ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.


އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރެވޭނެ ކަމަށް އޭގައި ލިއެފައިވެ އެވެ.

"ވީމާ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި ސްކޫލުތަކުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ އާއްމު ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނެރެ ވާނެގޮތަކަށް މަސައްކަތްތައް ރޭވުމަށް ދަންނަވަމެވެ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާގައި ވެ އެވެ.

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އެންގިއިރު، އެކަޑެމިކް ކަލަންޑަރު ރާވާފައިވާ ގޮތުން ސްކޫލުގައި ޓީޗަރުން ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ. ކުޅިވަރުގެ އެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުން ފެށިގެން ސްކޫލުގައި ހިންގާ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅެން ޖެހެނީ ޓީޗަރުންނެވެ. އޭގެ ސަބަބުން އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުވުމުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތައުލީމީ ދާއިރާއަށް އަލަށް ވަންނަ މީހުން މަދުވުމާއި މަސައްކަތް ބުރަވުމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރެ އެވެ. ހާއްސަކޮށް ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއް ނުލިބުމުުގެ ކަންބޮޑުވުމަށް އަދި ވެސް ހައްލެއް ނުލިބެ އެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ނިމިފައިވާ ކަމަށެވެ. އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.