ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިމާންޑް ޖަލެއްގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރުމުން ބާ ކައުންސިލްގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އެކަމާ ސުވާލު އުފައްދަވައިފި އެވެ.
ގޭ ބަންދުގައި ބަހައްޓާފައިވަނިކޮށް ކުރިން ފިއްލެވި އަދީބު މޮނީޓާ ކުރެވޭ ގޮތަށް ޓެގް އެޅުވުމަށް ފަހު ރޭ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ޚިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ އަދީބު، ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ މާފުށީ ޖަލުގައި ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އެވެ. އަދީބު އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިދިޔަ ހަފުތާގަ އެވެ.
އަދީބު ގޭބަންދަށް ބަދަލުކުރުމާ ގުޅޭ ގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވާފައި ވަނީ އެކަން އެގޮތަށް ހަމަޖެއްސީ ސުޕްރީމް ކޯޓުން އަންގައިގެންތޯ އެވެ. ނުވަތަ އެއީ އަދީބު ދިރިއުޅުއްވާ ގެއަކީ "ރިމާންޑް ޖަލަކަށް ވާތީ އެޅި ފިޔަވަޅެއްތޯ" ވެސް ސުވާލުކުރެއްވި އެވެ.
އަދީބު ގޭބަންދަށް ބަދަލުކުރިކަން ޔަގީންކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ކަރެކްޝަނަލް ސާވިސް އިން ނުދެ އެވެ.
ޓެގް އެޅުވުމުން އަދީބު އުޅުއްވާ ތަންތަން ފުލުހުންނަށް މޮނީޓާ ކުރެވޭނެ އެވެ.
އޭނާ ދޫކޮށްލާފައި ހުއްޓާ ޓަގެއްގައި ފިއްލަވައިގެން ދަނިކޮށް ރާއްޖެއަށް އަނބުރާ ފޮނުވާލީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. ޓަގްގައި އަދީބު ހުންނެވިކަން ފަޅާއެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ޓަގް ކައިރިކުރުމުންނެވެ.
ޓޫރިޒަމް މިނިސްޓަރުކަމާއި ނައިބު ރައީސްކަން ކުރެއްވި އަދީބާ ކުރިން ގާތް ގުޅުމެއް އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އަދީބު ވަނީ ދާދި ފަހުން ހެކިބަސް ދެއްވައިފަ އެވެ.