ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީއަށް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ (241 ކޮމިޓީ) އަށް ރިޔާސީ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން އެޖެންޑާ ކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެމްބަރުން، މާދަމާ ހެނދުނު 10:00 ގައި ގައުމީ ސަލާމަތުގެ ކޮމިޓީން ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން 241 ކޮމިޓީން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފުލުހުންގެ ވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިލްވާންގެ މައްސަލައިގެ ރިޕޯޓްގައި ތުހުމަތު ކޮށްފައިވާ ދެ ފުލުހަކު ހައްޔަރުކޮށްފައި ނުވަނީ އެ ދެ ފުލުހުން ހައްޔަރު ކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ބުނެފައިވާތީ ކަމަށެެވެ. ފުލުހުން އެހެން ބުނި އިރު އެ ދެ މީހުން ހައްޔަރު ކުރަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އޮތީ ފުލުހުންނަށް އަންގަވައިފަ އެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ އާއްމުންގެ މީހަކު ވެސް އަދި ހައްޔަރެއް ނުކުރެ އެވެ. އެހެންވެ ބައެއް ފަރާތްތަކުން ފުލުހުންނަށް ފާޑުކިޔަމުން ދަނިކޮށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ އެ މައްސަލައިގައި މީހުން ހައްޔަރުކުރަން ކޯޓް އަމުރަށް އެދެވޭނީ ކޮމިޝަނަށް ކަމަށެވެ.

މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ގާނޫނު (ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ގާނޫނު)ގެ ދަށުން، ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު މިހާރު އޮތް ހަމައެކަނި އިދާރާއަކީ ރިޔާސީ ކޮމިޝަން ކަމަށެވެ. [އެ މައްސަލަޔާ ގުޅޭ ގޮތުން] ހައްޔަރުކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ކޯޓް އަމުރު ހޯދުުމުގެ ފުރިހަމަ ބާރު ހަމަ އެ ގާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ތަހުގީގީ އިދާރާއަކީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށް ނުވާތީ، ތަހުގީގީ އިދާރާއެއްގެ ގޮތުން، ހައްޔަރު ކުރުމުގެ އަމުރުކަށް އެދި ހުށައެއް ނޭޅޭނެ،" ޓްވީޓްގައި ހަމީދު ވިދާޅުވި އެވެ.