ތައިލެންޑްގެ ސަފީރަކަށް ޖިނާހު އައްޔަން ކުރައްވައިފި

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ޖިނާހު އައްޔަން ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.


ޖިނާހު، ތައިލެންޑުގެ ސަފީރަކަށް އައްޔަން ކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

ތައިލެންޑުގެ ސަފީރުގެ މަގާމުގެ ފަތްކޮޅު ޖިނާހު އަށް ދެއްވީ، އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރެއްގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރުކަމާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ކުރިން ކުރެއްވި މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި އާ ސަފީރު ޖިނާހުއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ތައިލެންޑުގެ އާ ސަފީރަކަށް އައްޔަން ކުރެއްވި ޖިނާހު ވަނީ މީގެ ކުރިން ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޑްރާފްޓްސްމަން ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭގެ ފަހުން، އޭނާ ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ ގްރީން ޕެރަޑައިސް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ކަމެވެ.

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި ވަނީ ޖިނާހު ހިމެނިވަޑައިގަންނަވާ ގޮތަށް 11 ސަފީރަކަށް ރުހުން ދޭން ނިންމައިފަ އެވެ. އަދި ރައީސް ވަނީ ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

ޗުއްޓީ ހޭދަކުރަން ތައިލެންޑަށް ދާ މީހުންގެ އަދަދު މިހާރު ގިނަ އެވެ. އަދި ސިއްހީ ކަންކަމުގައި ވެސް ތައިލެންޑަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ. ތައިލެންޑަކީ ރާއްޖޭގެ ވިޔަފާރީގެ ވެސް މައިގަނޑު މާރުކޭޓެކެވެ. އެގޮތުން ވަރަށް ގިނަ ވިޔަފާރިވެރިން އާންމުކޮށް އެ ގައުމަށް ދެ އެވެ. އެ ގައުމުން ދާދި ފަހުން ވަނީ ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ ގޮތް ހަދައިފަ އެވެ.