ރައީސް، އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.


އިންޑިއަން އޯޝަން ކޮންފަރެންސަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސުބްރަމާނިއަމްއާ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައްދަލުކުރައްވައި ދެ ގައުމުގެ ޒަމާންވީ ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް ވަނީ ސުބްރަމާނިއަމަށް ފޮރިން މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ. އަދި ފޮރިން ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނަވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރުކަމުގައި ކުރިން ހުންނެވި ސުޝްމާ ސްވަރާޖް އަވަހާރަވުމަކީ އެ ގައުމަށް ލިބުނު ފޫ ނުބެއްދޭވަރުގެ ގެއްލުމެއްކަން ފާހަގަކުރައްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އިޖްތިމާއީ އަދި އިގުތިސޯދީ ގޮތުން ރާއްޖެ ތަރައްގީކުރުމާއި ވިޔަފާރި އާއި ސަރަހައްދީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަންކަމުގެ ނަތީޖާ އަށް ވާސިލްވުމަށްޓަކައި ރާއްޖެ އާއި އިންޑިއާ ދެމެދު ވާ އެއްބަސްވުންތަކާއި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ސަބަބުން ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.