މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅު އަޅަންޖެހޭ: ރައީސް

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބޮޑުތަނުން މަދުވަމުން ދިއުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށާއި މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި "އިންޑިއަން އޯޝަން ކޮންފަރެންސް 2019" ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެޓްލާންޓިކް ކަނޑުގެ ކަނޑުމަހުގެ ސްޓޮކަށް ވީ ފަދަ ގޮތެއް އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކަށް ދިމާވެއްޖެ ނަމަ ހުރިހާ ގައުމަކަށް ވެސް އޭގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. އެޓްލާންޓިކް ކަނޑުގެ މަހުގެ ސްޓޮކް ހަލާކުވީ އެ ކަނޑު ހިއްސާކުރާ ގައުމުތަކުން އެޅި ފިޔަވަޅުތައް މަދުވުމާއި ފިޔަވަޅު އެޅިލެއް ލަސްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކަށް އެފަދަ ގޮތެއް ވެއްޖެ ނަމަ އަޅުގަނޑުމެންގެ ހުރިހާ މުޖުތަމައުތަކަށް ގެއްލުން ބޮޑު އަސަރުތަކެއް ކުރާނެ. ވަކިން ހާއްސަކޮށް އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކަށް،" ރައީސް ވިދާޅުވި އެވެ.

ދެމެހެއްޓެނެވި މަސްވެރިކަމުގެ އުސޫލުތައް ހިފަހައްޓައި މަހުގެ ސްޓޮކް ދަމަހައްޓަން ރާއްޖޭން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރަން އެކުވެރި ގައުމުތަކަށް ބާރުއަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކަނޑުމަހުގެ ސްޓޮކް ދަށަށް ދާ މައްސަލައިގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކާ ބެހޭ ގޮތުން ރައީސް ވާހަކަ ދެއްކެވި އެވެ. އެގޮތުން ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ ވާހަކަ ވެސް ތަފްސީލުކޮށް ދެއްވި އެވެ. އެއަށް ފަހު ވިދާޅުވީ ގަވައިދުތަކާއި އުސޫލުތައް ދެމެހެއްޓުމަށްޓަކައި މުއައްސަސާތައް ހަރުދަނާ ނުކޮށް، އެެއިން އެއްވެސް މައްސަލައަކަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

"ހަގީތަކީ، މި ހުރިހާ ދާއިރާއެއްގައި ގަވައިދާ ގާނޫނުތައް ހިންގައި، ކުރިއެރުން އަންނަވަރު ބަލާނެ މުއައްސަސާތަކެއް އަޅުގަނޑުމެންގެ ނެތިއްޔާ، މިއިން އެއްވެސް ގޮންޖެހުމަކާ ރަނގަޅަށް ކުރިމައްޗެއް ނުލެވޭނެކަން،" ރައީސް ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހިނގާ އިގުތިސާދީ ހަރަކާތް އެހެން ބައެއް ސަރަހައްދުތަކާ އަޅާ ބަލާއިރު މަދުކަމަށާއި މި ސަރަހައްދުގައި ވިޔަފާރިއަށް ހުރި ހުރަސްތައް ނައްތައިލެވިއްޖެ ނަމަ މިހާރަށް ވުރެެ ރަނގަޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އަދި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލަކްރިޝްނަން އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ހިމެނެ އެވެ.

ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.