ބިދޭސީ މީހާގެ ހަށިގަނޑު ގައުމަށް ފޮނުވަން ލޮޓަސް ފިހާރައިން އެހީވަނީ

ޅ. ހިންނަވަރުގައި އުޅެނިކޮށް ބަލިވެގެން ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އިއްޔެ މަރުވި ބިދޭސީ މީހާ ގައުމަށް ފޮނުވަން އެހީވާނެ ކަމަށް ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) މިއަދު ވިދާޅުވެއްޖެ އެވެ.


ބަނގްލަދޭޝް 58 އަހަރުގެ މީހާ މަރުވީ ޅ. ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް އިއްޔެ އިރުއޮއްސުނު ވަގުތު ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއާ ހަވާލުވާނެ މީހެއް ނެތުމުން މިހާރު ބާއްވާފައި އޮތީ މާލޭ މޯޗަރީގަ އެވެ. ކާކުކަން އެނގޭނެ އެއްވެސް ލިޔުމެއް އެ މީހާގެ އަތަކު ނެތެވެ.

އާއްޓެ ވިދާޅުވީ ބިދޭސީ މީހާ ގައުމަށް ފޮނުވައިދޭން ނިންމީ އެކަން ބޮޑު މައްސަލައަކަށް ހަދަން ބޭނުންނުވާތީ ކަމަށެވެ. އެ ބިދޭސީ މީހާ ފޮނުވަން ކުރަންޖެހޭ ހުރިހާ ހަރަދެއް ލޮޓަސް ކުންފުނިން ކޮށްދޭނެ ކަމަށް އާއްޓެ ވިދާޅުވި އެވެ.

"އެއީ ކޮން ގައުމެއްގެ. ކޮން ދީނެއްގެ މީހެއްތޯ އަޅުގަނޑު ނުބަލަން. މަރުވެފައިވާ މީހާ އަށް އިހުތިރާމު ކުރުމުގެ ގޮތުން ފޮނުވައި ދޭން ނިންމީ،" އާއްޓެ ވިދާޅުވި އެވެ.

އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން މަރުވުމުން މީގެ ކުރިން ފޮނުވައިދީފައި ހުންނާނެ ކަމަށާއި އެހެންކަމުން އެކަން ކުރަން ޖެހޭގޮތް އެނގިވަޑައިގަންނަވާ ކަމަށް އާއްޓެ ވިދާޅުވި އެވެ. އެކަމަށް 50،000ރ. ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުވި ބިދޭސީ މީހާ އަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އަންނަނީ ފޮރިން މިނިސްޓްރީ އާއި ބަނގްލަދޭޝް އެމްބަސީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އޭނާގެ އާއިލާ ހޯދިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއްވެސް ލިޔެކިޔުމެއްނެތި ގަވައިދާހިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް ރާއްޖޭގެ އެކި ރަށްރަށުގައި އުޅެ އެވެ.