އަނިޔާކުރި ފުލުހުން ޑީމޯޓުކުރުމުން މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ހައްޔަރުކުރި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރަން އެ އިދާރާގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނިކޮށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މައްސަލަ ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އަށް ހުށަހަޅުއްވައިފި އެވެ.


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ. އެ މީހުން ސަސްޕެންޑް ކުރި މުއްދަތު މިހާރު ހަމަވެފައި ވިޔަސް އެ މީހުން ވަޒީފާއަށް އަދި ނުނެރެ އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ހުށަހެޅީ ޑިސިޕްލިނަރީ ބޯޑަށެވެ. އެތަނުން ވަނީ އެ ފުލުހުން ޑީމޯޓުކޮށް، ޑިޕާޓްމެންޓު ބަދަލުކޮށް އަދި އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށް ނިންމާފަ އެވެ.

ނަމަވެސް ބޯޑުގެ އެ ނިންމުން ބަދަލު ކުރުމަށް މިދިޔަ ބުދަ ދުވަހު ކޮމިޝަނަރު ހަމީދު ވަނީ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ގަވައިދު"ގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވީ މައްސަލަ އިތުރަށް ބަލައި މުރާޖައާ ކުރުމުގެ ގޮތުންނެވެ.

ޖުލައި މަހުގެ ކުރީކޮޅު މ. އުޖާލާގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ފުލުހުންތަކެއް ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކަމުގައި ހައެއްކަ ފުލުހުން ބައިވެރިވި އެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ނުވަ ފުލުހުން އުޅުނެވެ. ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ގޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފަ އެވެ.