ރިލްވާންގެ މައްސަލައިގައި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދެން ޖެހޭނީ ކޮމިޝަނުން: ސީޕީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި މިހާރު އޮތީ ހަމަ އެކަނި ރިޔާސީ ކޮމިޝަނަށް ކަމަށާއި އެހެންވީމާ އެ މައްސަލައިގައި މީހުން ހައްޔަރު ކުރަން ކޯޓު އަމުރު ހޯދަން ޖެހޭނީ ކޮމިޝަނުން ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.


ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާންގެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެކުލަވައިލި ރިޕޯޓް އާއްމުވި އިރު ތުހުމަތު ކުރެވޭ ބައެއް މީހުންގެ ނަންތައް ހިމަނާފައި ވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ހައްުޔަރުކޮށްފައި ނުވާތީ ފުލުހުންނަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވައި ހަމީދު މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ގާނޫނު (ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ގާނޫނު)ގެ ދަށުން، ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު މިހާރު އޮތް ހަމައެކަނި އިދާރާއަކީ ރިޔާސީ ކޮމިޝަން ކަމަށެވެ. [އެ މައްސަލަޔާ ގުޅޭ ގޮތުން] ހައްޔަރުކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ކޯޓް އަމުރު ހޯދުުމުގެ ފުރިހަމަ ބާރު ހަމަ އެ ގާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ތަހުގީގީ އިދާރާއަކީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށް ނުވާތީ، ތަހުގީގީ އިދާރާއެއްގެ ގޮތުން، ހައްޔަރު ކުރުމުގެ އަމުރުކަށް އެދި ހުށައެއް ނޭޅޭނެ،" ޓްވީޓްގައި ހަމީދު ވިދާޅުވި އެވެ.

ޓްވީޓްގެ ސިލްސިލާ ނިންމަވައިލައްވަމުން އޭނާ ވިދާޅުވީ މީހަކު ހައްޔަރު ކުރުމަށް ކޮމިޝަނުން ކޯޓް އަމުރެއް ހޯދައިފި ނަމަ އެކަމުގައި ފުލުހުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިލްވާން ގެއްލުވައިލި މައްސަލަ ތަހްގީގުކުރުމަށް ފަހު އެކުލަވައިލި ރިޕޯޓްގައި ބައެއް ފުލުހުންނަށް ވެސް ތުހުމަތުތައް ކޮށްފައި ވެ އެވެ. އެގޮތުން ތުހުމަތުވާ ދެ ފުލުހަކު ހައްޔަރު ކުރަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށާއި ފުލުހުންނަށް އަންގަވާފަ އެވެ. އެހެން ނަމަވެސް އެ ލަފަޔާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރު ކުރެވޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ މައްސަލައިގައި އިންޓެލްގައި ކުރިން މަސައްކަތް ކުރި ދެ ފުލުހުން ކަމަށްވާ މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތުގެ މައްޗަށް ޖިނާއީ އިޖުރާއަތްތަކެއް ހިންގުމުގެ ކުރިން ރިޔާސީ ކޮމިޝަނާ ފޯނުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތަށް ކުރި މަޝްވަރާގައި، ކޮމިޝަނުން މިހާތަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން ރިފްއަތާއި ޖިނާހު ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް، ދެ ފުލުހުންނަށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަަކައި އެ ފުލުހުންގެ މައްސަލަ ތަހުގީގުކުރަން ފެންނަ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.