ވަޒީފާ އިން ވަކިކުރުމުގެ ބިރާ އެކު ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ރައީސަށް ޕެޓިޝަނެއް!

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


އެ ޕެޓިޝަންގައި ގާތްގަނޑަކަށް 50 މުވައްޒަފުން ސޮއިކޮށްފައިވެ އެވެ.

މުވައްޒަފުން ބުނެފައި ވަނީ ކުއްލި ގޮތަކަށް އެ މީހުން ވަކިކުރަން ނިންމާފައިވާތީ ކަންބޮޑުވާ ކަމަށެވެ. އެއީ، އެތައް އާއިލާއަކަށް ލިބޭނެ ގެއްލުން ކަން ޕެޓިޝަންގައި ފާހަގަކޮށް އެކަން ހުއްޓުވައި ދޭން އެދިފައިވެ އެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މަނިކުފާނުގެ ވެރިކަމުގައި ހައްގަކާ ނުލައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރުމެވެ.

މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ ކަން އެނގުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށް ޕެޓިޝަންގައިވެ އެވެ. ހާޒިރީއާ ގުޅޭ މައުލޫމާތު ނެގީ ފިޔަވަޅު އަޅަން ނޫން ކަމަށް އެ ފަހަރު ޖަވާބު ލިބުނު ކަމަށް މުވައްޒަފުން ބުންޏެވެ.

އެކަމަކު ފަހުން ވެސް އެފަދަ މައުލޫމާތުތަކެއް ލިބިގެން މުވައްޒަފުން ވަނީ ޓްރާސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

"ޕާމަނަންޓް ސެކްރެޓަރީ ވަގުތު ދެއްވުމުން، މި ގަޑީގައި ހުރިހާ މުވައްޒަފުން މި ބައްދަލުވުމަށް ހާޒިރުވެ، ގިނަ ކަންބޮޑުވުންތައްފާޅުކޮށް، މިކަމުގެ ސައްހަ މައުލޫމާތު ދެއްވުމަށް އެދުމުން މިއީ ރަނގަޅު ވާހަކައެއް ކަމަށާއި މި ލިސްޓު މިހާރު ސިވިލް ސާވިސްގެ ލަފާފުޅަކަށް އެދި ފޮނުވާފައިވާ ކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި އެވެ،" ޕެޓިޝަންގައިވެ އެވެ.

މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ތެރެއިން ނުކުމެވޭނެ ފަދަ ޖަވާބެއް އެ ބައްދަލުވުން ނުލިބުނު ކަމަށް ޕެޓިޝަންގައިވެ އެވެ. މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައި ވަނީ ހާޒިރީއާ ގުޅުވަ އެވެ. އަނގަބަހުން ނުވަތަ ލިއުމުން ވެސް ކުރިން އިންޒާރެއް ނުދީ ވަގުތުން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށް މުވައްޒަފުން ދެކެ އެވެ.

މުވައްޒަފުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް އެޕްރައިސަލް ފުރިހަމަކޮށްފައެއް ނުވެ އެވެ. ކުރީގެ ސަރުކާރުގައި، މިދިޔަ އަހަރު "އެއްލަކިން ލައިސަންސް"ގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މުވައްޒަފުން ރޭގަނޑު ވެސް ވަރަށް ދަންވަންދެން މަސައްކަތްކޮށްފައި، ހެނދުނު ގަޑި އަށް ވަޒީފާ އަށް ހާޒިރުވާން ޖެހުނު ކަން ފާހަގަކޮށްފައިވެ އެވެ. ގާތްގަނޑަކަށް ދެ މަސް ވަންދެން އެގޮތަށް މުވައްޒަފުން މަސައްކަތް ކުރި ކަމަށް ޕެޓިޝަންގައިވެ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ފުރިހަމަކުރަން ވެސް މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރި ކަން ފާހަގަކޮށްފައިވެ އެވެ. ވަޒީފާ އިން ވަކިކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށް، މި ސަރުކާރުގައި ރައްޔިތުންތަކަކަށް އެހާ ބޮޑު ނިކަމެތިކަމެއް ލިބދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް މުވައްޒަފުން ޕެޓިޝަންގައި ލިއެފައިވެ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މަނިކުފާނުގެ ވެރިކަމުގައި ހައްގަކާ ނުލައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރުމެވެ،" ޕެޓިޝަންގައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ތިބޭ އިމާރާތް ބާވެ، އެއީ މަސައްކަތް ކުރަން ރައްކާތެރި މާހައުލަކަށް ނުވާތީ އެކަން ވެސް މުވައްޒަފުން ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.