އެޗްއާރުސީއެމުން ބެލި ޓޯޗާގެ މައްސަލަތަކުގައި ހެއްކެއް ނުލިބުނު!

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކުރި ޓޯޗާ ނުވަތަ އަނިޔާގެ އެއްވެސް މައްސަލައެއް ސާބިތުވާ ވަރަށް ހެކި ލިބިފައިި ނުވާ ކަމަށް އެ ކޮމިޝަނުން ނެރެފައިވާ ޓޯޗާގެ ރިޕޯޓުގައި ބުނެފި އެވެ.


ހިއުމަން ރައިޓްސް އިން ނެރުނު ރިޕޯޓުގައި ބުނީ ޖުލައި، 1، 2018 އިން ޖޫން، 30، 2019 އަށް ޓޯޗާއާ ގުޅުން ހުރި 43 މައްސަލަ ހުށަހެޅި ކަމަށެވެ. މީގެ ތެރެއިން 31 މައްސަލައެއްގެ ތަހުގީގު ކޮމިޝަނުން ނިންމާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ 31 މައްސަލައިގެ ތެރެއިން 26 މައްސަލައިގައި ޓޯޗާގެ އަމަލެއް ހިންގާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައެއް ނުވެ އެވެ. ނަމަވެސް ބާކީ 5 މައްސަލައިގައި ޓޯޗާކޮށްފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވެ އެވެ،" ރިޕޯޓުގައިވެ އެވެ.

މި ފަސް މައްސަލައިގެ ތެރެއިން ހަތަރު މައްސަލައެއް، ދައުވާކުރުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ މަޝްވަރާ އަށް ފޮނުވި އެވެ. ދައުވާ އުފުލޭ މިންވަރަށް ހެކި ނެތުމާއި ވަކި މީހެއްގެ މައްޗަށް ދައުވާ އުފުލެން ނެތް ކަަމަށް ބުނެ އޭގެތެރެއިން ތިން މައްސަލައެއް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ތަހުގީގުކުރި ބައެއް މައްސަލަތަކުގެ ތަފްސީލް:

- ހައްޔަރުކުރި އިރު އަނިޔާކުރި ކަމުގެ 9 މައްސަލަ

- ބަންދުކޮށްފައި ހުރި މަރުކަޒުގައި އަނިޔާކުރި ކަމުގެ 19 މައްސަލަ

- އެއްވެސް މީހަކަށް ނުފެންނާނެ ގޮތަށް އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓި ކަމުގެ 5 މައްސަލަ.

- ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާކުރި ކަމުގެ ތިން މައްސަލަ

- ތަހުގީގަށް ސުވާލުކުރުމުގެ ތެރޭގައި އަނިޔާކުރި ކަމުގެ 4 މައްސަލަ.

ރިޕޯޓުގައިވާ ގޮތުން މި މައްސަލަތަކުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އާއި ޖެންޑާ އެންޑް ސޯޝަލް ސާވިސަސް އަށް ނިސްބަތްވާ 46 މުވައްޒަފުން ހިމެނެ އެވެ. އެންމެ ގިނައީ ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރި މައްސަލަތަކެވެ. އެ މައްސަލަތަކުގައި 24 ފުލުހަކު ހިމެނެ އެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި ޓޯޗާގެ އަމަލުތައް ބަލަން ވަކި މުއްދަތެއް ކަނޑައަޅާފައިވާ އިރު އެ މުއްދަތުގައި މައްސަލަތައް ބަލައި ނިންމަން ދަތިތަކަކާ ކުރިމަތިވެ އެވެ. އޭގެތެރޭގައި މައްސަލަތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތުމާއި ޕޮލިސް ސްޓޭޝަންތަކާއި ޖަލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުވުމާއި ޓޯޗާގެ މައްސަލަތަކުގެ ތަފްސީލް މައުލޫމާތު މެޑިކޯ ލީގަލް ރިޕޯޓްތަކުގައި ރެކޯޑު ނުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ޑޮކްޓަރުން ދޭ ލިއެކިއުންތައް ކޮމިޝަންގެ ތަހުގީގުގެ ބޭނުމަށް ހޯދަން ދަތިވުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފަރާތްތަކުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓާފައި ނުވުމާއި ހެކިންގެ ގޮތުގައި ބުނާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ނުލިބުމާއި ތަހުގީގުތަކުގައި ލިބޭ ފޮރެންސިކް ހެކި އެކަށީގެންވާ ގޮތުގައި ރައްކާ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުން ހިމެނޭ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.