ފުލުހުންގެ އޮޕަރޭޝަން ކަނޑުމަތީގައި ވެސް ފަށައިފި

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާން މިއަދު ފަށައިފި އެވެ.


ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ސްވޮޓްގެ ޓީމަކުން ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ލޯންޗެއްގައި މިއަދު އެއް ނަމްބަރު ފާލަމުން ފުރައިފަ އެވެ. އޮޕަރޭޝަނެއް ކަނޑުމަތީގައި ކުރިއަށް ގެންދާކަން ޔަގީންކޮށްދިނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލައިފަ އެވެ. ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އެކަން ކުރީ ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރި ހުއްޓާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ޑިންގީއަކަށް އަރުވައި، އޭގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވައިގެން ކަމަށް ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ރިޕޯޓްގައިވާ ގޮތުން އއ. އުކުޅަހު އެ ދޯނީގެ ވެރިޔާ އަކީ އެ ރަށު މާވަޑިއާގޭ މުހައްމަދު ރާޝިދު ނަމަކަށް ކިޔާ މީހެކެވެ. ރިލްވާން މަރާލުމަށް އެ ދޯނި ހަމަޖެއްސީ ސ. ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑް) ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. ފުލުހުން ރޭ ވަނީ އޭނާގެ ގެ އާއި ފިހާރަ ވެސް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން މިހާރު ވެސް އަންނަނީ މާލޭގެ ތިން ގެއެއް ބަލައި ފާސްކުރަމުންނެވެ. ރޭ ވަނީ މާލޭގެ އަށް ގެއަކާއި އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންތަކުގައި ވެސް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރިޔާސީ ކޮމިޝަންގެ އެންގުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ހަތިޔާރާ އެކު ސިފައިން ވެސް ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.