ބީއެޗްއެމް ޓްރޭޑާސްގެ ބޮޑުު ފޭރުމާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ މިދިޔަ މާޗު 10 ވަނަ ދުވަހު ފޭރުމާ ގުޅިގެން ފުލުހުން ހަ މީހަކު ހައްޔަރުކުރި އެވެ. އަދި އެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ މެއި މަހު ޕީޖީއަށް ފޮނުވާފައިވެ އެވެ.
އެއީ، އެ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އެކަން ރާވައި، ފައިސާ ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއްގެ މައްޗަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ބީއެޗްއެމްގެ ފައިސާ ފޭރުމާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި ބޮޑު މީހަކަށް ދައުވާކޮށްފައިވާ ކަމަށެވެ. ބާކީތިބި ދެ މީހުންގެ މައްސަލައާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި އެ ފައިސާ ފޭރިގަތީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ކަމަށް، މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފައި ވެ އެވެ. އެކަމަކު، ސީދާ މިކަމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.