މަޣުރިބު ނަމާދުން ފައިބައިގެން އެނދުމަތީގައި ގުރުއާން ކިޔަވަން އިންދައި އިވުނީ ބާރުގަދަ ގޮވުންތަކެއްގެ އަޑެވެ. ލިބުނު ސިހުމާ އެކު ސިކުނޑި ސުމަކަށް ދިޔައީ "މަންމާ އަލިފާނޭ" ކިޔައި ދަރިފުޅު ގޮވާލުމުންނެވެ. ކުޑަދޮރުން ބޯ ދިއްކޮށްލި އިރު ދުމާ އެކު އެކު ކުރިމަތިން ފެނުނީ ބޮޑު ހުޅެކެވެ. މުޅި ސަރަހައްދަށް ފެތުރެނީ އެވެ.
ތޮއްޖެހުން ބޮޑު، އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާން ފެތުރެނީ އެވެ. ކުރިމަތިން ފެނުނު ހުޅުގަނޑުން ސަލާމަތްވާން ލިބުނީ އޭނާ ބުނިގޮތުގައި މަދު ސިކުންތުކޮޅެކެވެ. ހުކުރުދުވަހަށް ވާތީ ހުރިހާ ދަރިން ވެސް ތިބީ ގޭގަ އެވެ. ކެމިކަލް ގުދަންތަކެއް ހުންނަ އެ ގޯޅީގެ ހާލަތާއި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ކަންވާނެ ގޮތް އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންނަށް މާކުރިން ވެސް އޮތީ ހިތަށް ގެނެވިފަ އެވެ.
"ހުޅާ އެކު އޭރު ވެސް ގޮވުންތަކެއްގެ އަޑު އިވޭ. ތެޅެމުންފޮޅެމުން ދަރިންކޮޅާ އެކު ދުވެފައި ގެއިން ނުކެމެވުނީ ހަމަ ކިރިޔާ. އޭރު އެހެން ފްލޯތަކުން ވެސް މީހުން ދުވެފައި ނުކުންނަނީ." އަލިފާން ރޯވި ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ކަލާފާނު ސްކޫލުގައި ހުރެ ރޭ ކިޔައިދިނެވެ.
ސަލާމަތްކަން ހޯދުމުގެ ހޭވެރިކަން ގިނަ ބަޔަކަށް ވީ ބާރުގަދަ ގޮވުންތަކުގެ އަޑުންނެވެ. އެއާ އެކު ބައެއް މީހުން ގެތަކުގެ ކުޑަދޮރުތަކުން ފުންމާލައިގެން ވެސް ސަލާމަތްވި އެވެ.
"އެހާ ބާރު އަޑުފަށްގަނޑެއް އިވުނީމަ ބަލައިލެވުނީ. އެހެން ނޫން ނަމަ ވާނުވާ ނޭނގި ތިބެވުނީސް ކަންނޭނގެ ގޭތެރޭގައި. ދުންތަކުގެ ތެރެއިން ލާފައި ނުކުމެވުނީ ހަމަ ނަސީބު،" އެހެން މީހަކު ކިޔައިދިނެވެ.
ހާސްކަމާއި ބިރުވެރިކަމުގައި ރޮމުން ގިނަ ބަޔަކު ގެތަކުން ނުކުތް ނަމަވެސް ތާށިވެފައި ވެސް ބައެއް މީހުން ތިއްބެވެ. އެ މީހުން ގެތަކުން ނެރެދިނީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމުންނެވެ. ބައެއް މީހުން އޭޑީކޭ އަށް ގެންގޮސް ފަރުވާދީފައިވެ އެވެ.
ރޯވި ހ. ތިލަފުށީގޭ ގުދަނުގެ ކުރިމަތީގައި ހުންނަ ހ. ރަދުވާނިއާގޭގައި ތިބި މީހުން ވެސް އަލިފާނާ އެކު ގޭގައި ބަންދުވި އެވެ. އެގޮތް މިގޮތުން މީހުން ސަލާމަތްވެގެން ނުކުތްއިރު ގޭތެރޭގައި ތާށިވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިމިނަތު ޝައުނާ، 46، ވަނީ ފިހިގެން މަރުވެފަ އެވެ. އެ ގޭގައި އަލިފާން ރޯވެ އޭނާ "ފިހެނީ" ކަމަށް އާއިލާގެ މީހަކަށް ގުޅާފައި ބުންޏެވެ. މަރުވެފައި އޮއްވައި ފެނުނީ އޭގެ ތިން ގަޑިއެއްހާ އިރު ފަހުންނެވެ.
ހަމަ އެގޭގައި ދިރިއުޅޭ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ)ގެ އާއިލާ ވެސް އަލިފާނުގެ ތެރޭގައި ތާށިވި އެވެ. އެ އާއިލާ ސަލާމަތްކުރީ ރޯވެފައި ހުއްޓައި އެ ގޭގެ ތެރެއަށް ސިފައިން ވަދެ އެވެ.
އެ ގޭގައި މީހުން ތާށިވީ، ސިފައިން ބުނިގޮތުގައި، މީހުން ނުކުންނަ ދޮރު، އަލިފާނުގެ އަސަރުކޮށް ތާށިވެގެންނެވެ.
"ފުރަތަމަ ބުރުގައި ތިން މީހަކު ނެރެގެން ހޮސްޕިޓަލަށް ގެންދެވުނު. ފަހުން ދެ މީހަކު ނެރެގެން ހޮސްޕިޓަަލަށް ފޮނުވުނު. އާއިލާއެއްގެ ފަރާތުން މީހަކު މަދުވާ ކަމަށް ބުނާތީ އެކި ފަހަރު މަތިން އެ ބިލްޑިންގް ބަލާ ފާސްކޮށްގެން މިހާރު [ރޭ] އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ މީހެއް ކަމަށް ބެލެވޭ ހަށިގަނޑެއް،" އެމްއެންޑީއެފް އޮފިޝަލް ވިދާޅުވި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި، ބާރުގަދަ ގޮވުންތަކާ އެކު ހުޅުގަނޑު ދިޔައީ ފަޅައިގެންނެވެ. އެތައް މޭލެއް ދުރުގައި ތިބި މީހުންނަށް އެ އަލިފާންގަޑު ފެނުނެވެ. ޖެހިގެން ހުރި ގެތަކަށް ފެތުރޭކަށް މާ ގިނައިރުތަކެއް ނުނަގަ އެވެ.
"މަޖީދީ މަގު އޭޓީއެމް ކައިރީގައި ހުއްޓައި އަޑު އިވުނީ، ބަލާލިއިރު ބޮޑު ހުޅެއް. އޭރު އަދި އެމްއެންޑީއެފް ވެސް ނާދޭ. ވަރަށް ބާރަށް ފެތުރެމުން ދިޔައީ. ގައިން ހީބިހި ނަގައިގެން ދިޔައީ،" އެކަކު ބުންޏެވެ.
އެހާ ބާރު ސްޕީޑުގައި ހުޅު ފެތުރުނީ އެމްއެންޑީއެފުން ބުނިގޮތުގައި ކެމިކަލްތަކުގައި ރޯވުމުންނެވެ. އެ ސަރަހައްދުގައި ހުރި ހުރިހާ ގެތަކުން މީހުން ހުސްކުރަން ޖެހުނީ އަލިފާން ކަނިތައް ބުރައިގެން ދިއުމުގެ އިތުރުން މުޅި ސަރަހައްދުގައި ދުމާއެކު ކެމިކަލް ވަސް ހިފާފައި ހުރުމުންނެވެ.
މިއީ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ އެވެ. އަލިފާން ކޮންޓްރޯލް ނުވެ، ފަހަރަކު ގެއެއް އަނދައި ހުލިވީ އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ހަތަރު ގުދަނާއި ހަތް ގެއެއްގައި ރޯވި އެވެ. އަލިފާން ނިވުނު އިރު މުޅި ސަރަހައްދު އޮތީ އަޅިއަށް ވެފަ އެވެ.
ޑިޒާސްޓަ މެނޭޖްމަންޓުން ބުނިގޮތުގައި މި ހާދިސާގައި 443 މީހަކު ވަނީ ހާލުގައި ޖެހިފަ އެވެ. އޭގެތެރެއިން 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.
އަލިފާން ރޯވި ގެތަކުގެ މީހުން ގެންދިޔައީ ވަގުތީ ހިޔަލެއްގެ ގޮތުގައި ހަމަޖެއްސި ކަލާފާން ސްކޫލަށެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ބިދޭސީން ވެސް އެބަތިއްބެވެ. ބައެއް މީހުންނަށް މިހާރު ވަނީ ގެސްޓު ހައުސްތަކުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
އަނެއް ބަޔަކު އާއިލާ މީހުންގެ ގެތަކުގައި ވެސް އެބަތިއްބެވެ.
ހަތަރު ފުރޮޅީ އުޅަނދުތަކަށް ނުވަދެވޭހާ ހަނި ގޯޅީގައި ކެމިކަލް ރައްކާކުރާތީ ބައެއް މީހުން ކަންބޮޑުވެ އެވެ. އެކަަމަށް ހައްލު ނުހޯދި ވަނިކޮށް، ފެތުރުނު ބޮޑު ހުޅު ކޮންޓްރޯލް ކުރެވުނު އިރު، ގިނަ ބައެއްގެ ދިރިއުޅުން މިވަނީ އަނދައި ހުލިވެފަ އެވެ.