ރާއްޖޭގެ ކަނޑު އަޑީގެ އެހާ ރީތި މަންޒަރުތަކާ އެކު ވެސް، ސްޓާފިޝްއެއް ފީނާ ވީޑިއޯއެއް ވަރަށް ނުފެންނާނެ އެވެ. ހަގީގަތުގައި އެއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

އެކަމަކު ބ. ދަރަވަންދޫގައި ހިންގާ މަންތާ ވިލެޖް ގެސްޓް ހައުސްގެ ޑައިވަރު ހުސެއިން ރަފާލް މިވަނީ އެ ތަދު އެކަމަކު ހިތްގައިމު މަންޒަރު ގެނެސްދީފަ އެވެ. އާންމުކޮށް ގާގަލުގައި ތަތްކޮށްލައިގެން އޮންނަ ސްޓާފިޝްގެ ހަރަކާތްތައް އެހާމެ ނަލަ އެވެ. އެތައް ބައެއްގެ ޝައުގުވެރިކަން އެ ވީޑިއޯއަށް ދަމައިގަތެވެ.

ވީޑިއޯ އިން ފެންނަނީ ހުދު ކުލަ އާއި ކަޅު ކުލައިގެ ސްޓާފިޝްއެއް، އެއްގަލުން އަނެއް ގަލަށް ދާން ފީނާގަންނަ މަންޒަރެވެ. ދިގަލިހާ ފަޅުތެރޭގައި އެ ސްޓާފިޝްގެ ހަރަކާތްތައް އެންމެ ވައްތަރީ ބޯވަޔަކާ އެވެ. އިއްޔެ ލީ ވީޑިއޯ މިހާތަނަށް 8،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލާފަ އެވެ.

ޑައިވްކުރާތާ 19 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަފާލް ބުނީ އިއްޔެ އޭނާއަށް ރެކޯޑް ކޮށްލެވުނީ ދެކިލަން އެތައް އަހަރެއް ވަންދެން އިންތިޒާރުކޮށްލެވުނު މަންޒަރެއް ކަމަށެވެ.

"އޭތި ފީނާތަން ބަލަން ބޭނުންވެގެން އުޅޭތާ އެތައް އަހަރެއް ފަހުން މިފެނުނީ. ވަރަށް ނުފެންނާނެ މަންޒަރެއް މިއީ،" އުފަލުން ހުރި ރަފާލް ބުންޏެވެ.

މި ބާވަތުގެ ސްޓާފިޝްގެ 550 ވައްތަރު އުޅެ އެވެ. ފެދާ ސްޓާފިޝްގެ ފައިތަކުގައި އުއިފާޑުގެ އެއްޗެހިތަކެއް ހުރެ އެވެ. އެ އުއިތައް ބޭނުންކޮށްގެން އެ ތަކެތި މޫދުގައި ފަތަ އެވެ. އެކަމަކު ފެދާ ސްޓާފިޝްގެ ހުރިހާ ބާވަތަކަށް ފެތުމުގެ ގާބިލްކަން ލިބިފައެއް ނުވެ އެވެ. މީގެ ބައި ސްޓާފިޝް އެއް ގަލުން އަނެއް ގަލަށް ދަނީ ފިރުކިފަ އެވެ.

މީގެ ސްޓާފިޝް އެންމެ އާންމުކޮށް ފެންނަނީ އިންޑިއާ ކަނޑާއި ޖަޕާނާ ދެމެދުގައި ވާ ކަނޑު ސަރަހައްދުންނެވެ.

ސްޓާފިޝް ފީނަނީ: މިއީ މަދުން ނޫނީ ފެންނާނެ މަންޒަރެއް ނޫން
ސްޓާފިޝް ފީނަނީ: މިއީ މަދުން ނޫނީ ފެންނާނެ މަންޒަރެއް ނޫން

ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ، ހުސެން ރަޝީދު (ސެންޑީ) ވެސް ބުނީ ރެކޯޑްކުރެވިފައި އެވަނީ އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަމަށެވެ.

"ސްޓާފިޝް އާންމުކޮށް ތިބޭނީ ތަންތަނުގައި ހިފައިގެން. ބައެއް ފަހަރު ލޮކޭޝަން ޗޭންޖް ކުރާތަން ފެންނާނެ. އެކަމަކު އެހާ އާންމު ކަމެއް ނޫން އެގޮތަށް [ދިއުމަކީ]،" ޑައިވްކުރާތާ 37 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ސެންޑީ ބުންޏެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ލަމުން ރަފާލް ކޮށްފައިވަނީ އެންމެ ސުވާލަކެވެ. އެ "ސްޓާފިޝް ފީނި މަންޒަރު ސިފަކޮށްދޭނީ ކިހިނެއްތޯ އެވެ؟"