ރިލްވާންގެ ރިޕޯޓް އެގޮތަށް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ފާއިޒް

"ގެއްލުވާލާފައިވާ" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފުސީލު ޑްރާފްޓް ރިޕޯޓް، ރަައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަކީ އެ ކޮމިޝަނުން ހެދި ގޯހެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަށް ވެސް އަރުވައިފަ އެވެ. އަދި އޭގައި ހުރި ބައެއް މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް ހުސްނުއްސުދޫއު ހާމަކުރެއްވި އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަބްހަތުއްނުސްރާ އާއި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ދިވެހިންގެ އަމަލުތައް ސުއޫދު ވިދާޅުވި އެވެ.

ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓްގައި ހުރި ގިނަ މައުލޫމާތުތަކެއް ދެއްވި ނަމަވެސް އޭނާ ވިދާޅުވީ މުޅި ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ. އެކަމަކު ރިލްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ ނަންތައް އޭނާ ހާމަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސުއޫދު ވަނީ ޑްރާފްޓްގެ ތަފްސީލު ރިޕޯޓާއި ހުލާސާ ރިޕޯޓް އަރުވައިފަ އެވެ. އޭގެ ތެރެއިން ހުލާސާ ރިޕޯޓް މަޖިލިހުގެ ވެބްސައިޓްގައި އާންމުކުރި އެވެ. އޭގައި ވެސް، ރިލްވާން "ގެއްލުވާލުމު"ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން އޭގައި ބައިވެރިވާ މިންވަރު ހިމެނެ އެވެ.

ނަޝީދު ވަނީ ތަފްސީލީ ރިޕޯޓް، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދެއްވައިފަ އެވެ. އެކަމަކު ފަހުން އެ ރިޕޯޓް އަތުލެއްވި ކަމަށް އެނގިފައިވެ އެވެ. މައްސަލަ އަކީ، ކުރިއަށް ދާ ތަހުގީގަކަށް ވެފައި، ރިޕޯޓްގެ ތަފްސީލު ޑްރާފްޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެހެން ބަޔަކަށް ލިބުމެވެ. މަޖިލިހުގެ މެމްބަރުންގެ އަތުގައި ޖެހޭ އެއްޗެއް ވިއްޔާ އަބަދުވެސް ކޮންމެވެސް އެހެން ބަޔަކަށް އެ ފެނުނުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ރިޕޯޓްގެ ތަފްސީލު ޑްރާފްޓަކީ ވެސް މިހާރު، މިވަގުތު އެ ތަހުގީގުގެ ބައެއް މައުލޫމާތު އެނގެން ނުޖެހޭ ބަޔަކަށް ލިބޭނެ ފުރުސަތެއް ކަމަށް ބެލެވެ އެވެ.

މާފުށީ ޖަލުގައި 2003 ގައި އީވާން ނަސީމް މަރާލުމާއި ސިފައިން ބަޑި ޖަހައި އިތުރު ގައިދީންތަކެއް މަރުވި ހާދިސާ ތަހުގީގުކުރަން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

އޭގެ ސަބަބުން ހެކި ނައްތާލުމުގެ ފުރުސަތު، ތުހުމަތުކުރެވޭ މީހުންނަށް ލިބޭނެ ކަމަށާއި އަދި ޝަރީއަތުގައި ހެކިބަސް ދޭން ހެކިން ދެކޮޅުހެދުމަކީ ވެސް ވުން ވަރަށް ގާތް ކަމެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.

"އެ ކޮމިޝަނަށް މައުލޫމާތު ދިނީ ކޮން ބައެއްތޯ އެ ޖަމާއަތްތަކުން ބަލާނެ. މިއީ އެ މައުލޫމާތު ދިން މީހުންނަށް ވެސް ކުރިމަތިވާނެ ނުރައްކަލެއް. މިއީ ކޮށްގެން ނުވާނެ ކަމެއް،" ފާއިޒް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، މިދިއަ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާންގެ މަައްސަލާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ވަހީދު / މިހާރު

"ތަހުގީގުގައި އެއްބާރުލުން ދިން މީހުން ޝަރީއަތުގައި ހެކިބަސް ނުދިނުން ވެސް އެކަށީގެންވޭ މިވީ ގޮތުން. މީގެ ކުރިން ވެސް އެކަހަލަ ކަންކަން ހިނގާފައި އެބަހުރި."

ތަހުގީގީ ދާއިރާ އާއި ޝަރުއީ ދާއިރާގެ ގިނަ މީހުންގެ ކަންބޮޑުވުމަކީ، ނުނިމޭ ތަހުގީގެއްގައި ހިމެނޭ ބައެއްގެ ނަންތަކާއި ހެކިންގެ ތަފްސީލު ހިމެނޭ ޑްރާފްޓެއް ނަމަވެސް، ކަމާ ނުގުޅޭ ބައެއްގެ އަތަށް ލިބުމެވެ. ރައްޔިތުންގެ މަޖިލިސް ވެސް ހިމެނެނީ، މިވަގުތު އެ ތަހުގީގާ ނުގުޅޭ ބައެއްގެ ގޮތުގަ އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނުން ރިޔާސީ ކޮމިޝަނަށް ދީފައިވާއިރު އެކަން ނުކޮށް ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަކޮށްގެން ނުވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ތަހުގީގު ފުރިހަމަވާނީ ތުހުމަތުކުރެވޭ މީހުންގެ ބަޔާންތައް ނެގުމުންނެވެ.