އެންސީއައިޓީގެ 4 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް، ތުހުމަތު އަޝްމަލީ އަަށް!

ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ހިންގި، ނެޝަނަލް ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ހޯދުމުގެ 4.4 މިލިއަން ރުފިޔާގެ މަޝްރޫއަކީ ބޮޑު ކޮރަޕްޝަނެއް ކަން އޮޑިޓުން ފަޅާއަރައިފި އެވެ.


މިކަން ތިލަވީ އެންއައިސީއައިޓީން 2017 ގައި ސޮފްޓްވެއާ ލައިސަންސާއި އެކްޓިވް ޑައިރެކްޓްރީ އާއި ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާ ގަތުމަށް ހިންގި މަޝްރޫއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓަކުންނެވެ.

އެންސީއައިޓީގެ އޮޑިޓް ކުރިއަށް ގެންދިޔައީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަށް ކަމަށް އެތަނުން ބުންޏެވެ.

އޮޑިޓް އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. ބައެއް މުއާމަލާތްތަކުގައި ތުހުމަތުކޮށްފައި ވަނީ އެންސީއައިޓީ ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށެވެ.

އޮޑިޓް ރިޕޯޓުގައި ނަން ހިމަނާފައި ނުވި ނަމަވެސް އޭރު އެ މަގާމުގައި ހުންނެވީ މުހައްމަދު އަޝްމަލީ އެވެ.

ފުރަތަމަ ކަމަކަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ 4.4 މިލިއަން ރުފިޔާގެ މަޝްރޫއު ބީލަމަށް ލުމުގެ ކުރިން ވެސް ވަކި ކުންފުންޏަކާ ހަވާލުކުރުމުގެ ނިޔަތުގައި ކުރިއަށް ގެންގޮސްފައިވާ ކަންކަމެވެ. އެ ރިޕޯޓުގައިވާ ގޮތުން މަޝްރޫއު ބީލަމަށް ލުމުގެ ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު އެންސީއައިޓީން މަޝްވަރާކުރި އެވެ. އެނގިފައިވާ ގޮތުގައި، އެ މަޝްރޫއު ހަވާލުކުރީ މެކްސް ކޮމްއާ އެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލުކޮށް އެޑްވާންސް ފައިސާގެ ގޮތުގައި މި މަސައްކަތުގެ ޖުމްލަ އަގު ކަމަށްވާ ތިން މިލިއަން ރުފިޔާގެ 50 ޕަސެންޓް ދިނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. އަދި ބާކީ ހުރި ހުރިހާ ފައިސާއެއް ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމެނީސް ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ކުރިއަކަށް ނުގެންދެ އެވެ.

ހާޑްވެއާ ސަޕްލައިކޮށްދޭން ހަވާލުވި ކުންފުންޏަކީ އެ މަޝްރޫއުގެ ކޮންސަލްޓަންޓަށް ވުމުން، އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރުމަކީ މަސްލަހަތު ފުށުއަރާ އަދި ވާދަވެރި ބީލަމުގެ އުސޫލްތަކާ ޚިލާފު ކަމެއް ކަން ވެސް ރިޕޯޓުގައި ވެ އެވެ.

މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ދައްކާނެ ޝެޑިއުލެއް ތައްޔާރުކޮށްފައިވީ ނަމަވެސް ބައެއް މަސައްކަތް ނިންމަން ޖެހޭ މިންވަރާއި ތާރީޚްތައް ކަނޑައަޅައިފައެއް ނުވެ އެވެ. ބައެއް ހާޑްވެއާތައް އެއްބަސްވި މުއްދަތަށް ވުރެން ފަހުން އިންސްޓޯލްކޮށް ތަމްރީން ދިނީ ދެ މަސް ފަހުންނެވެ. އެ މަސައްކަތް ލަސްވި މުއްދަތަށް 658،101 ރުފިޔާ އުނިކުރަން ޖެހެ އެވެ. އެކަމަކު އެންސީއައިޓީން އެ ފައިސާ އުނި ނުކޮށް އެ ކުންފުންޏަށް ދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"އެންސީއައިޓީން ކުރިއަށް ގެންދިޔަ ނެޝަނަލް ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ހޯދުމުގެ މަސައްކަތުގައި އެންސީއައިޓީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިނުކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި އޭރު އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަމިއްލަފުޅަށް ކަން ފާހަގަކުރެވުން،" ރިޕޯޓުގައިވެ އެވެ.

މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ދޫކުރަން ތައްޔާރުކޮށްފައިވާ ޕޭމަންޓު ވައުޗަރުުގައި އަޝްމަލީ ސޮއި ކުރައްވާފައިވާ އިރު އޭނާ އަކީ އެ ހުއްދަ އޮންނަ ބޭފުޅެއް ނޫން ކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.

މަޝްރޫއުގެ ދަށުން ހޯދާފައިވާ ގިނަ އަދަދެއްގެ ލައިސަންސް ބޭނުން ނުކޮށް ހުރި ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއާއެކު މަޝްރޫއުގެ މަސައްކަތް ލަސްވެ، ގެއްލުވުއްޖެ ނަމަ ވެސް އަޅާނެ ފިޔަވަޅުތައް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް އޮޑިޓްގައިވެ އެވެ.

މި މަޝްރޫއުގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި، އެންސީއައިޓީގެ ކަންކަން ހަރުދަނާކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ފިނޭންސް މިނިސްޓްރީ އާއި އެންސީއައިޓީ އަށް ލަފާ ދެއްވައިފަ އެވެ.