވެސް ސީދާ އެމްއޭސީއެލުން ހިންގަން، އެ ކުންފުނީގެ ބައެއް ވެރިން ބޭނުންވެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުން ގެންގުޅުނީ، އެމްއޭސީއެލްގެ ކުރީގެ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކަށް ޓާމިނަލުން ޖާގަ ދީގެން، މިހާރު ވެސް ހިންގާ ގޮތަށް، އެ ކުންފުނިތަކުން އަމިއްލައަށް އެކަން ކުރާ ގޮތަށެވެ.

"އެކަމަކު ސީޕްލޭން ދުއްވާ އެއް ކުންފުންޏަކަށް މުޅި ޓާމިނަލް ދޭ ގޮތަކަށް ވިސްނުން ގެންގުޅެފައެއް ނޯންނާނެ،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގެ މެނޭޖަމަންޓްގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އެއް ބަޔަކަށް ދިނުމަކީ ގޯސް ވިސްނުމެއް."

އެމްއޭސީއެލުން އެ ޓާމިނަލް ހިންގަން ބޭނުންނުވީ ކީއްވެގެންތޯ ދެންނެވުމުން، ބައެއް ބޭފުޅުން ވިދާޅުވީ، އެމްއޭސީއެލުން ނުހިންގިޔަސް ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބެންޏާ މައްސަލައެއް ނެތް ކަމަށެވެ.

"އޭރު ވިސްނުން ގެންގުޅުނީ ކުރި އިންވެސްޓްމަންޓަށް ވެސް އަގެއް ނަގާފައި، ފުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ސާ ޗާޖެއް ވެސް ނަގަން. އޭގެ އިތުރުން ޓާމިނަލްގެ އެހެން ހިދުމަތްތަކުން ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ މޮޑެލްއެއް ގެންގުޅުނީ،" އެމްއޭސީއެލްގެ އެތެރޭގެ ކަންކަން އެނގިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އާ ވިސްނުމެއް ބޭނުންވޭ

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް އޭރުގެ ވެރިން ފައްޓަވައި ދެއްވަނީ: މި މަޝްރޫއުއަށް އެމްއޭސީއެލުން 40 މިލިއަން ޑޮލަރު ހޭދަކުރޭ

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ތަރަައްގީ އަށް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ސީޕްލޭންގެ އާ ޓާމިނަލް ހަދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. ކޮންކްރީޓްގެ މަސައްކަތް ނިންމައި މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ.

އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގަން ޖެހޭ ސަބަބުތައް ގިނަ އެވެ. އެގޮތުން ސީޕްލޭން ދުއްވާ ހުރިހާ އެއާލައިންތަކަކުން ޓާމިނަލްގެ އެކި ބައިތައް ނަގއިގެން ހިންގަންޏާ މިހާރެކޭ އެއްގޮތަށް، އެއާޕޯޓްގައި ދުއްވާ ވެހިކަލްތައް ވެސް ގިނަވެ އެވެ.

"ކޮންމެ އެއާލައިނަކުން އެހާ ބައިވަރު ވެހިކަލްތައް ގެންގުޅެން ޖެހޭ. ބައެއް ރިސޯޓްތަކުން އެ މީހުންގެ އަމިއްލަ ވެހިކަލް އެބަ ގެންގުޅޭ. އެއާޕޯޓަކީ އެހާ ބޮޑު ތަނެއް ނޫން،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"އެމްއޭސީއެލްގެ ވިޔަފާރި މޮޑެލް ބަދަލުކުރެވިދާނެ. އެމްއޭސީއެލުން ޓާމިނަލް ހިންގާނީ ވެސް. އެމްއޭސީއެލުން ވެހިކަލްގެ ހިދުމަތް ވެސް ދޭނީ. އެއީ ނުކުރެވޭނެ ކަމެއް ނޫން."

ރާއްޖޭގައި ސީޕްލޭން އިންޑަސްޓްރީ އަންނަނީ ފުޅާވަމުންނެވެ. ޓީއެމްއޭގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ސީޕްލޭން ދުއްވަ އެވެ. އަދި ވިލާ އެއާ އާއި އަލަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއަށް ވަން މަންތާ އެއާ އިން ވެސް އަންނަނީ ސީޕްލޭން ދުއްވަން ތައްޔާރުވަމުންނެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ވާދަވެރި ވިޔަފާރިއެއް ކުރިއަށް ގެންދެވޭނީ އެއް ބަޔަކަށް ހުރިހާ ކޮންޓްރޯލެއް ނުދީ، ސަރުކާރުން ވެސް އެކަމުގައި ރަނގަޅު ސިޔާސަތެއް ގެންގުޅެގެންނެވެ. އެ ނަޒަރުން ވިސްނާ އިރު އާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް، އެމްއޭސީއެލް ނޫން ބަޔަކަށް ގޮސްގެންނުވާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

މިހާރު އަރައިގެން އުޅޭ އަޑުތަކަށް، ރައީސްގެ ވާހަކަފުޅުން، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ލިބިފަ އެވެ. އެކަމަކު ރާއްޖޭގައި އަދިވެސް މަދު ވިޔަފާރިވެރިންގެ ކޮންޓްރޯލް ހުރިހާ ކަމަކަށް އޮތުމުން، ފަހު ވަގުތު ކަމެއް ބަދަލުނުވާނެއޭ ބުނަން އުނދަގޫވެ އެވެ. އެހެންކަމުން މިހާރު މި އޮތީ މި މައްސަލާގައި އެމްއޭސީއެލްގެ ބޯޑުން ވަރަށް ސާފުކޮށް ވާހަކަ ދައްކަން ޖެހޭ ވަގުތު އައިސްފަ އެވެ.