ޝަހީބާއި ޒައިނާ ވަކިކުރުމުގެ މައްސަލަ އަލުން ކޮމިޓީ އަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް އަލުން މިއަދު ފޮނުވައިފި އެވެ.


ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް ބުނެ، އެ ކޮމިޝަނުން ޝަހީބާއި ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ޖުލައި 24 ވަނަ ދުވަހު އެވެ. ޝަހީބާއި ޒައިނާ ވަކިކުރުމުގެ ކުރިން ސަބް ކޮމިޓީއެއް ހަދައި، އެ ކޮމިޓީން ދެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކޮށް، ލިޔެކިޔުންތައް ދިރާސާ ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަލަށް އަމަލު ކުރަން ފެށި ގަވައިދުގެ ދަށުން އެ މައްސަލަ ކޮމިޓީ އަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެގޮތަށް އަމަލު ކުރައްވަން ނިންމެވީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި އޮތް ގޮތް ސާފު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޮމިޓީ ރިޕޯޓު، މަޖިލިހުގެ ތަޅުމަށް ފޮނުވުމުން ވީ އެންމެ އަވަހަށް އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަގާމުން މީހުން ވަކި ކުރުމަށް މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ މީހެއްގެ ނަން ތަޅުމުގައި އިއްވުމަށް ފަހު، އެ މައްސަލަ ކޮމިޓީ އަށް ފޮނުވައި، އެ ކޮމިޓީ އިން ދިރާސާކޮށް، އަނބުރާ ތަޅުމަށް ފޮނުވުމެވެ. އަދި ތަޅުމުގައި ބަހުސްކޮށް އެ މީހަކު ވަކި ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަކަށް ދިއުމެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރީ އޭޕްރީލް 5، 2016 ގަ އެވެ.

ޝަހީބު މީޑިއާގެ ދާއިރާއާ ގުޅިވަޑައިގެންފައިވަނީ 1989 ގައި، "ހަވީރު" ނޫހުންނެވެ. އަދި އެ ނޫހުން ވަކިވެވަޑައިގެން ސަންއެފްއެމް ރޭޑިއޯއެއް ހިންގެވި އެވެ. ނޫސްވެރިކަމުގައި 21 އަހަރު އުޅުއްވި ޝަހީބު ވަނީ އެ ދާއިރާ އިން އެކި އެވޯޑުތައް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭގެ ފަހުން، ޝަހީބު ވަނީ ނޫސްވެރިކަމުގެ އެކިއެކި ކޯސްތައް ވެސް ހިންގަވައިފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވި ޒައިނާ އެންމެ ފުރަތަމަ އަދާ ކުރެއްވީ ވީޓީވީގެ ވީޑިއޯ ޖާނަލިސްޓެއްގެ މަގާމެވެ. އޭގެ ފަހުން ޗެނަލް 13 ގައި މަސައްކަތް ކުރެއްވި އެވެ. އެ ސްޓޭޝަންގައި އަދާކުރެއްވީ ސީނިއަ އެޑިޓަރުގެ މަގާމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް "އަސުރުމާ ޔަގީން" މަޖައްލާގެ އެޑިޓަރުކަން ކުރެއްވި އެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރީ އޭޕްރީލް 5، 2016 ގަ އެވެ.

ބްރޯޑްކޮމްގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.