އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝާހިދު ސައުދީއަށް ވަޑައިގެންފި

ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިޒްރޭލުން ކުރަމުންދާ މަސައްކަތާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއާއަށް ވަޑައިގެންފި އެވެ.


ސައުދީގެ ޖިއްދާގައި މިއަދުން ފެށިގެން ކުރިއަށް ދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝާހިދު ސައުދީއަށް ފުރައި ވަޑައިގަތީ އިއްޔެ އެވެ. އެ ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިޒްރޭލުން އިއުލާން ކުރުމާ ގުޅިގެން ބާއްވާ ބައްދަލުވުމެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ މިނިވަންކަން ހޯދަން ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ.

ހުޅަނގު އައްސޭރީގެ ބައެއް އިިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ނިންމި ނިިންމުމާ ގުޅިގެން ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާއިރު، އިޒްރޭލްގެ އެ ނިންމުން ކުށްވެރިކޮށް، ރާއްޖެއިން ވަނީ ބަޔާން ނެރެފަ އެވެ.