ޑަބްލިއުއެޗްއޯ އަށް ލަފާ ދޭ ކޮމިޓީއަކަށް ދިވެއްސެއް ހަމަޖައްސައިފި

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީ އަށް ދިވެއްސަކު ކަނޑައަޅައިފި އެވެ.


ހެލްތު މިނިސްޓްރީން މިއަދު ބުނީ، މި ސަރަހައްދުގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އުފެއްދި އެ ކޮމިޓީ އަށް އައްޔަންކުރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް ހަސަން މުހައްމަދު ކަމަށެވެ.

އެޗްޕީއޭގައި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމާ ބެހޭ ދާއިރާގަ އެވެ.

ޑަބްލިއުއެޗްއޯ ގައި ހަސަން މަސައްކަތް ކުރައްވާނީ ނޮން-ކޮމިއުނިކަބްލް ޑިޒީޒަސް (އެންސީޑީ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ އޮނޮރަރީ މެމްބަރެއްގެ ގޮތުގަ އެވެ. އެއީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑާއި އެންސީޑީ ހައި ލެވެލް ސްޓިއަރިން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން އަންނަ ހަސަނަށް މި މަގާމު ލިބިވަޑައިގަތުމުން، ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފަ އެވެ.

ބައިނަލްއަގްވާމީ ފެންވަރެއްގައި ވެސް ދުންފަތް ކޮންޓްރޯލް ކުރަން ގިނަ މަސައްކަތްތަކެއް ހަސަން ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ފަންނީ ކޮމިޓީތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުން ހިމެނެ އެވެ. އެ މުއާހަދާގެ ބިއުރޯގައި މި ސަރަހައްދުގެ ގައުމުތައް ތަމްސީލް ކުރައްވަން ދެ އަހަރުގެ ދައުރެއް އޭނާ ފުރިހަމަކުރެއްވި ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.