ދެ ފުލުހުން ކުރިން ސަސްޕެންޑް ކުރީ އެހެން މައްސަލައެއްގައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލަވައިލި ޑްރާފްޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ދެ ފުލުހުން 2017 ވަނަ އަހަރު ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ގޮތްނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަަތައް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެެއްދެވި ކޮމިޝަންގެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވަނީ ރިލްވާން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ދެއްކުމަށް، އޭނާގެ ޕާސްޕޯޓެއް ހަދަން އިންޓެލިޖެންސްގެ ދެ މީހަކު މަސައްކަތްކުރި ކަމަށެވެ.

އެ ދެމީހުން ހައްޔަރު ކުރަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ފުލުހުންނަށް ލަފާ ދެއްވި ނަމަވެސް ފުލުހުން ބުނީ އެމީހުން ހައްޔަރުކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އެ ދެފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފެށުމުން ޖުލައި 13، 2017 ގައި ރަސްމީ މަސައްކަތުން އެމީހުން ދުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ފުލުހުން ރަސްމީ މަސައްކަތަށް ނެރުނީ ނޮވެމްބަރު 7، 2018 ގަ އެވެ. އެ ދެފުލުހުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް އަންނަނީ ބަލަމުންނެވެ.

އެ ދެ ފުލުހުން މަސައްކަތުން އެކަހެރިކޮށްފައި ވަނިކޮށް ވަޒީފާ އަށް ނެރުނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ވެސް ރަނގަޅު ވާހަކައެއް ނޫންކަން އިޒްމިއާ ފާހަގަކުރެއްވި އެވެ.

"މިހާރުގެ ރައީސް ހުވާކުރައްވާފައި ވަނީ 17 ނޮވެމްބަރު 2018 ގައި. އެ ދެފުލުހުން އަނބުރާ ވަޒީފާއަށް ނެރެފައި ވަނީ ހަތެއް ނޮވެމްބަރު 2018 ގައި. އޭރު ސީޕީއަކަށް ހުންނެވީ ސީޕީ ހަމްދޫން ރަޝީދު، އަދި އޮތީ ކުރީގެ ސަރުކާރު،" އޭނާ ވިދާޅުވި އެވެ.

އެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ގާނޫނުގެ ދަށުން، ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު މިހާރު އޮތް ހަމައެކަނި އިދާރާ އަކީ ރިޔާސީ ކޮމިޝަން ކަމަށެވެ.

"މި މައްސަލައިގައި ތަހުގީގީ އިދާރާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށް ނުވާތީ، ތަހުގީގީ އިދާރާއެއްގެ ގޮތުން، ހައްޔަރު ކުރުމުގެ އަމުރުކަށް އެދި ހުށައެއް ނޭޅޭނެ،" ޓްވީޓްގައި ހަމީދު ވިދާޅުވި އެވެ.

އެހެންވެ، ކޮމިޝަނުން ބަލާ މައްސަލައެއްގައި ހައްޔަރުކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ކޯޓް އަމުރު ހޯދުުމުގެ ފުރިހަމަ ބާރު ހަމަ އެ ގާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.