ބިދޭސީއަކަށް އަނިޔާކުރި ފުލުހުންގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް

ހައްޔަރުކުރި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް މިއަދު ފޮނުވައިފި އެވެ.


މިއީ ދައުވާކުރުމާ މެދު ގޮތެއް ނިންމުގެ ފުރަތަމަ މަރުހަލާ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ. އެ މީހުން ސަސްޕެންޑް ކުރި މުއްދަތު މިހާރު ހަމަވެފައި ވިޔަސް އެ މީހުން ވަޒީފާއަށް އަދި ނުނެރޭކަމަށް ފުލުހުން ބުންޏެވެ.

ޖުލައި މަހުގެ ކުރީކޮޅު މ. އުޖާލާގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ފުލުހުންތަކެއް ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކަމުގައި ހައެއްކަ ފުލުހުން ބައިވެރިވި އެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ނުވަ ފުލުހުން އުޅުނެވެ.

ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ގޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ އަހުމަދު ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ހާޒިރުކުރި އެވެ. ކޮމިޓީގައި އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އަނިޔާކުރުމުގެ ސަގާފަތް ކޮންމެ ވެސް ވަރަކަށް އެބަ އޮތް ކަމަށެވެ. ނަމަވެސް އެ ކަން ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.