ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކޮށްގެން ވިސާ ހައްދަން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިރޭ ބުނީ އެ މީހާ އެތަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ރާއްޖެ އަށް މީހުން ރެކްރޫޓްކުރާ މީހުން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ވަރަށް ފަހުން އެތަނުން ވަނީ މަނީލޯންޑާ ކުރުމާއި އެ ނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ މީހަކު ޑީޕޯޓުކޮށްފަ އެވެ. އަދި އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު ވެސް އިމިގްރޭޝަނުން ވަނީ ހޯދާފަ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން އެކުލަވާލި ސިޔާސަތަށް އަމަލު ކުރަން ނިންމައި، އެކަމަށްޓަކައި ޚާއްސަ ޓާސްކް ފޯހެއް އުފައްދަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.