ފަސް ރަށެއްގައި އައުޓްޑޯ ޖިމް ހަދާ ސާމާނު ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފި

ފަސް ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ހެލްތު މިނިސްޓްރީން ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.


މިއީ ދުޅަހެޔު ސިއްހަތަކަށް ދިވެހިން އަހުލުވެރިކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަހަރު ފެށި "25 އަށް 25" ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކުރީ ބ. ތުޅާދޫ އާއި ތ. ތިމަރަފުށި އާއި ށ. މިލަންދޫ އާއި ހއ. ފިއްލަދޫގެ އިތުރުން އއ. ރަސްދޫގައި ޖިމް ހަދާ ސާމާނެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި ތަކެތި ހަވާލުކުރަން ވީ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އެ ތަކެތި ރަށްތަކުގެ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ދިވެހިން އެންމެ ގިނައިން މަރުވަނީ ގައިންގަޔަށް އަރާ ބަލިތަކުން ނޫން ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތު ކުރިއަރުވާށާއި އެކަމަށް ދިވެހިން އަހުލުވެރިކުރަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 80 އިންސައްތައަށް ވުރެ މަތީ އަދަދެއްގެ މީހުން ދުނިޔެ ދޫކޮށް ދާން މިޖެހެނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން. އެހެންކަމުން މިކަމުން ސަލާމާތްވާން އާޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ގނަ ކަންތައްތައް އެބަހުރި، މި މަސައްކަތުގައި ވަރަށް މުހިއްމު ބޮޅެއް އައުޓްޑޯ ޖިމްގެ ވާހަކައަކީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފު ވިދާޅުވީ، ރަށްރަށުގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ އެ މިނިސްޓްރީން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން ދަންނަވާފަ ވާނީ 63 ރަށެއްގަައި އައުޓްޑޯ ޖިމްތަކެއް ގާއިމްކުރާނެ ވާހަކަ. މި ބޭފުޅުން [ހެލްތު މިނިސްޓްރީން] ކަނޑައަޅާފައިވާ ރަށްތަކާ އެކީގަ ދެން އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނީ،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުން މިހާރު ވާނީ އެ ރަށްރަށުގައި ޖިމް ހަދާ ތަންތަނާ ގުޅޭގޮތުން އެ ރަށު ކައުންސިލްތަކާ އެކު މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ ހުރިހާ ރަށެއްގައި ވެސް އައުޓްޑޯ ޖިމް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްތަކުގައި އައުޓްޑޯ ޖިމް ހަދަން ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯއިން ދޭ އެހީތެރިކަމަށް މަހްލޫފު ޝުކުރުއަދާކުރެއްވި އެވެ.