މަނީ ލޯންޑާ ކުރާ ކަމަށް ތުހުމަތުވާ ބަންގްލަދޭޝް މީހާ ޑީޕޯޓްކޮށްފި

މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހަކު މިރޭ ރާއްޖޭން ޑީޕޯޓްކޮށްފި އެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ ޑީޕޯޓްކުރީ ރާއްޖޭގައި ހުރުމަށް ދިން ހުއްދައިގެ ޝަރުތާ ހިލާފުވެގެން ކަމަށެވެ. އޭނާ ޑީޕޯޓް ކުރީ މިރޭ އެއާޕޯޓުން ހިފެހެއްޓުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

އަބޫ ހަނީފްގެ ވޯކްޕާމިޓްގެ ފޮޓޯއަކާއި އޭނާ އުޅެމުން އަންނަ މުއްސަނދި ދިރިއުޅުން ދައްކައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި މިއަދު ދައުރުވި އެވެ. އެގޮތުން ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ވަޑިއެއްގެ ނަމުގައި ރާއްޖެ އަށް އެތެރެވި އެ މީހާ ގެންދަނީ މަނީ ލޯންޑާ ކުރަމުންނެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރި ތުހުމަތުތައް އިމިގްރޭޝަނުން ވެސް އޭނާ އަށް ކުރާ ކަމަށެވެ. އެހެން ނަަމަވެސް އޭނާ ޑީޕޯޓްކޮށްލީ ރާއްޖޭގައި ހުރުމަށް ދިން ހުއްދައިގެ ޝަރުތާ ހިލާފުވެގެންނެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުފޫޒުން އެއްކިބާވެ ހުންނަވައި އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ.

"އިންޝާﷲ ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދާނީ އިބްރާހީމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި،" އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ރާއްޖެ އަށް މީހުން ރެކްރޫޓްކުރާ މީހުން ހޯދަން އިމިގްރޭޝަނުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މީހުން ރެކްރޫޓްކުރުމާއި ހުއްދަނެތި ވިޔަފާރިކުރުމުގައި އުޅުނު ބަންގްލަދޭޝް މީހަކު ވެސް އެ އޮޕަރޭޝަންގައި މިއަދު ހޯދައި ޑީޕޯޓްކޮށްލި އެވެ.