އެމްޑީއެންގެ ރިޕޯޓްގައި ދީނާ ދެކޮޅު އެތައް ވާހަކައެއް ލިޔެފައިވާ މައްސަލަ ހޫނުވެއްޖެ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ނުރުހުން ފާޅުކުރަން ފެށުމާ އެކު، ފުލުހުން އެ މައްސަަލަ ބަލަން ފަށައިފި އެވެ.


ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގައި ދީނުގެ ބައެއް ކަންކަމަށް ހަޖޫޖަހާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވޭތޯ އާއި އެ މައްސަލަ ބަލަމުންދޭތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ލިބިފައި ނެތް ކަަމަށެވެ. އެކަމަކު، އެމްޑީއެންގެ މީހުން ވެސް ހިމެނޭ ގޮތަށް، ވަކި ބައެއްގެ ފޮޓޯ ޖަހައިގެން، އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި ބައެއް ކަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތެރެއިން އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ބަލާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ. މި ނޫން ވެސް އިސްލާމްދީނާ ޚިލާފު ވާހަކަތައް އެ ރިޕޯޓުގައި ހުއްޓެވެ.