އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ބުރާސްފަތި ދުވަހު ފަށަނީ

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖައްސައިފި އެވެ.


އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ އެ ކޮންފަރެންސަކީ ލާ މަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުތައް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ކައުންސިލަރުންނަށް ދިނުމަށާއި އެ ބަދަލުތަކާ މެދު ކައުންސިލަރުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި ދައުލަތުގެ އެކި ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ވެސް އެ ކޮންފަރެންސްގެ ތެރެއިން ކައުންސިލަރުންނަށް ކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަޖައްސައި މިދެނީ މިނިސްޓަރުންނާ ބައްދަލު ކުރައްވައި، އެ ބޭފުޅުންގެ ސުވާލުތަކާއި އެ ބޭފުޅުންގެ ދާއިރާގެ ރަށްތަކަށް ހުރި މަޝްރޫއުތަކާ ބެހޭ މައުލޫމާތަކާއި އަދި އެ މިނިސްޓްރީއަކާ ގުޅޭ ކަންބޮޑުވުމެއް ހުރި ނަމަ އެކަންކަމާ ޚިޔާލު ފާޅު ކުރައްވައި، ވާހަކަ ދައްކަވަން،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދާ އެ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ގިނަ އަދަދެއްގެ އެ ޕާޓީގެ ކައުންސިލަރުން އެ ކޮންފަރެންސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

"ކައުންސިލަރުންނަށް އަޅުގަނޑުމެން ޕާޓީ އާއި އަދި ޚާއްސަކޮށް ސަރުކާރާ ގުޅުން ބަދަހިކުރަން ލިބޭ ރަނގަޅު ފުރުސަތެއް މިއީ. އެ ބޭފުޅުންގެ ކޮންސާންތައް ހިއްސާ ކުރައްވައި، ސުވާލު ކުރައްވަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް." އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ ކޮންފަރެންސް ކުރިއަށް ދާ ދެ ދުވަހު ވެސް ކައުންސިލަރުންނަށް މާލޭގައި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އެމްޕީއެލްގެ ބަސްތައް ކުއްޔަށް ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ހުންނަ ގްރޭޓާ މާލެ ބަސް ސްޓޭޝަނަށް ކައުންސިލަރުން ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންފަރެންސް އޮބްޒާވް ކުރުމަށް މަދަނީ ޖަމްއިއްޔާތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކޮންފަރެންސާ ބެހޭ ރިޕޯޓެއް ވެސް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.