ޚަބަރު / އަހުމަދު ރިލުވާން

ރިލްވާން ވަގަށް ނެގުމާ ގުޅޭ ބިރުވެރި ވާހަކަތަކެއް!

ރިލްވާން ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމެއް. -- ފޮޓޯ: މިހާރު

01 ސެޕްޓެމްބަރ 2019 - 20:49

84 comments

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުމުން ކުރިން، ދީނީ ހިޔާލު ތަފާތުވުންތަކުގައި ރާއްޖޭގައި ކަން ހިނގަމުން ދިޔަ ގޮތާއި ރިލްވާން ވަގަށް ނެގުމާއި އެކަން ކުރި މީހުންގެ އަމަލުތައް ހުންނަ ގޮތް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ.

ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ފަސް އަހަރު ވިއިރު، މިއަދާ ހަމައަށް އޭނާއަށް ވީ ގޮތެއް އަދި އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ވެސް މީގެ ކުރިން ބުނެފައިވަނީ ރިލްވާނަށް ވަގަށް ނަގައިގެން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށެވެ. އެކަމަކު ފަހުން ވީ ގޮތެއް ނޭނގެ އެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިލްވާން ވަގަށް ނެގުމުގެ ކުރިން ހިނގާފައިވާ ކަންތައްތަކާއި އެއަށްފަހު ކަންތައްތައް ވީ ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން ވަގަށް ނެގި މީހުން ހޯދުމުގައި އެންމެ ފުރަތަމަ ބެލީ އެ މައްސަލައިގެ ބެކްގްރައުންޑަށް ކަމަށެވެ. އެކަމަށް ބަލައި، ތަހުގީގުގައި ކާމިޔާބީތައް ލިބުނު ކަމަށް ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު މިއަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

"...މިހާތަނަށް ހޯދުނު ހޯދުމުން އަޅުގަނޑުމެންނަށް އެނގެނީ ރިލްވާން ވަނީ މި ދެންނެވި ޖަމާއަތުގެ ފަރާތުން މަރާލާފައި ކަމަށް. މިހާރުގެ މަސައްކަތަކީ، މިހާރު ލިބިފައި ހުރި ހެކި ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް އެރިކަން ސާބިތު ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވިއަސް ފެރީން ރިލްވާނާ ދިމާވި މީހުންގެ ވާހަކައިންނާއި ރިލްވާންގެ ފޯނު ސިގްނަލް ހުޅުމާލޭގެ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އޭނާއަށް ފާރަލާފައިވަނީ މުހައްމަދު ހާމިދާއި މުހައްމަދު ސުވެއިދުކަން އެނގޭ ކަމަށް ވިދާޅުވި އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނިކޮށް ބަންދުން ދޫކޮށްލުމުން ވަނީ ސީރިޔާއަށް ގޮސްފަ އެވެ.

ރިލްވާނަށް ނުރައްކަލެއް އޮތް ކަމަށް ބުނެ އެޕްރީލް 24، 2014 އިން ޖޫން 22، 2014 އަށް ފުލުހުންގެ އިންޓެލިޖެންސުން އޭނާ އަށް ފާރަލި އެވެ. ނަމަވެސް އެ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އެކި ބޭފުޅުން އެކި ގޮތަށް [ބަޔާން] ދީފައި ވަނީ. އިންޓެލް ބޭފުޅުން ވިދާޅުވެފައިވަނީ، ރިލްވާނަށާއި ހިލްއަތު ރަޝީދަށް ތްރެޓެއް އޮތްކަމަށް ތިމަންނަމެންނަށް، ޝޯޝަލް މީޑިއާގައި ތަންކޮޅެއް ހަރަކާތްތެރި ބޭފުޅުންކަމަށް ހީވެފައިވާތީވެ، އަދި އޭރު ފޭސްބުކް ކަލަލެސް ގްރޫޕުގެ އެޑްމިން ރަހީނު ކޮށްފައިވާ ހަބަރު ލިބިފައިވާތީވެ، ރިލްވާނަށް މޯލްޑިވްސް ޕޮލިސް އިންޓެލް އިން ފާރަލަމުން ދިޔައީ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.

ރިލްވާންގެ ތަހުގީގު ޑައިވާޓްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެގޮތުން، ފަންޑިތަ ހަދައި، އޭނާ ހޯދަން ކަމަށް ބުނެ މާފަންނު ގެޔަކަށާއި ވިލިމާލެ އަށް ދަންވަރު ވަގުތު ފުލުހުން ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން ކުރިިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އަށް ކުރީގެ ނައިބު ރައީސް މެސެޖުކުރިއިރު، އެ މެސެޖަށްފަހު އެ މީހާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެހެންވެ ރިލްވާންގެ މައްސަލާގައި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދީބުގެ މައްޗަށް ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ރިލްވާން ގަދަކަމުން ކާރަށް އެރުވިއިރު، ކާރުގެ ކުރީ ސީޓުގައި އެ ކާރުގެ ވެރިޔާ ހ. ހިލްޓަން، އާލިފް ރައުފާއި އިތުރު މީހަކު އިން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި ރިލްވާން ވަގަށް ނެގުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ތެރޭގައި، މުނާޒު އަބްދުﷲ (ޓީސީ މުނާއްކޮ) ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރިލްވާން ވަގަށް ނެގި މައްސަލާގައި ދައުވާ ލިބުނު މީހުން ކޯޓަށް ހާޒިރުވަނީ. -- ފޮޓޯ: މިހާރު

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ވަގަށް ނެގުމުގެ ކުރިން ހިނގި ކަންތައް

ސުއޫދު ވިދާޅުވީ އެކަންތައް ފެށުނީ 2010-2011 ހިސާބުގައި ކަމަށެވެ. އެ ދެ އަހަރު ފާހަގަކުރެވެނީ މިނިވަން ފިކުރުގެ ބަޔަކާއި ޖިހާދީ ފިކުރުގެ ހަރުކަށި ވިސްނުމުގެ ހިޔާލު ތަފާތުވުންތަކެއް ނުވަތަ ފިކުރީ އަރައިރުންތަކެއް ފެށުނު ދުވަސްވަރެއްގެ ގޮތުގައި ކަމަށާއި އެ އަރައިރުން ފެށުނީ ސޯޝަލް މީޑިއާ އާއި ބްލޮގްތަކުގައި ކަމަށް ވިޔަސް އެކަން ހޫނުވެ މީހުން މެރުމާ ހަމައަށް ހަމަނުޖެހުން ދިޔައީ ކަމަށެވެ.

މިނިވަން ފިކުރުގެ މީހުން ބުނެފައިވަނީ އެ މީހުންގެ ވިސްނުމަކީ ފިކުރީގޮތުން ގައުމަށް ބަދަލުތަކެއް ގެނައުން ކަމަށެވެ. އެ ގްރޫޕުން އިންތިޒާމްކޮށްގެން ޑިސެމްބަރު 10، 2010 ގައި އާޓިފިޝަލް ބީޗުގައި ހިމޭން މުޒާހަރާއެއްކުރިއިރު އެ މުޒާހަރާ ކުރި ވަގުތު ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ވެސް މާލޭގައި މުޒާހަރާކުރި އެވެ.

އޭގެ ޖެހިގެން އައި އަހަރު، ޑިސެމްބަރު 10 ގައި މިނިވަން ފިކުރުގެ ގްރޫޕުން އާޓިފިޝަލް ބީޗުގައި އަނެއްކާ ވެސް އެއްވުމެއް ބޭއްވި އެވެ. އޭގެ ބޭނުމަކީ ދީނީ މިނިވަންކަން އޮތުމަށާއި މިނިވަން ފިކުރަށް ޖާގަ އޮންނަންވާނެ ކަމަށް ގޮވާލުމެވެ. އެ ދެ ފިކުރުގެ ގްރޫޕުގެ މީހުންނާ ކުރިމަތިލުން ފެށުނީ އެ ހިސާބުން ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއަށްފަހު ސޯޝަލް މީޑިއާގައި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދީ ދީނަށް ފުރައްސާރަކުރާ މީހުންގެ ލިސްޓެއް ހަދައި އެ ލިސްޓުގައި ހިމެނޭ މީހުން "ދުއްވާލާނެ" ކަމަށް ބުނެ އެ މީހުންނަށް މަރުގެ އިންޒާރުދިން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ދީނީ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ބުނަމުން ދިޔަ މީހުންގެ އެއްވުން ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކީ ހިލްއަތު ރަޝީދެވެ. އެކަމުގައި ރިލްވާން ވެސް ބައިވެރިވިއިރު މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު، އޭނާގެ ބްލޮގުގައި، މަސައްކަތް ހުރިގޮތުން އެކަމުގައި ބައިވެރިނުވެވުނީ ކަމަށް ބުނެފައިވާކަން ސުއޫދު ފާހަގަކުރެއްވި އެވެ.

އެއްވުން ކުރިއަށް ދަނިކޮށް، ހަރުކަށި ފިކުރުގެ މީހުން ގޮސް ހިލްއަތުގެ ބޯ ފަޅާލައި އާމިނަތު ސުލްތޯނާ ނަމަކަށް ކިޔާ އަންހެނަކަށް މަރުގެ އިންޒާރުދިން ކަމަށް ސުއޫދު ވިދާޅުވި އެވެ. ސުލްތޯނާ އަށް ލިބެމުންދިޔަ އިންޒާރުތަކާ ހެދި އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ.

ހިލްއަތުގެ ބޯ ފަޅާލައި ސުލްތޯނާއަށް ދިން އިންޒާރުގެ މައްސަލަ، ސުލްތޯނާ އެ ދުވަހު ފުލުހަށް ހުށަހެޅި އެވެ. ނަމަވެސް ފުލުހުން އެކަން ބަލާފައިނުވާ ކަމަށް ވިދާޅުވި އެވެ.

(ކ-ވ) ރިލްވާން، އަފްރާޝީމް އަދި ޔާމީން: މި އެންމެންނަށް ފާރަލައި ހަމަލާ ދިނުމުގެ ފަހަތުގައި އުޅެނީ އެއް ބައެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައި.

ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންގެ ތެރެއިން އެކަކަކީ އިސްމާއިލް އަބްދުއްރަހީމް (އާދަމް) ނަމަކަށް ކިޔާ މީހެކެވެ. ޖެނުއަރީ 2015 ގައި ސީރިއާ އަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރުކައިރިން ހައްޔަރުކޮށްގެން އޭނާ ރާއްޖެ ގެނެސްފައިވެ އެވެ. އާދަމްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ތުރުކީ ސަރުކާރުން ލިބެންޖެހޭ ލިޔުމެއް ނުލިބިގެން، އޭނާގެ މައްޗަށް ކުރި ދައުވާ ޖެހުނީ އަނބުރާ ގެންދާށެވެ.

އެ އެއްވުމަށް ހުރަސްއެޅި ދީނީ ހަރުކަށި ޖަމާއަތުގެ މީހުން ފުލުހުން ހޯދާފައިވާއިރު އެމީހުންގެ ލިސްޓެއް، ފުލުހުންގެ އަތުގައި އެބައޮތް ކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، މެއި 10، 2012 ގައި އަމީނީމަގުން ހިލްއަތަށް ހަމަލާ ދީ، ޖޫން 4، 2012 ގައި ހިލްއަތުގެ ކަރުގައި ވަޅިއެޅީ ވެސް ހަރުކަށި ފިކުރުމުގެ މީހުންނެވެ. މީގެ އިތުރުން އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ދުވަހު ދާރޫލް އާސާރުގައި ހުރި ބުދުތައް ތަޅާލައި ގެއްލުން ދީފައިވަނީ ވެސް ހަމަ މި މީހުން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

ސުއޫދު ވިދާޅުވިގޮތުގައި ޑިސެމްބަރު 10، 2011 ގައި ބޭއްވި އެއްވުމަށް ހުރަސްއެޅި ބަޔަކު ވަނީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަަކޮށްލި ދުވަހުގެ ހެނދުނު ފްލައިޓް QR381 އިން ގަތަރަށް ގޮސްފަ އެވެ. އެއަށްފަހު އެމީހުން ސީރިޔާއަށް އެތެރެވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ޖިހާދީ ފިކުރުގެ މީހުން ހަރަކާތްތެރިވަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގަ އެވެ. އެ ޖަމާއަތުން އެކި ފަހަރުމަތިން މިނިވަން ފިކުރުގެ މީހުންނަށް ފާރަލާފައިވާއިރު، ރިލްވާން ވަގަށް ނެގުމުގެ މަހެއް ކުރިން، އޭނާއަށް އިސްމާއިލް އަބްދުއްރަހީމް ފާރަލަމުންދާކަން ރިލްވާން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ސީރިއާގެ ހަނގުރާމަވެރިންނާއި ރިލްވާންގެ މުއާމަލާތްތަކެއް

ހަރުކަށި ޖަމާއަތަކީ ރާއްޖެއިން ހަނގުރާމައަށް ދާ މީހުން ރެކްރޫޓުކުރުމަށް މަސައްކަތްކުރާ ބައެކެވެ. އެމީހުން ސޯޝަލް މީޑިއާގައި ބޭނުންކޮށްފައިވާ އެއް ނަމަކީ "ޝަރިއާ ފޯ މޯލްޑިވްސް" ގެ ނަމެވެ. އެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ޖުލައި 26، 2014 ގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަމަޟާން މަސް ނިމުމުން، ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އަލުން ފަށާނެ ކަމަށެވެ.

އެ ޖަމާއަތާ ގުޅުން އޮންނަ ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިން ނިސްބަތްވާ މީހުން ބޭނުންކޮށްފައިވަނީ "ބިލާދުއްޝާމް މީޑިއާ" ގެ ނަމެވެ. އެމީހުން ހަރަކާތްތެރިވެފައިވަނީ ޖަމާއަތެއްގެ ގޮތުގައި ކަމަށްވާއިރު އެ ޖަމާއަތާއި ރިލްވާނާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާކަން އެނގޭކަމަށް ސުއޫދު ވިދާޅުވި އެވެ.އެ ވާހަކަތަކަކީ މެއި 5، 2014 އަދި މެއި 27، 2014 ގައި މިނިވަން ނޫހުގައި ރިލްވާން ލިޔުނު ލިޔުމަކާ ގުޅިގެންނެވެ.

އެއަށްފަހު 27 މެއި ގައި ބިލާދުއްޝާމް މީޑިއާގެ އެޑްމިން، އަބޫ ދުޖާންއާ ރިލްވާން މެސެންޖާ އިން ދައްކާފައި ހުރި ވާހަކަތަކުން އެނގުނީ، ސުއޫދު ވިދާޅުވި ގޮތުގައި، ސީރިއާ އަށް ގޮސްފައިވާ ދިވެހިންގެ މައުލޫމާތާއި އެމީހުންނާ ގުޅުން އޮންނަ ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާއަތުގެ މައުލޫމާތު ރާއްޖޭގެ ފުލުހުންނާއި އެހެނިހެން ފަރާތްތަކަށް ރިލްވާން ދޭ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރިލްވާން އިންކާރުކުރެ އެވެ.

އަޅުގަނޑުމެން ދޭހަވަނީ އަބޫދުޖާނާއި ރިލްވާން އަބްދުﷲއާ 27 މެއި 2014 ގައި ދައްކާފައި ހުރި ވާހަކަތަކުން، ރިލްވާން މަރާލަން ނިންމާފައި ސީރިއާގައި ހަރަކާތްތެރިވާ ޖަމާއަތުންނާއި ސިީރިއާ އަށް ދިވެހިން ފޮނުވާ ޖިހާދީ ފިކުރުގެ ޖަމާއަތުންކަން: ސުއޫދު

ރިލްވާން މިނިވަން ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން، އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެފައި ވާތީ އެކަމާ ދެކޮޅަށް ރިލްވާން ކޮށްފައިވާ މެސެޖުތަކެއް ސުއޫދު ހާމަކުރެއްވި އެވެ. ރިލްވާން އެ މެސެޖުތަކުގައި ބުނެފައިވަނީ އޭނާ އަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހެއް ކަމަށް ނުބުނެވޭނެ ކަމަށާއި ދުވަހަކު ވެސް ﷲ އާއި ރަސޫލާ އަށް ފުރައްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި މީސްމީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދެއްކުމަށާއި މައްސަލައެއް އޮތް ނަމަ ސީދާ އޭނާއާ ވާހަކަ ދައްކަން ވެސް އެދިފައިވެ އެވެ.

ރައްދުގައި ބިލާދުއްޝާމުން ބުނެފައިވަނީ ރިލްވާނާއި އެ ޖަމާއަތާ ދެމެދު އެއްވެސް އެއްބާރުލުމެއް ނޯންނާނެ ކަމަށެވެ. އެކަން ސާފުކޮށް، އެނގުމަކުން އެނގެން އޮންނާނެ ކަމަށާއި އަދި ރިލްވާނަށް އޮތީ ކުރު ދުވަސްތަކެއް ކަމަށް ބުނެފައި ވެ އެވެ.

"އަޅުގަނޑުމެން ދޭހަވަނީ އަބޫދުޖާނާއި ރިލްވާން އަބްދުﷲއާ 27 މެއި 2014 ގައި ދައްކާފައި ހުރި ވާހަކަތަކުން، ރިލްވާން މަރާލަން ނިންމާފައި ސީރިއާގައި ހަރަކާތްތެރިވާ ޖަމާއަތުންނާއި ސިީރިއާ އަށް ދިވެހިން ފޮނުވާ ޖިހާދީ ފިކުރުގެ ޖަމާއަތުންކަން،" ސުއޫދު ވިދާޅުވި އެވެ.

ބިލާދުއްޝާމްގެ މީޑިއާ އިން ބުނާގޮތުން އެ ގްރޫޕުގެ ފައުންޑަރަކީ އަބޫދުޖާން އާލް މާލްދީފެވެ. އޭނާގެ އަސްލު ނަމެއް އެ ގްރޫޕުން ނުބުންޏަސް ރާއްޖޭގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމީހާގެ ނަމަކީ މ. ޖޯޖިއާ ޔާމިން ނައީމެވެ. ސެޕްޓެމްބަރު 2014 ގައި ސީރިއާގައި އޭނާ ވަނީ މަރުވެފަ އެވެ.

ރާއްޖޭން މީހުން ހަނގުރާމަ އަށް ފޮނުވުން

ސުއޫދު ވިދާޅުވީ ޑިސެމްބަރު 10، 2011 ވަނަ ދުވަހު މިނިވަން ފިކުރަށް ތާއިދުކުރާ މީހުން ބޭއްވި އެއްވުމަށް ހުރަސްއެޅި ފަރާތްތަކުން ހަނގުރާމަ އަށް މީހުން ފޮނުވާ ކަމަށެވެ. ހެކި ލިބިފައިވާ ގޮތުގައި، އެ ޖަމާއަތަކީ ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލުމާއި އއ. ހިމަންދޫގެ ދީނީ ހަމަނުޖެހުމުގައި ވެސް ޝާމިލްވާ ބައެކެވެ. އެއަށް ފަހު 2008-2009 ހިސާބުގައި އަލްގައިދާ ޖަމާއަތާ ރާއްޖޭގެ ޖަމާއަތް ގުޅި، އެ ފަރާތާ މަޝްވަރާކޮށް އެ ފަރާތުގެ ދަށުން ރާއްޖޭގެ ޖަމާއަތް ހިންގަން ފަށާފައިވެ އެވެ.

އެއަށްފަހު ޖޫން 2014 ގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިއުލާނުކުރުމުން ރާއްޖޭގައި ހިނގަމުން ދިޔަ އަލްގައިދާ ޖަމާއަތުގެ ލީޑަޝިޕް ދެ ބައިވެގެން ދިޔަ އެވެ. އެއްބަޔަކީ އަބޫބަކްރު އަލް ބަޣްދާދީ ނިސްބަތްވާ އައިއެސްއަށް ބައިއަތު ހިފި ބައެވެ. އަނެއް ބަޔަކީ ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ނުސްރާ ޖަމާއަތަށް ތަބާވާ އަލްގައިދާ މީހުންނެވެ.

އެ ދެ ޖަމާއަތުން ވެސް، ހަނގުރާމައަށް ދިއުމަށް މީހުން ރެކްރޫޓުކުރަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތު ސަރަަހައްދުގައި ކަމަށާއި އާއްމުކޮށް ރެކްރޫޓުކުރަނީ އެކަނިވެރިހެން ހީވާ ޅަފުރައިގެ ކުދިން ހޯދައި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެމީހުންނަށް ދީން އޮޅުންފިލުވައިދިނުމުގެ ނަމުގައި ދަރުސްދޭން ގެންގޮސް އެމީހުންނަށް ޖިހާދީ ފިކުރުގެ ވީޑިއޯ އާއި ފޮތްތަކާއި ދަރުސްތައް ދީގެން އެ މަސައްކަތް އެމީހުން ކުރަމުން ގެންދަނީ،" ސުއޫދު ވިދާޅުވި އެވެ.

އެ ޖަމާއަތް މަސައްކަތްކުރާ ގޮތް ވެސް ސުއޫދު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވައިފަ އެވެ. އެގޮތުން ނަސޭހަތްދިނުމަށް ވަކި ބަޔަކު، ފައިނޭންސް ކުރުމަށް ވެސް ވަކި ބަޔަކު މަސައްކަތްކުރެ އެވެ. ނަސޭހަތްދޭ މީހުން ފޮރުވިފައި ނުތިއްބަސް މިޝަން ހިންގާ މީހުންނަކީ މަރާއި ލޭގެ ކަންތައްތައް ހިންގާ މީހުންނެވެ. ފައިނޭންސް ކުރާ މީހުން ވެސް ތިބޭނީ އަޑީގަ އެވެ.

ހަނގުރާމަ އަށް ދިޔަ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު

ސުއޫދު ވިދާޅުވީ އެމީހުން ތުނބުޅި ދިގުކޮށްފައި ނުހުންނަ ކަމަށާއި ބަސްމޮށުންތެރިކަން ވެސް ހުންނާނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. ފޯނުން ވާހަކަދައްކާއިރު ސަލާމެއް ނުގޮވާނެ ކަމަށާއި ފަޓްލޫނުގެ ފައިކުރި ވެސް ހުންނާނީ ދިގުކޮށް ކަމަށް ވިދާޅުވި އެވެ.

އަލްގައިދާގެ ލީޑަޝިޕް ދެ ބަޔަކަށް ބެހުނުއިރު، އައިއެސް ފަޅީގެ ލީޑަރަކީ ޏ. ފުވައްމުލަކު، ހަރިއްޔާ ވިލާ، މުުހައްމަދު އަމީނެވެ. ނުސްރާ އަށް ވާގިދޭ ފަޅީގައި އިސްކޮށް އުޅުނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހެކެވެ. މަޒީދަކީ ސަލްޓަންޕާކުގައި ބޮން ގޮއްވުމަށް ފަހު ޕާކިސްތާނަށް ގޮސް ތަމްރީނުވެފައިވާ މީހެކެވެ.

ނުސްރާ އަށް ތާއިދުކުރާ މީހުންނަކީ "ލޭގެ ކަންކަން ހިންގަން" ނުވަތަ މީހުން މެރުމަށް ރާއްޖޭގައި ތިބި މީހުންނެވެ. އައިއެސް އަށް ތާއިދުކުރާ މީހުން، ރާއްޖޭގައި ލޭ އޮހުރުވުމަށް ތާއީދެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެ ޖަމާއަތަށް ފަންޑުކުރުމަށް ރާއްޖޭގައި ފޮތި ފިހާރަތަކާއި ތަރުކާރީ ވިއްކާ ފިހާރަތަކާއި ހޮޓާތަކާއި ކަންނެލި ދޯނި ހިންގަ އެވެ. އެ އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ހިންގާ މީހަކީ އައްޑޫގައި ހުރި މީހެކެވެ. އޭނާއާ ގުޅޭގޮތުން ހެކިބަސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ރިލްވާން ގެއްލުމުން އެކަން ތަހުގީގުކުރަން ގޮވާލައި ބޭއްވި ހިނގާލުމެއްގައި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު (ވ) ބައިވެރިވަނީ. ފަހުން ވަނީ ޔާމީން ވެސް މަރާލާފައި

ސުއޫދު ވިދާޅުވީ ހަރުކަށި ފިކުރުމުގެ މީހުން ޖަމާއަތް ހިނގަނީ ސެލްތަކެއް މައްޗަށް ކަމަށެވެ. އެ ކޮންމެ ސެލްއެއްގައި ހިމެނެނީ 6-8 މީހުންނެވެ. ކުދިކުދި ސެލްތަކަށް ބެހުމަށްފަހު ބޮޑެތި މިޝަންތައް ހަވާލުކުރާއިރު، އެތަނުން އެއް ސެލް އަތުލައިގަނެވުނަސް އެކަމަށް ހަރަދުކުރާ މީހުންނާއި އަޑީގައި ތިބި މީހުން ހޯދައެއް ނުގަނެވެ އެވެ. ރިލްވާންގެ މައްސަލައިގައި ވެސް ކަންތައް ވެގެންދިޔައީ އެހެންކަމަށް ވިދާޅުވި އެވެ.

އެ ސެލްތަކުގައި އަމީރެއް ހުންނަ ކަމަށާއި މީހުން ރެކްރޫޓުކުރަން ހަވާލުކޮށްފައި ހުންނަނީ އެ ސެލްއެއްގެ އަމީރަށް ކަމަށްވެ އެވެ. މިސްކިތުން ފެންނަ ކުދިންނަށް އަމީރު، ފުރަތަމަ ދައްކަނީ އުއްމަތުގެ ހާލަތުގެ ވާހަކަ އެވެ. އެއަށްފަހު ޖަޒުބާތުގައި ޖެއްސުމަށް ވީޑިއޯތަކެއް ދެ އެވެ. އިތުރު ރައްޓެހިންނާ ކުޑަކޮށް އެ ވާހަކަތައް ދެއްކުމަށް ބުނެ އެވެ. ރައްޓެހިން އެއްވެގެން ވީޑިއޯ ބަލަން ބުނާ ކަމަށާއި، އެއަށްފަހު އަމީރު ރެކްރޫޓުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ފަހު އެމީހުންނަކީ އައިއެސް އިން ރާއްޖެ ކަނޑައަޅާފައިވާ މީހުން ކަމަށް ބުނެ އެވެ. އެއަށްފަހު ސެލްތަކަށް މަސައްކަތްތައް ހަވާލުކުރަނީ، ސުއޫދު ވިދާޅުވި ގޮތުން ނަމަ، އަމީރުގެ އަމުރަށް ކިޔަމަންވާން ޖެހޭކަން ވިސްނައިދީފަ އެވެ. އަދި އެ މީހުން ތަމްރީނުވުމުން، އެ މީހުންނާ މެދު ޔަގީންކަން ލިބުމުންނެވެ.

އެއް ސެލްގައި މަސައްކަތްކުރާ ގޮތް އަނެއް ސެލްއަކަށް އެއްގޮތަކަށް ވެސް ނޭނގޭނެ އެވެ. ސެލްތަކަށް މީހުން ރެކްރޫޓުކުރާ ގޮތުގެ ހެކިބަސް ވެސް ލިބިފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތް ފެތުރިފައި އޮތީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ދުރަށް މޫލާފައި އޮތީ. އަޅުގަނޑުމެންގެ ތެރޭގައި. ފެތުރިފައި އޮތީ. އެއަށް އެބަޖެހޭ ކަންތައްތަކެއް ކުރަން. އެ ޖަމާއަތް މުލުން އުފުރާލަން އެބަ ޖެހޭ. ޅަދަރީން ރެކްރޫޓުކޮށް ހަނގުރާމައަށް ފޮނުވާ، އެ ޖަމާއަތުން ކުރާ ވިޔަފާރިތައް ހުއްޓުވާލަން އެބަޖެހޭ. އެ ޖަމާއަތުން ހޯދާ އާމްދަނީތައް، މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ކުރާ ހަރަދު ހުއްޓުވަންޖެހޭ. އެކަން ކުރެވޭނީ އިތުރު ތަހުގީގުތަކެއް ކޮށްގެން،" ސުއޫދު ވިދާޅުވި އެވެ.

84 ކޮމެންޓް, 245 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 59%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

03 September 2019

އަދީބުއާއި ކުރީގެ ރައީސް ޔާމީނު ފަންޑިތަ ހަދައިގެން މިކަން ޑައިވާޓު ކުރަންޖެހޭ ސަބަބަކީ ކޮބައިބާ؟ ސުއޫދު ތިޔަ ކިޔާއެއްޗެއް ދެކޮޅެއްނުޖެހޭ، ހީވަނީ ހަގީގަތް އޮޅުވާލަން ދައްކާ ވާހަކަތަކެއްހެން، ފުލުހުން މީން އެއްވެސް މަޢުލޫމާތެއް 5 އަހަރު ވީއިރުވެސް ހާމަކޮށްފައިނުވުމާއި މިހާރު ސުއޫދު ދައްކާ ވާހަކަތަކުންވެސް މިކަމުގައި އެއްވެސް ބަޔަކަށް އަދަބު ދެވޭނެ ކޮޅެއްނުފެނުމާ މިސަބަބުތަކާހުރެ ބެލެވެނީ ސުއޫދުމެން މަސައްކަތް ކުރަނީ މިކަން ޗާޓުން ފޮހެލަންކަމަށް

The name is already taken The name is available. Register?

1111

03 September 2019

...ދީނުގެ ކަންކަމަށް ޢަމަލު ނުކުރާ ނުވަތަ ފަރުވާ ކުޑަކުރާ އަދިި އެމީހެއްގެ ސިިިކުނޑިއަށް ވިސްނޭ ގޮތަކަށް ޢަމަލުކުރާ ތިބުނާ މިނިވަން ފިކުރުގެ މިީހުން ވަނީ ހުދޫދުގެ ތެރޭގައިތޯ؟ މިމީހުން މިތިިބީ ހައްދުފަހަނައަޅާތޯ؟ ރާއްޖޭގައިިިވެސް ގިނައީ ތިބުނާ މިނިވަން ފިކުރުގެ މީހުންނޫތޯ! މިމީހުން ގިިިނައީވެސް ސިޔާސީ އިިސްމީހުންނާއި އެކްޓވިސްޓުންގެ ތެރޭގައި. މިހާރު ގިިނަ އާންމުންވެސް ދަނިީ ތި ފިކުރުގައި ޖެެެެހެމުން.

The name is already taken The name is available. Register?

1111

03 September 2019

މި ހޯދުންތައް ގޯހެއްނޫން! މިއިން ސާފްކޮށް ހާމަވޭ ދެކޮޅުންވެސް ﷲގެ އިންތަށް ފަހަނައަޅާގޮސް ހައްދުފަހަނައަޅާފައިވާ ބަޔަކު އުޅޭކަން. އެއީ މާކުރިންވެސް އެނގޭކަންތައް. މިހާރު މިބުވެނީ ހެއްކާއި އެކު. ގިނަ ބަޔަކަށް ހިވަނީ ދީނަށް ޢަމަލުކުރުމުގައިިި އެކަނިކަމަށް ހައްދުފަހަމައަޅަނީ. ނުވަތަ ހަމައެކަނި އެފަދަ މީހުންނަކިީ ކަަމަށް ހައްދުފަހަނާޅާފައިވާ ބަޔަކީ...

The name is already taken The name is available. Register?

ހަައްދުފަހަނަ

02 September 2019

ހަައްދުފަހަނަ އަޅާފައިވާ ހަރުކަށި މިނިވަން ފިކުރު ނައްތާލަން ޖެހޭ

The name is already taken The name is available. Register?

އަލީގ

02 September 2019

ކޮންމެ ފިކުރެއްގެކަމައްވިޔަސް މިކަހަލަ ބަޔަކު ގައުމުގަ އުފެދުމަކީ ހުރިހާ އެންމެންނައްވެސް ބޮޑު ނުރައްކަލެެއް. މިބުނީ އަމިއްލަ ސިކުނޑިން ވިސްނުމަކާ ނުލައި ބޮޑަކައްހުންނަ މީހާ އެންގުމުން ޖެހިލުމެއްނެތި ކޮންމެފަދަކަމެއްވެސް ކުރާކަހަލަ ބައެއްގެވާހަކަ. މިމީހުންގެ ބޭނުން އެހެންގޮތްގޮތައް ހިފާނެ މީހުންވެސް ތިބެދާނެ. ބޮޑަކައްހުންނަމީހާ ބޭނުންކޮއްގެން ކޮންމެފަދަކަމެއްވެސް ކުރުވިދާނެ.

The name is already taken The name is available. Register?

އިބްރާ

02 September 2019

ކޮބައިތޯ ތި ވިދާޅުވާ މިނިވަން ފިކުރަކީ؟؟ އެއީ ދީނީ މިނިވަމަށް ގޮވާލާ، ﷲއަށާއި ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ހަޖޫ ޖެހުންތޯ؟؟ އެހެންކަމަށް ވާނަމަ ޖިހާދީ ފިކުރަށްވުރެ މި ޤައުމަށް ނުރައްކާ ބޮޑި ތިޔަ މިނިވަން ފިކުރު... ވަރަށް ޝުކުރު..

The name is already taken The name is available. Register?

އަހަރުމެމެންނައްކޮން

02 September 2019

ވެރިންބިރުގަނޭތަ؟

The name is already taken The name is available. Register?

އިޙްސާސް

02 September 2019

މިއޮއްހާދުވަހު ރައީސް ޔާމީނޭ ދެން ތިކިއްޔޯ؟ އޭނާގެ ބައިތައް މިކަމުގައި ހުރިނަމަ ތިލަކޮށްދީ؟

The name is already taken The name is available. Register?

އަލިޒީ

02 September 2019

ފިކުރު ހަރުކަށި ވެގެންނެއް ނުވާނެ . ފިކުރަކީ ސިކުންޑީގަވާ ހިޔާލުތަކެއް. އެ ހިޔާލުތަކުގެ ބަހުސްކުރެވެން ޖެހޭނީ ފިކުރީ މައިދާނުގަ. ލޮޖިކާ ހުއްޖަތް ދައްކައިގެން . ކިތަންމެ ނުބައި ހިޔާލުތަކެއްވެސް ބަލި ކުރެވޭނީ ވިސްުނުން ބަދަލުކުރުވައިގެން . ތަފާތު ހިޔާލުގެ މީހުން ހައްޔަރު ކޮށް މަރަން ގޮވާ މީހުން މެރުމކީ ހަރުކަށި ފިކުރެއް. އެގޮތަކަށް ވިސްނުމާ ފިކުރު ބަދަލެއ ނުކުރެވޭނެ. އޭގެން ދައްކުވައިދެނީތިމާގެ ފިކުރުގެ ބަލިކަށިކަން.

The name is already taken The name is available. Register?

ހިޔާލު3

02 September 2019

މާލަސްވެއްޖެނޫންތޯ މިހާރު ކުއްލިނުރައްކަލުގެ ހާލަތުނެރެ ތިފަދަ ޖަރީމާތަކުގެ ބައިވެރިން ވަގުތުއް ހައްޔަރުކޮށް ގާނޫނީ ބާރުވެރިކަން .ނަގާ ދަމަހައްޓަން ފުލުހުންނާ.ސިފައިންނެރެންޖެހޭނެ ނޫންތޯ.

The name is already taken The name is available. Register?

ވަހީދު

02 September 2019

ސުއޫދު ދައްކާ މިކަހަލަ ކަހީނު ވާހަކަތައް ޤަބޫލު ކޮށްގެންދޯ ތިހުރީ. ރާއްޖޭގައި ސިފައިންނާއި ފުލުހުންގެ ވެސް އިންޓެލިޖެންސް އޮވޭ. އެމީހުންނަށް ނޭނގޭ ވާހަކައެއް ސޫދަކަށް ނޭނގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454