ގއ. ދާންދޫ، ޒުވާން މަސްވެރިޔާ ހަސަން ސާޖިން ޓުވިޓާ އަށް ދޫކޮށްލި ވީޑިއޯއަކާއި ފޮޓޯތަކެކެވެ؛
ސިޓިން ރޫމުގެ ސޯފާގައި މެދު އުމުރުގެ ދެ މީހަކު ތިބީ ކުރީގެ ހިންދީ ފިލްމެއް ބަލާށެވެ. އޭސީ ހަރުކޮށް، ޓީވީ ރެކެއް ބަހައްޓައި ތަން ވަނީ ތަރުތީބުކޮށްފަ އެވެ. ޒަމާނީ ބަދިގެއެކެވެ. ފަސޭހަ އިން ކައްކައި ކެވޭ ގޮތަށް ހުރިހާ ކަމެއް ވެސް ހުރީ ހަމަޖައްސައިފަ އެވެ. އެންމެން އެކުގައި އިށީނދެ ކެވޭ ގޮތަށް މޭޒު ބަހައްޓައިފައި ހުއްޓެވެ. އެތަނުގައި ވެސް ޓީވީއެކެވެ. ފާޚާނާތައް ސާފުތާހިރެވެ. ނިދާ ކޮޓަރި ވެސް ހިތްގައިމެވެ.
މި ފޮޓޯތައް ފެނުމާ އެކު ބައެއް މީހުންނަށް ސިފަވީ އެއީ، ލަގްޒަރީ އެޕާޓްމެންޓެއްގެ ގޮތުގަ އެވެ. ވެގެން އުޅޭ ގޮތް އެނގުނީ ފޮޓޯތަކުގައި ސާޖިން، 21، ލިއެފައިވާ ވާހަކަތަކުންނެވެ.
"މިހާރުގެ ލަގްޒަރީ މަސް ދޯންޏެއް. ކާފަމެން ދުނިޔޭގައި ތިބި ނަމަ ހާދަ އުފާވާނޭ ދޯ މި މަންޒަރު ބަލާފައި."
އޭނާ ޝެއާކުރީ ގއ. ދާންދު އަށް ނިސްބަތްވާ ސީސަން ދޯނީގައި މަސްވެރިންގެ ދިރިއުޅުމެވެ. މަސްވެރިކަން ކުރަމުން އަންނަ 100 ފޫޓުގެ އެ ދޯނި ހަދާފައި ވަނީ ލަގްޒަރީ އެޕާޓްމެންޓެއްގެ ފެންވަރުގަ އެވެ.
އެހެން ފޮޓޯއެއްގައި ލިއުނެވެ: "ބޭބެ [ދޯނީގެ ފަޅުވެރިއެއް] މިއޮތީ ވަރަށް ހިތްހަމަޖެހިގެން. ބޭބެ ބުނީ ރިޔާ ނެގި ބޮއްކުރާ މަތިންނޭ ހަނދާން ވަނީ. އެހާރާއި މިހާރު ހާސް ބައި ތަފާތޭ."
އެންމެން އެކުގައި ކާން ތިބި ފޮޓޯއެއް ޝެއާކޮށް ސާޖިން ލިއެފައިވެ އެވެ.
"..ހުރިހާ އެންމެން އާދޭ ލަގްޒަރީ މަސްދޯންޏެއްގައި ފްރެޝް ކަޅުބިލަމަހުން ތާޒާ ގަރުދިޔަ އާއި ބަތާ ކާން."
މި ފޮޓޯތަކުން އޭނާ ކިޔައިދިނީ މަސްވެރިކަން ކުރިއަރައި ޒުވާނުންނަށް ފުރުސަތު އޮތް މިންވަރެވެ. އެއީ، މިހާރުގެ ޒުވާނުން ބޭނުންވާ ޝަރުތުތަކަށް ފެތޭ ވަޒީފާއެއްގެ ގޮތުގައި ބުނެދޭން ލައްކަ ފޮޓޯ ވެސް ޝެއާކޮށްފައި ހުއްޓެވެ. ފިނި ކޮޓަރީގައި، އިންޓަނެޓް ޓީވީން ފިލްމު ބަލައިލެވެ އެވެ. ކޮންމެ ދުވަހަކު މަސް ބާނައި ނިމުމުން ފައިދާ ހުރި އެހެން ކަމެއް ކުރަން ވަގުތު އޮވެ އެވެ. ޓޫރިސްޓުންނާއި ދިވެހިން ޗުއްޓީގައި ބޮޑު ޚަރަދުކޮށްފައި ބަލަން ދާ ގުދުރަތީ ހިތްގައިމު މަންޒަރުތައް ދޯނީގައި ހުރެ އޭނާ ލައިވްކޮށް ދޫކޮށްލަނީ ސޯޝަލް މީޑިއާ އަށެވެ.
ކޯމަސް އައިނުތަކުގެ ހިތްގައިމު ފުންމުންތަކެވެ. އެންދަމަން ފީނަން ފައިބާއިރު ނަގާފައި ހުންނަ ކަނޑު އަޑީގެ މުއްސަނދި ދިރުންތަކެވެ.
މަސްވެރިންގެ އާމްދަނީ އާއި ޗުއްޓީގެ ވާހަކަ ވެސް ސާޖިން ފޮޓޯތަކުން ކިޔައިދިނެވެ. ހަފުތާއަކު އެއްފަހަރު އާއިލާގެ ގާތަށް ރަށަށް ދަނީ މުސާރަ ހިފައިގެންނެވެ. ބައެއް މީހުންގެ ތިން މަހު މުސާރަ، ބައެއް ފަހަރަށް މަސްވެރިއަކު އެއް ހަފުތާ އިން ގެއަށް ގެންދަން ލިބޭ ކަމަށް އޭނާ ބުންޏެވެ.
މިއަށް ވުރެން ވަކި ސަޅި ލައިފެއް ޒުވާނުންނަށް ކޮބައި ހެއްޔެވެ؟
"ގެއަށް ވުރެން ވެސް މާ ފެންވަރު މަތި، މާ އަރާމު،" ސާޖިން ބުންޏެވެ.
ސީސަން ދޯނި: ނަމޫނާ ދައްކަނީ!
މަސްވެރިކަމަށް އައި ބަދަލުތަކާ އެކު ގިނަ މަސް ދޯނިތަކުގެ ފެންވަރު މައްޗެވެ. މިހާ އަރާމުކޮށް އުޅެލެވޭ ދޯނިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދެއް ނޫނެވެ. އައްޑު އާއި ގެމަނަފުއްޓާއި ވިލިނގިލީގައި ވެސް ޒަމާނީ އުޅަނދުފަހަރު ހުރެ އެވެ. އެކަމަކު ސީސަން ދޯންޏަކީ ސާޖިންގެ ފެވަރިޓެވެ.
އެއީ، މަސްވެރިކަމުގެ މާހައުލު ބަދަލުކޮށް، ޒުވާނުން ޝައުގުވެރިކުރުމުގެ އިތުރަށް ތިމާވެށި ހިމާޔަތް ކުރުމުގައި ނަމޫނާ ދައްކަމުން އަންނާތީ އެވެ. އެ ދޯނީގެ އެއްވެސް ފަޅުވެރިއަކު އެއްވެސް ބާވަތެއްގެ ޕްލާސްޓިކެއް މޫދަށް ނުވަތަ ކަނޑަށް ވެސް އުކައެއް ނުލާނެ އެވެ.
އެ ދޯނީގައި ބޭނުންކުރާ ހުރިހާ ޕްލާސްޓިކެއް ނައްތާލަނީ ކޫއްޑު އަށް ނުވަތަ ކޮންމެވެސް އެހެން ރަށަކަށް ގެންގޮސްގެންނެވެ.
"ކިތަންމެ ބައިވަރެއް ހުއްޓަސް، ޑަސްބިންތަކަށް ހުރިހާ ޕްލާސްޓިކެއް އަޅައިގެން ކޫއްޑު އަށް ނުވަތަ އެހެން ތަނަކަށް ގެންދާނީ،" ސާޖިން ބުންޏެވެ.
"ގިނަ މީހުން ގަބޫލުކުރަނީ މަސްވެރިންނޭ ކަނޑުތަކާއި މޫދަށް ޕްލާސްޓިކް އަޅައި ހަޑިކުރަނީ. އެކަމަކު އެހެންނެއް ނޫން ވަނީ. ސީސަން ދޯނިން އިސްނަގައިގެން މިކުރާ ކަމަކީ ހުރިހާ ދޯނިތަކަކީ ވެސް ޕްލާސްޓިކް ކަނޑަށް އުކާނުލާނެ ބައަކަށް ހެދުން."
ސާޖިންގެ ތަޖުރިބާ؛ މިއަށް ވުރެ ވަކި ހިތްހަމަޖެހުމެއް ނެތް!
ވަޒީފާ ނެތިފައި ތިބި ޒުވާނުން މަސްވެރިކަމަށް ހިތްޖައްސަން އޭނާ ދެއްކި ވާހަކައިގެ ތެރެއިން ސާޖިންގެ ހަނދާނަށް އައި، އޭނާ އަށް ދިމާވި ބައެއް ކަންކަން ވެސް ކިޔައިދިނެވެ.
މަސްވެރިއެކޭ ނުވަތަ މަހަށް ދަނީއޭ ބުނެފި ނަމަ ބައެއް މީހުންނަށް އަދިވެސް ސިފަވަނީ، މުންޑަކާއި ޓީޝާޓެއް ލައި ތޮއްޕެއް އަޅައިގެން އުޅޭ މީހެކެވެ. ޒުވާން އުމުރުގައި ސާޖަން މަހަށް ދާން ފެށުމުން އޭނާއާ މެދު ވެސް އެގޮތަށް ހީކުރި އެވެ. އެއީ، ހުތުރު މަސައްކަތެއްގެ ގޮތުގައި ބައެއް މީހުންގެ ދެކި އޭނާ އަށް މަލާމާތް ރައްދުކުރި އެވެ.
"ރެ އާއި ދުވާލު އަވީގައި ކީއްކުރަންހޭ އުޅެންވީ ވެސް އަހާ. ޒުވާނުން މަހަށް ދާންވީއޭ ބުނެ ޓުވީޓެއް ކުރާއިރަށް، ރުޅިގަދަވެ ބައެއް މީހުން ބުނާނެ ތައުލީމީ ފެންވަރު ނެތީމައޭ ތި ކަހަލަ ވާހަކަ ދައްކަނީ. ތައުލީމީ ފެންވަރު ހުންނަ ބައެއް މީހުން ދައުލަތުގެ ފައިސާގައި ޖެހި ޚިޔާނާތްވަނީ. މަސްވެރިން ބުރަ މަސައްކަތުން ލާރި ހޯދަނީ އެ ގޮތް ކަމުނުދާތީ،" ސާޖިން ބުންޏެވެ.
ކޮންމެ އެއްޗެއް ކިޔަސް އޭނާ އަށް މައްސަލައެއް ނެތެވެ؛ އުމުރުން 18 ނުފުރެނީސް މަހަށް ދާން ނިންމި ނިންމުގެ ނަތީޖާ އޭނާ އަށް ފޮންޏެވެ.
"އަހަންނަށް 18 އަހަރު ވި އިރު ބައްޕަގެ ގޯތީގައި 150،000ރ. ޚަރަދުކޮށްފައި ފަސް ކޮޓަރީގެ ގެސްޓު ހައުސްއެއް ރާނާފައި އެހެރީ. ހިތްހަމަޖެހުމަކީ ހަލާލު ފައިސާ އިން އެކަން ކުރެވުނީމަ،" އޭނާ ބުންޏެވެ.
މަސްވެރިކަމަކީ ރަނގަޅު އާމްދަނީ ލިބޭ މަސައްކަތެއް ކަން ބައެއް ޒުވާނުން ގަބޫލު ކުރެ އެވެ. ދިރިއުޅުމުގެ ބޮޑު ކަމަކާ ކުރިމަތިވުމުން، ދެތިން ހަފުތާ އަށް މަސް ދޯންޏަކަށް އަރައިގެން އާމްދަނީ ހޯދާ މީހުން އުޅެނީ އެކަން ގަބޫލުކުރާތީ އެވެ.
ސާޖިން ކިޔައިދިން ގޮތުގައި ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހަކު މިދޭތެރެއަކުން އޭނާއާ އެއް ދޯންޏެއްގައި މަހަށް ދިޔަ އެވެ. އޭނާ ބޭނުންވީ، ކައިވެނި ޕާޓީ ބާއްވަން ފައިސާކޮޅެއް އެއްކުރާށެވެ. ރިސޯޓުން ލިބޭ މުސާރަ އިން ކުލި ދައްކައި އާއިލާގެ ޚަރަދުތައްކޮށްފައި ރައްކާކުރާނެ ފައިސާއެއް ނޯންނަނީ އެވެ.
"އަމިއްލަ ދިރިއުޅުމެއް ފަށަންވާ އިރަށް އޭނަ ދޯންޏަށް އެރީ. ގާތްގަނޑަކަަށް މަހެއްހާ ދުވަސް ވީ ފަހުން ގެއްލިއްޖެ. ގުޅީމަ ބުނީ ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ ހިތްހަަމައެއްނުޖެހޭ މަހަށް ގޮސްގެން ލާރި ހޯދާކަށް. ރިސޯޓުން 5،000ރ. ލިބުނަސް މައްސަލައެއް ނެތޭ. އެކަމަކު މަހަށް ނުދާން އެދުނީއޭ،" ސާޖަން ބުންޏެވެ.
މިފަދަ ބައެއް ހާދިސާތަކުން ސާޖަން އަށް ފެނުނީ ބައެއް ޒުވާނުންގެ ހުންނަ ނުރަނގަޅު ވިސްނުމެވެ. އެ ވިސްނުން އެންމެން ބަދަލުކުރަން ވެއްޖެ އެވެ.
އޭނާ އެދެނީ، ފައިސާ ރައްކާ ނުކުރެވުނަސް، ޒަމާނީ ފޯނު ގަނެ، މުސާރަކޮޅު އެއްކޮށް ކުއްޔަށް ދީ، ކޮފީތަކަށް ވަގުތު ހުސްކޮށް ސަރުކާރުން ފްލެޓެއް ދޭނެ ކަމުގެ އިންތިޒާރުގައި ތިބުމުގެ އާދަ ޒުވާނުން ދޫކޮށްލާށެވެ. މައިންބަފައިން ރަށްރަށުގައި ގެދޮރު އެޅީ ބުރަ މަސައްކަތުން ހޯދާ ފައިސާއިންނެވެ. އެ ހިތްވަރު މިހާރުގެ ޒުވާނުންގެ ކިބައިގައި ވެސް ހުންނަން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"މިހެން ބުނެގެން ވެސް މަށަށް ވުރެން ވަކި ގޯސް މީހަކު ނުހުންނާނެ،" މަސްވެރިކަމާ ގުޅުވައި ނަސޭހަތެއްގެ ގޮތުން ޓުވީޓެއް ކުރިއަސް ބައެއް މީހުން ރުޅިގަނޑު ބާލާ ކަމަށް ބުނެ ސާޖަން ކިޔައިދިނެވެ.
"އެކަމަކު ކިހާ ސަޅި މި ލައިފް. މިއަށް ވުރެން ހިތްހަމަޖެހިގެން އަޚުލާގު ރަނގަޅުކޮށް އުޅެވޭނެ ވަކި އެހެން ވަޒީފާއެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" ސާޖިން ބުންޏެވެ.
ގިނަ ބަޔަކު ހިތްދޫވި ފޮޓޯތަކުން ސާޖިން ކިޔައިދޭން ބޭނުންވީ މި ވާހަކަތަކެވެ.