ރިލްވާންގެ މައްސަލައިގެ ރިޕޯޓާ މެދު މަޝްވަރާ ކުރާ ކޮމިޓީ ސިއްރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅޭ ގޮތުން އެ ކޮމިޝަނާ މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެޖެންޑާ ކުރި ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.


ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެންމެ ފުރަތަމަ މަޖިލިހަށް ހާޒިރުވާން އޮތީ މިއަދު ހެނދުނު 10 ޖަހާ އިރަށެވެ. އެކަމަކު، އެ ބައްދަލުވުން މިއަދު ދޭއް ޖެހި އިރަށް ފަހުން ފަސް ކުރި އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގާ ގުޅޭ ގޮތުން ގިނަ ބައެއްގެ ސުވާލުތައް އެ ކޮމިޝަނަށް އަމާޒުވެފައިވާ ދަނޑިވަޅުގައި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު އައްބާސް ހާޒިރު ކުރި ފަހުންނެވެ. އަދި އެ ބައްދަލުވުން ސިއްރު ކުރީ މީޑިއާތައް ވެސް މަޖިލިހަށް ގެންދިޔަ ފަހުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރިލްވާންގެ މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން 241 ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ވެރިންނާ އެކީ ބައްދަލުވުމެއް ބޭއްވި އިރު، އެ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ މީޑިއާއާ ނުލަ އެވެ.

ރިޔާސީ ކޮމިޝަނަށް މިވަގުތު އަންނަ އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ ރިލްވާންގެ މައްސަލައިގައި މިހާތަނަށް ވަރަށް ތަފްސީލްކޮށް، ރިޔާސީ ކޮމިޝަންގެ ފަރާތުން ސުއޫދު ވާހަކަ ދެއްކެވި ނަމަވެސް ޑްރާފްޓް ރިޕޯޓު އާންމު ކުރުމާ އެކު އޭގައި ހުރި ކަންކަމަށް އަންނަ ފާޑުކިޔުންތަކަށް ޖަވާބުދާރީ ނުވާތީ އެވެ.

ރިލްވާން ގެއްލުވައިލުމާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގެ ބައެއް މައުލޫމާތު މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަނުން ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި އެ ތަހުގީގުގެ ޑްރާފްޓް ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާކޮށްފަ އެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ މީހުންގެ ނަންތައްވެސް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ފުލުހުންނާއި ދީނީ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ކަމަށް ބުނެފައިވާ އާންމުންގެ ނަންތައް ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާ އިރު، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.