ތައުލީމީ ގޮތުން ވަރަށް ކާމިޔާބު ދަރިވަރެކެވެ. އޯ ލެވެލްގައި ހަ މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ އެއްވަނަ އެވެ. ހަސަން އައްޒާންގެ އެ ކާމިޔާބީތަކަށް އަނެއްކާވެސް އާ ބޮޅެއް އިތުރުވެގެން ދިޔައީ 2014 ގައި ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާއިންނެވެ. ތިން މާއްދާއިން އޭ ސްޓާ އަދި ތިން މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ހަމަ އެއް ވަނަ އެވެ.
އޭ ލެވެލްގެ އެއް ވަނައާ އެކު ލިބުނު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި އައްޒާން ކިޔަވަން ފެށީ އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖްގަ އެވެ. ކެމިކަލް އިންޖީނިއަރިންގެ ދާއިރާއިން ހަތަރު އަހަރުގެ އަންޑަގްރެޖުއޭޓް ޑިގްރީ ނިންމާލުމާ އެކު އަނެއްކާވެސް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެއީ އުމުރުން އެންމެ 24 އަހަރުގައި އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޕީއެޗް.ޑީ ސްކޮލަޝިޕެވެ.
އައްޒާން ބުނީ، ދުނިޔޭގެ ހުރިހާ ތަނަކުން ވެސް އިމްޕީރިއަލް ކޮލެޖުގެ ޕީއެޗް.ޑީ ސްކޮލަޝިޕަށް ކުރިމަތިލެވޭއިރު، އެ ފުރުސަތު ލިބުނު ހަ ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ޖާގަ ލިބުނީ އަންޑަގްރެޖުއޭޓު ޑިގްރީގައި ހެދި ދިރާސާތައް ރަނގަޅުވެގެން ކަން އޭނާ ފާހަަގަކުރި އެވެ.
"އިންޓަވިއުކޮށް، މާސްޓާސްގައި ހެދި ދިރާސާތަކަށް ބޮޑަށް ބަލާފައި އެ ސްކޮލަޝިޕް ދޭނީ،" ދަރުމަވަންތަ ސްކޫލާއި ސީއެޗްއެސްއީން ކިޔަވައި، ކެޕްޓަންކަން ވެސް ކުރި ދަރިވަރު ބުންޏެވެ.
ދުނިޔޭގެ ޔުނިވަސިޓީތަކުގެ ރޭންކިންނަށް ބަލާއިރުު އިމްޕީރިއަލް ކޮލެޖް ހިމެނެނީ އަށް ވަނައިގަ އެވެ. ލަންޑަންގެ އެއް ވަނަ ޔުނިވާސިޓީ ހިމެނެނީ ޔޫރަޕްގެ ގައުމުތަކުގެ ތިން ވަނައިގަ އެވެ.
އިމްޕީރިއަލް ކޮލެޖުގައި، ހަތަރު އަހަރުގެ އަންޑަގްރެޖުއޭޓް ޑިގްރީގެ ކޯސް ނިމުމުން، ދަރިވަރުންނަށް ދެނީ މާސްޓާސް ސެޓްފިކެޓެވެ. އެހެންވެ އައްޒާން ވެސް އަންޑަގްރެޖުއޭޓް ނިމުމާ އެކު ހަތަރު އަހަރުގެ ޕީއެޗް.ޑީގެ ފުރުސަތަށް ކުރިމަތިލީ އެވެ.
"ބޭނުމަކީ ދުނިޔެއަށް ފައިދާ ހުރި އިލްމެއް ހޯދުން. ވަރަށް ތަނަވަސް ފުރުސަތެއް މި ލިބުނީ. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ގައުމަށް ހިދުމަތްކުރަން ބޭނުންވަނީ،" އައްޒާން ބުންޏެވެ.
ކެމިކަލް އިންޖީނިއަރިންނަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކަށް ވަރަށް މުހިއްމު ދާއިރާއެކެވެ. ނަމަވެސް އެ ދާއިރާއިން ތަމްރީންވެފައި ތިބި ދިވެހިންގެ އަދަދު އެހާ ގިނައެއް ނޫނެވެ. ބޭހާއި ތެލާއި ކާއެއްޗެހި އަދި ރިނިއުބަލް އެނާޖީއާ ގުޅޭ މަސައްކަތްތައް ގުޅެނީ ކެމިކަލް އިންޖީނިއަރިންނާ އެވެ.
ޕީއެޗްޑީއަށް މިދިޔަ ހަފުތާގައި ކިޔަވަން ފެށިއިރު، އައްޒާން ދިރާސާކުރަން ނިންމާފައި ވަނީ ހައިޑްރޮޖެން އަދި ކާބަންޑައިއޮކްސައިޑް ސެޕަރޭޝަނާ ގުޅޭ ގޮތުންނެވެ.
ފެކްޓްރީތަކުގައި ކުރާ ކެމިކަލް މަސައްކަތްތަކުގައި، އިތުރު މާއްދާއެއްގެ ގޮތުގައި ގޭސް އުފެދެ އެވެ. އެ ގޭހުގައި އާއްމުކޮށް ހިމެނޭނީ ހައިޑްރޮޖެނާއި ކާބަންޑައިއޮކްސައިޑެވެ. އޭނާ ދިރާސާކުރަނީ، އެ ގޭހުން ހައިޑްރޮޖަން އެކަހެރިކޮށް ވަކިކުރާނެ ގޮތަކާ ބެހޭ ގޮތުންނެވެ. އަދި މިހާރު އެކަން ކުރަމުން އަންނަ މަރުހަލާތައް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުމަކީ ވެސް ދިރާސާގެ ބޭނުމެކެވެ.
ހައިޑްރޮޖަންއަކީ ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ސާފު ހަކަތައިގެ ވައްތަރެކެވެ. ކައްކާ ގޭހާއި ކާރުގައި ވެސް އެ ބާވަތް ބޭނުންކުރެ އެވެ.
ވަގުތަށް ފަރުވާތެރިވުން މުހިންމު
އައްޒާން އަކީ ރާއްޖޭގައި ކިޔެވި އިރު ވެސް ނަމޫނާ ދަރިވަރެކެވެ. އޭނާގެ ފަރާތުން ދަރިވަރުންނަށް ލިބެން އޮތީ ނަމޫނާ އެވެ. އެހެންކަމުން އަބަދުވެސް ދަށް ގްރޭޑްތަކުގެ ކުދިންނަށް އޭނާގެ ނަސޭހަތެއް އޮވެ އެވެ: "ވަގުތަށް ފަރުވާތެރިވެގެން މަސައްކަތްކުރުމެ"ވެ.
ދުނިޔޭގެ ބޮޑު ޔުނިވަސިޓީއަކުން އޭނާއަށް ލިބުނު ފުރުސަތަކީ، މުޅި ތައުލީމީ ހަޔާތުގައި ކުރި މަސައްކަތެވެ. އެ މަސައްކަތް ބިނާވެފައި އޮތީ، އޭނާގެ ރަނގަޅު އަހުލާގަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިފުޅު، މިހާރުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިން ނަސޭހަތަކީ "ކުރަން ޖެހޭ ހުރިހާ ކަމެއް ހަފުތާއަކަށް ބަހާލައި ތާވަލެއް ހަދައިގެން ކުރިއަށްދިއުމަށެ"ވެ.
"ކިޔެވުމުގައި ވަރަށް ފަސޭހަވާނެ އޭރުން،" އައްޒާން ބުންޏެވެ.
ދެން އޭނާގެ އޮތީ މި ޒަމާނުގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލާ އެކު ދަރިވަރުން ވަރަށް ވިސްނަން ޖެހޭނެ އެހެން ކަމެކެވެ: ސިއްހަތަށް ފަރުވާތެރިވުމެވެ. އެހެންކަމުން އައްޒާން އެދެނީ "ސިއްހަތަށް ބަލައިގެން، ކަސްރަތު ވެސް ކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށެ"ވެ.
އަައްޒާންގެ އުއްމީދަކީ އަމިއްލަ ގައުމަށް ހިދުމަތްކުރުމެވެ. އެހެންކަމުން ޕީއެޗް.ޑީ ނިންމާލުމަށް ފަހު ގައުމަށް އެނބުރި އަންނަން އޭނާ ހުރީ ތައްޔާރުވެގެންނެވެ.