ދުވަސްވީ ބަލި މީހަކު ސަލާމަތްކުރަން ވަނީ ދެ ޒުވާނުން

ކުރިއަށް އޮތް ހަފުތާގައި ފަށާ ޓެސްޓަށް ފިލާވަޅުތައް ދަސްކުރަން ފޮތްތައް ހިފައިގެން އިށީންތާ ބައި ގަޑިއެއްހާއިރު ވީތަނާ ގޭތެރެއިން ދުވަން ފެށީ ނޭފަތަށް އުނދަގޫވާ ކަހަލަ ވަހެކެވެ. ފުރަތަމަ ހީކުރީ އުނދުނުން ގޭސް ލީކުވަނީ ކަމަށެވެ. މާމަ އަށް ގޮވައި އުނދުން ބަލައިލަން ވެސް އެދުނެވެ. އެއްވެސް ކަމެއް ފާހަގައެއް ނުވި އެވެ.


ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހަނި ގޮތަކަށް ސަލާމަތްވި ޒީޝާން ނަސީރު، 19، އަށް، ބޮޑު ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ކޮޓަރިން ދުވަސް ފެށި ވަހަށް ފަހު ކޮޓަރީގެ ސީލިންގުގައި އިން ބޮތްކާ ދިމާލުން ދުން ނުކުންނަން ފެށުމުންނެވެ.

"ފުރަތަމަ ފެނުނީ ސީލިންގާ ދިމާލުގައި އިން ބޮކިން ދުން އަރަން ފެށިތަން. އެ ހިސާބުން އަލިފާން ރޯވެގެން އުޅޭކަން ޔަންގީވި. އަލިފާނޭ ކިޔައި ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނު،" ފުރަތަމަ ރޯވި ގުދަނާ އިންވެގެން ހުންނަ ހ. ކަޅުހުރާ ގޭގެ ގްރަންޑް ފްލޯގައި އުޅޭ ޒީޝާން ކިޔައިދިނެވެ.

ގައުމީ ޔުނިވާސިޓީގައި މެޑިކަލް ލެބޯރެޓްރީ ސައިންސުން ޑިގްރީ އަށް ކިޔަވާ ޒީޝާން ބުނީ ބޮކިން ދުން އަރާތަން ފެނި ބިރުވެރިކަން އުފެދުނު ވަގުތު ބާރު އަޑެއް ވެސް އިވުނު ކަމަށެވެ. އެ އަޑާ އެކު މުޅި ތަނަށް ގުޑުން އަރައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޒީޝާން ކޮޓަރިން ނުކުމެ ދުއްވައިގަތީ މާމަ އާއި ކާފަ ގޮވައިގެން އަވަހަށް ގެއިން ނުކުމެވޭތޯ އެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި އާންމުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މާމަގެ ފައި ވަރަށް ބަލިވާނެ. އެހާ ރަނގަޅަށް ނުހިނގޭނެ. ކާފަ އަކީ ކަނާތް ފަޅި ވާގި ނެތިފަ އޮތް މީހެއް. އަޅުގަނޑަށް އެކަނި ނަގައިގެން ކާފައެއް ނުވެސް ގެންދެވޭނެ،" އަލިފާންގަނޑު ފެތުރެމުން ދިޔައިރު، މާމަ އާއި ކާފަ ދޫކޮށްލާފައި ނުދެވި ކުރިމަތިވި ހާސްކަން އޭނާ ކިޔައިދިނެވެ.

ކާފަ ނަގައިގެން ގެންދެވޭތޯ ދިހަ ވަރަކަށް މިނެޓް ވަންދެން، ގޭގެ ތިން އަންހެނުން ވެގެން މަސައްކަތްކުރި އެވެ. އެކަމަކު އެކަމެއް ކާމިޔާބެއް ނުވި އެވެ. ގޭގެ އެކި އެޕާޓްމަންޓުތަކުން މީހުން ނުކުމެ ސަލާމަތްވާން އުޅުނު އިރު އެ މީހުންގެ އެހީ ހޯދަން ވެސް މަސައްކަތްކުރި އެވެ.

"އަޅުގަނޑު އެތާ ހުރެ، ރޮމުން، ބަލިމީހެއް އެބަ އޮތޭ އެހީވާށޭ، ތިރިޔަށް ދުވެފައި ފޭބި މީހުން ގާތު ބުނިން. އެކަމަކު އެކަކު ވެސް އެހީ އެއް ނުވި. ދެތިން ބޮޑު ފިރިހެނުން ހަމަ ގައިމުވެސް ފޭބި. ބައެއް މީހުން ފޭބީ ލަގޭޖު ފޮށިތައް ވެސް ހިފައިގެން. އެކަމަކު އެހީއެއް ނުވި އެއްވެސް މީހެއް،" އޭނާ ބުންޏެވެ.

ޒީޝާން އާއި އޭނާގެ މާމަ އެހީ އަށް އެދިއެދި ތިއްބާ ދެން ތިރިޔަށް ފޭބީ، ޒުވާން ދެ ފިރިހެނުންނެވެ. އޭނާގެ ހަޅޭކުގެ އަޑަށް އެންމެ ފުރަތަމަ އެހީވާން އައީ އެކަކު އެވެ. އޭނާ އެކުވެރިޔަކަށް ގޮވައި އެހީތެރިކަން ހޯދި އެވެ.

ކާފަ ވީލްޗެއާ އަށް އަށް ލާން ބެލި އިރު، ގޮނޑި ހުރީ ނުރާވާ އެވެ. ދެން ދެ ޒުވާނުން ކާފަ ލީ އާދައިގެ ގޮނޑިއަކަށެވެ. ގޮޑިއަށް ލައިގެން އެޕާޓްމެންޓުން ނެރުނެވެ. ޒޫޝާނާއި މާމަ އާއި އޭނާގެ ދައްތައެއް ނުކުތީ ކާފަގެ ފަހަތުންނެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި އިމާރާތެއްގައި ވަރަށް ބޮޑަށް ހުޅު ހިފާފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ނުކުތް އިރު ވެސް މުޅި ގޭތެރޭ އޮތީ ބޯ ދުން. އެތަނުން މީހަކު ވެސް ނުފެންނާނެ. ބޭރަށް ނުކުތް އިރު ބޯ ދުންތަކާ އެކު ބޮޑު ހުޅުގަނޑު ވެސް ފެނުނު. ސަލާމަތް ވެވުނީ ހަމަ ކިރިޔާ،" އޭނާ ބުންޏެވެ.

އަލިފާން ރޯވިކަން އެނގި، ގެއިން ނުކުތުމަށް ޒީޝާންގެ އާއިލާ އަށް ލިބުނީ 15 ވަރަކަށް މިނެޓެވެ.

ގެއިން ނުކުތްތަނާ، އަނެއްކާ ވެސް ބޮޑު ގޮވުމަކާ އެކު ހުޅުގަނޑު އިތުރަށް މައްޗަށް އަރައިގެން ދިޔަ އެވެ. އޭރު ޒީޝަންމެން ދިރިއުޅޭ ގޭގައި ވެސް ވަރަށް ބޮޑަށް ހުރީ ރޯވެފަ އެވެ. ޒީޝާން ބުނި ގޮތުގައި އެ ދެ ޒުވާނުން އެހީ ނުވި ނަމަ ކާފަ ސަލާމަތެއް ނުކުރެވޭނެ އެވެ.

"އަޅުގަނޑު އެތާ ހުރެ، ރޮމުން، ބަލިމީހެއް އެބަ އޮތޭ އެހީވާށޭ ތިރިޔަށް ދުވެފައި ފޭބި މީހުން ގާތު ބުނި. އެކަމަކު އެކަމުވެސް އެހީ އެއް ނުވި. ދެތިން ބޮޑު ފިރިހެނުން ހަމަގައިމު ވެސް ފޭބި. ބައެއް މީހުން ފޭބީ ލަގޭޖު ފޮށިތައް ވެސް ހިފައިގެން. އެކަމަކު އެހީއެއް ނުވި އެއްވެސް މީހެއް"

އޭނާ ގަބޫލުކުރާ ގޮތުގައި އެ އާއިލާ އަށް ސަލާމަތް ވުމަށް މެދުވެރިވީ އެ ދެ ޒުވާނުންނެވެ. އެ ދެމީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.

"ފައިވާނަށް ނާރާ ނުކުމެވުނުކަން އެނގުނީ ވެސް މާ ފަހުން. ހަމައެކަނި ސަލާމަތް ކުރެވުނީ، ކިޔަވަން އިން ލެޕްޓޮޕް. ޗާޖަރެއް އެކައްޗެއް ވެސް ނުނެރެވުން،" އޭނާ ބުންޏެވެ.

ލައިގެން ހުރި ހެދުން ނޫން އެހެން ހުރިހާ އެއްޗެށް މިހާދިސާގައި އަނދާ ހުލިވީ އެވެ.

މިވަގުތު އޭނާގެ އާއިލާ ތިބީ ދައްތައެއް ވަޒީފާ އަދާކުރާ ގެސްޓްހައުސްއެއްގަ އެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލިފައިވާ އިރު ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.