ސ. ހުޅުދޫގައި އިއްޔެ މީހަކަށް ހަމަލާދީ ބޯފަޅާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އޭގެތެރޭގައި ހިމެނެނީ 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް މީހާ ފެނުނީ ހުޅުދޫގައި ފްލެޓްތައް އަޅާފައިވާ ސަރަހައްދުންނެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ މީހާގެ ބޯ ފަޅާލާފައި ވަނީ އެއްޗަކުން ޖަހަ އެވެ. އަދި އޭނާގެ ގައިގައި ދެން ހުރި ނިޝާންތަކަކީ ވެސް ގައިގައި ތަޅައި ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަށް ރޭ ވަނީ ހުޅުދޫ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.
ހުޅުދޫގައި ޒުވާން ގްރޫޕަކުން މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.