މިނިސްޓަރު ޝާހިދު އަނެއްކާ ވެސް ޗައިނާގެ ދަތުރު ތާވަލްކޮށްފި

މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި މި މަހު އެ ގައުމަށް ވަޑައިގަންނަވަން އަނެއްކާ ވެސް ތާވަލް ކުރައްވައިފި އެވެ. ޝާހިދު އެންމެ ފުރަތަމަ ޗައިނާ އަށް ވަޑައިގަންނަވަން ހަމަޖައްސަވާފައި އޮތީ މިދިޔަ ޖޫން މަހު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން އެ ދަތުރު ފަސްކޮށްލެއްވީ އެވެ.


ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގްއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރު މި މަހު އޮންނާނެ ކަމަށެވެ. އެ ދަތުރުގައި، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ޝާހިދުގެ ޓުވީޓުގައި އަދި ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައި ަޗައިނާ ސަފީރާ ބައްދަލު ކުރެއްވުމަކީ ވެސް ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް ހަދާފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ، ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ މިހާރު ހިންގަނީ އެމްޓީސީސީގެ ސޯމިލް އިމާރާތުގަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ކުރިން ކުރިން ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

ޗައިނާ އަކީ މިހާތަނަށް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެދީފައިވާ އަދި ބޮޑެތި ލޯނުތަކެއް ވެސް ފޯރުކޮށްދީފައިވާ ގައުމެކެވެ.