ކުރީ އިހްލާސްތެރި މަސައްކަތެއް، އަގު ވަޒަނެއް ނުކުރި: އަޝްމަލީ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ކުރެއްވި އިހްލާސްތެރި މަސައްކަތް، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ބަލައިނުގަތުމާ ގުޅިގެން ޕީޕީއެމަށް އިތުރަށް ހިދުމަތްކޮށް ދެއްވުމަށް ބޭނުން ނުވާ ކަމަށް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، އިންތިޚާބު އޮޅުވާލަން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑެތި ތުހުމަތުތަކެއް އޭރު ކުރެއްވީ އަޝްމަލީއަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އާ ގުޅިގެން އިންތިޚާބުގައި ބޭނުން ކުރަން ޓެބްލެޓުތަކެއް ގެނައީ އަޝްމަލީގެ އެންގުމަށް ކަމަށް ވާހަކަ ދެކެވުނެވެ.

މަހްލޫފް ކުރެއްވި ޓުވީޓު.

އެކަމަކު، އެ ވާހަކަތައް ދޮގު ކުރައްވައި، އަޝްމަލީ "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް ތެރޭގައި އޭނާ ހަމައެކަނި ކުރެއްވީ އިދާރީ ކަންކަން ބެލެހެއްޓުން ކަމަށާއި އެ މަރުހަލާ ކުރި އަށް ދިޔައިރު، ވޯޓު އޮޅުވައިލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އިންތިޚާބު ނާކާމިޔާބުވީ، ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، އަދި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލާއެކު އުޅުއްވި ބޭފުޅުންތަކެއްގެ ސަބަބުން ކަމަށާއި އިންތިޚާބު ގަޑުބަޑު ކުރީ "އަދުލީގެ ޓީމަކުން" ކަމަށް އަޝްމަލީ ތުހުމަތު ކުރެއްވި އެވެ.

އަޝްމަލީ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ވަޓްސްއަޕް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސިޔާސީ ގޮތުންނާއި ސަރުކާރުގެ ތެރެއިން ރައީސް ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް އިންތިހާ އަށް ބުރަކޮށް މަސައްކަތްކޮށް ދެއްވީމަ، އަދުލީ އާއި އިތުރު ބަޔަކު، އިންތިޚާބު ގަޑުބަޑުކޮށް ދޮގު ހަބަރު ފަތުރައި އޭނާގެ އަބުރު ކަތިލަމުންދާ ކަމަށެވެ.

އެއީ، އަޝްމަލީގެ މެސެޖެއްކަން އޭނާ ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

ސްރީ ލަންކާގައި ހުންނަވައި އަޝްމަލީ ވިދާޅުވީ ޓެބްލެޓްތައް ގަތުމަކީ ވެސް އަދުލީ އިސްވެ ހުންނަވައިގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޓެބްލެޓް ގެންނަން އުޅޭތީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށް ވެސް އަޝްމަލީ ވިދާޅުވި އެވެ.

އަޝްމަލީ ވަނީ މުލިއާގޭ ތެރޭގައި އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ އިރު، އޭނާ ކުރެއްވި ބައެއް މަސައްކަތްތައް ހިއްސާކޮށް ދެއްވައިފަ އެވެ. އެގޮތުން، ކެމްޕެއިން ލަވަ ހެދުމާއި މުލިއާގޭގައި ވޯޓާސް ލިސްޓު ހެދުމާއި ރީ ރަޖިސްޓްރޭޝަން މަރުހަލާގައި ފޯމްތައް އައުމުން، އިލެކްޝަނަށް ފޮނުވަން ޖެހޭ ސްޓޭޓްމަންޓުތައް ތައްޔާރުކޮށް ދިނުން ފަދަ އިދާރީ ކަންކަން ކުރެއްވި ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ހިންގުމާއި ދިރާގުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ އަޝްމަލީ ވިދާޅުވީ އިދާރީ މަސައްކަތް ކުރި އަށް ގެންދިޔަ އިރު، އިންތިޚާބު އޮޅުވާލުމުގެ އެއްވެސް ކަމެއް ކުރި ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އަޝްމަލީ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވި ގޮތުގައި، އޭނާ ކުރެއްވި އިހްލާސްތެރި މަސައްކަތުގެ ނަތީޖާއަކީ އެކަހެރިކޮށް ބާކީކޮށްލުމެވެ.

"އަޅުގަނޑަށް ޔަގީން، އިދިކޮޅު ފަރާތްތަކަށް އެ މަސައްކަތްކޮށް ދިން ނަމަ، އެކަމުގެ އަގު ވަޒަން ކުރީސްކަން. އެކަމަކު، ޕީޕީއެމަށް އެކަން ކޮށްދިނީ އަގަކަށް ވެސް ނޫން،" އަޝްމަލީ ވިދާޅުވި އެވެ.

ސައިބާ ފޮރެންސިކްގެ ދާއިރާ އިން މާސްޓާސް އަށް މިހާރު ކިޔަވަމުން ގެންދަވާ އަޝްމަލީ ވިދާޅުވީ އޭނާގެ އެހީ ކުރިމަގުގައި ޕީޕީއެމަށް ނުލިބޭނެ ކަމަށެވެ.