ކުރިއެރުން ހޯދަން ވާނީ ކަނޑުތަކާ ރައްޓެހިކޮށް: ރައީސް

އިގްތިސާދީ ކުރިއެރުންތައް ހޯދަން ވާނީ ކަނޑުތަކާ ރައްޓެހި އާދަތަކެެއްގެ ތެރެއިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.


ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އެ ޖަމާއަތާ އެކު ރާއްޖޭން ގާއިމް ކުރި އެއްބަސްވުމުގައި ސޮއިކުރަން އެމެރިކާގެ ނިއު ޔޯކް ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިގްތިސާދީ ކުރިއެރުން ހޯދަން ވާނީ އަދި ހޯދޭނީ ވެސް ކަނޑުތަކާ ރައްޓެހި އާދަކާދަތަކެއްގެ ތެރެއިން ކަމަށެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގުތިސާދު ކުރިއެރުވުމަށާއި ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ބައިނަލް އަގްވާމީ ނެޓްވޯކެކެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ އެކު ރާއްޖޭން ގާއިމްކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާ ގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތަކީ ރާއްޖޭން ވެސް ގަބޫލުކުރާ ކަންތައްތަކެއް ކަމަށެވެ. ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންގެ ކަނޑުތައް ރައްކާތެރިކުރަން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަކީ ހުރިހާ ކަމަަކަށް ވުރެ މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކަނޑުތައް ސަލާމަތުން އޮތުމަކީ ރާއްޖޭގެ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ކުރެއްވި ތަގުރީރުގައި ވެސް ކަނޑުތަކުގެ ރައްކާތެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަައާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލު ނުކޮށް ކަނޑުތައް ހިމާޔަތް ނުކުރެވޭނެ ކަމަށާއި ކަނޑުތައް ހިމާޔަތް ނުކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއީ ޒާތީ މައްސަލައެއް. ދިވެހިރާއްޖެ އަށް ޒިޔާރަތްކުރައްވާ. ރަށެއް ފެނުމުގެ ކުރިން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން އެތައް މޭލަކަށް ދަތުރުކުރަން ޖެހޭނެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑު. ހިކިފަސްތަނަކީ އެންމެ އެއް ޕަސެންޓް. އެހެންވެ އަޅުގަނޑުމެން ވެފައި ވަނީ ކަނޑުގެ ބޮޑު ދައުލަތަކަށް،" ރައީސް ވިދާޅުވި އެވެ.