އެމްއެންޔޫގެ ޑެޕިއުޓީ ވީސީގެ މަގާމުން ޝާހިނާއި މުއާވިޔަތު ވަކިކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ތިއްބެވި އައިޝަތު ޝާހިނާއި ޑރ. މުއާވިޔާތު މުހައްމަދު މަގާމުން މިއަދު ވަކިކޮށްފި އެވެ.


އެ ޔުނިވާސިޓީ އަށް އަލަށް އައްޔަންކުރެއްވި ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ އެ ތަނުގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ޝާހިނާއި މުއާވިޔަތު ވަކިކޮށްފައިވާ ކަމަށެވެ. އާ ކައުންސިލް އުފެއްދުމަށް ފަހު އެ މަގާމަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިނާއި މުއާވިޔަތު ޑެޕިއުޓީ ވައިސް ޗާންސެލަރުކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޔަންކުރެއްވީ ޑިސެމްބަރު 2015 ގަ އެވެ. އެއީ ޔުނިވާސިޓީގެ ގާނޫނަށް އޭރު ގެނައި އިސްލާހަށް ފަހު އެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނު 2011 ވަނަ އަހަރު ވުޖޫދުވިއިރު ވެސް، ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުމުގެ ބާރު ދީފައި އޮންނަނީ ޔުނިވާސިޓީ ކައުންސިލަށެވެ. ނަމަވެސް ޔާމީންގެ ސަރުކާރުގައި، އޭރުގެ މަޖިލީހުން އެކަން ބަދަލުކުރީ، ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށެވެ.

އާ ކައުންސިލަށް، އެމްއެންޔޫގެ ބޭރުން ތަފާތު އެކި ދާއިރާތަކުން އަށް ބޭފުޅަކު ބޭނުންވެ އެވެ. ޝަރީފް ވިދާޅުވީ އެ ދާއިރާތަކަށް ކުރިމަތިލާން މާދަމާ އިއުލާނުކުރާނެ ކަމަށެވެ. އެމީހުންގެ ސްކްރީނިން ހެދުމަށްފަހު، އެމްއެންޔޫން އެ ނަންތައް ފޮނުވާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.

"ސްކްރީންކޮށް އަޅުގަނޑުމެން މާކްސް ދޭނެ. އެކަމަކު މިނިސްޓްރީން ކޮންމެހެން މާކްސް އަށް ބަލާކަށް ނުޖެހޭނެ ކައުންސިލަށް މެމްބަރުން ހަމަޖެއްސުމުގައި،" ޝަރީފް ވިދާޅުވި އެވެ.

ޝާހިނާއި މުއާވިޔަތު މަގާމުން ވަކިކޮށްފައިވަނީ، ޔުނިވާސިޓީގެ ގާނޫނަށް މަޖިލީހުން މި ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުމުގެ ބާރު އަލުން ދީފައިވަނީ ޔުނިވާސިޓީ ކައުންސިލަށެވެ.

ރައީސް އައްޔަންކުރައްވާނީ ޗާންސެލަރާއި ވައިސް ޗާންސެލަރެވެ. އެމްއެންޔޫގެ ޗާންސެލަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ޑރ. ހަސަން ހަމީދު އައްޔަންކުރައްވައިފަ އެވެ.

އެ އިސްލާހު މި މަހުގެ 5 ވަނަ ދުވަހު ތަންފީޒުކުރަން ފެށިއިރު، އެއަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އާ ކައުންސިލް އުފައްދަންޖެހޭނެ އެވެ. ޝަރީފް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އާ ކައުންސިލް އުފައްދާނެ ކަމަށެވެ.