އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކާ ރާއްޖެ އިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ޗައިނާ އިން އިސްނަގައިގެން 2014 ވަނަ އަހަރު އުފެއްދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު ރާއްޖޭން އިތުރަށް ގުޅުން ބަދަހިކުރަން މިއަދު މަޝްވަރާކޮށްފި އެވެ.


އޭއައިއައިބީއާ ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ބޭންކްގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ އިގުތިސާދީ ސިޔާސަތާ ބެހޭ ގޮތުން އެ ބޭންކުގެ އިސްވެރިންނަށް ޝާހިދު މައުލޫމާތު ދެއްވި ކަމަށެވެ. އަދި އެ ބޭންކާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާކުރެއްވި ކަމަށް ވެސް ބުންޏެވެ.

އޭއައިއައިބީގެ ނައިބު ރައީސް ޕާންޑިއަންގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން އެ ބޭންކުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި ރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކްގެ ނައިބު ރައީސް ޑީ ޖަގަތީސާ ޕާންޑިއަން އާ ބައްދަލުކުރައްވަނީ

އޭއައިއައިބީ އަކީ ޗައިނާ އިން އިސްނަގައިގެން 2014 ވަނަ އަހަރު އުފެއްދި ބޭންކެކެވެ. އެ ބޭންކް އުފެއްދުމުގައި ޗައިނާއާ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބްރެޒިލް އަދި ގަތަރު ހިމެނެ އެވެ. ރާއްޖެ އިން އެ ބޭންކްގައި ބައިވެރިވީ 2015 ވަނަ އަހަރު އެވެ.

ސައީދުގެ ޓްވީޓް

އޭއައިއައިބީގެ ވެރިންނާ ޝާހިދު ބައްދަލުކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ޝާހިދަށް ފާޑުވިދާޅުވެފަ އެވެ. ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭންކުގެ މެމްބަރަކަށް ރާއްްޖެ ހަދަން އޭރު އުޅުމުން ޝާހިދާއި މިހާރުގެ ސަރުކާރުގެ ވެރިން ޖެއްސުންކޮށް ފާޑުކިޔައި ހެދި ކަމަށެވެ.