ޑްރަގް މައްސަލާގައި ހިފެހެއްޓި ދޯންޏާ ގުޅޭ މީހަކު ދިއްފުށިން ހައްޔަރުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ޑްރަގް ބޯޓާ އެކު ހިފެހެއްޓި ރާއްޖޭގެ މަސް ދޯންޏާ ގުޅުން ހުރި މީހަކު ކ. ދިއްފުށިން ރޭ ހައްޔަރުކޮށްފި އެވެ.


ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ "ހެދޭކުރި-7" ނަމަކަށް ކިޔާ ދޯނި ބަލަހައްޓާ މީހާ ކަމަށް "މިހާރު"އަށް އެނގިފައިވެ އެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ކޮން ތާކަށް ކަމެއް ސާފެއް ނުވެ އެވެ.

ޑްރަގް ބޯޓުގެ މައްސަލާގައި ފުލުހުން އެއްވެސް މައުލޫމާތެއް މީޑިއާއަކާ ހިއްސާއެއް އަދި ނުކުރެ އެވެ.

"ހެދޭކުރި-7" އަކީ ދިއްފުށީގެ އާއިލާއެއްގެ ދޯންޏެކެވެ. ހައްޔަރުކުރީ އެ ދޯނީގެ ވެރިމީހާގެ ދަރިފުޅެވެ. މިހާރު ދޯނީގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ ވެސް އޭނާ ކަމަށް އެނގިފައިވެ އެވެ.

ހައްޔަރުކުރި މީހާގެ ބައްޕަ "މިހާރު" އަށް ބުނީ ފާއިތުވި 11 ވަރަކަށް އަހަރު އެ ދޯނި ބޭނުންކުރީ މަސްވެރިކަމުގައި ކަމަށެވެ. އެކަމަކު މީގެ ދެތިން އަހަރު ކުރިން ފެށިގެން އެ ދޯނި ބޭނުންކުރަނީ މުދާ އުފުލަން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ކޮޓަރި އާއި މުޅި ގެ ވެސް ފުލުހުން ރޭ ވަނީ ފާސްކޮށްފަ އެވެ.

"ފުލުހުން ކައިރި އެހިން އެއްވެސް އެއްޗެއް ފެނުނުހޭ ފާސްކޮށްގެން. ބުނީމަ ބުނި ނުފެނެއޭ. އެކަމަކު [އޭނާ] ގޮވައިގެން އެމީހުން ދިޔައީ،" ބައްޕަ ކިޔައިދިނެވެ.

"ހެދޭކުރި-7"ގެ ކައްޕިއެއްގެ ގޮތުގައި ވެސް އުޅުނީ، ހައްޔަރުކުރި މީހާ އެވެ. އެކަމަކު އޭނާ ބަލިވުމުން މި ދުވަސްކޮޅު ދޯނީގެ ކައްޕިއަކީ ދިއްފުށީގެ އެހެން މީހެއް ކަމަށް އެނގިފައިވެ އެވެ.

އީރާނުގެ ދިދަ ނަގާފައި ހުރި ބޭރުގެ ބޯޓާ އެކު، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިފެހެއްޓި ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށް ސިފައިން ބުނެފައިވެ އެވެ. ނަމަވެސް ދިއްފުށިން ހައްޔަރުކުރި މީހާގެ ބައްޕަ ބުނީ އެ ދޯނީގައި ތިބޭނީ ކައްޕީގެ އިތުރުން ދެ ބިދޭސީންނެވެ. އެހެންކަމުން ދެން ހުރި ދިވެއްސަކީ ކާކުކަމެއް، އޭނާއަކަށް ނޭނގެ އެވެ.

ޑްރަގް ބޯޓާއި ދޯނި ވެސް މިހާރު އޮތީ ދޫނިދޫ ފަޅުގަ އެވެ. ފުލުހުން ގެންދަނީ އެ އެއްޗެހި ފާސްކޮށް، މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތޯ ބަލަމުންނެވެ.

ދޯނީގެ ކައްޕިއާ ނުގުޅޭތާ ހަފުތާއެއް ވި

"މިހާރު"އާ ވާހަކަ ދެއްކި "ހެދޭކުރި-7"ގެ ވެރިޔާ ބުނީ މުދާ ހިފައިގެން އެ ދޯނި އައްޑުއަށް ދަތުރެއް ކުރިތާ ހަފުތާއެއް ވެއްޖެ ކަމަށެވެ. ދޯނީގެ ހަބަރެއް ނުވެގެން، ދޯނީގެ މިހާރުގެ ކައްޕީގެ އަންހެނުން ސިފައިންނަށް އެންގި ކަމަށްވެ އެވެ. އައްޑޫގައި އެ ދޯނި އޮތްކަން އެނގުނީ، ސިފައިންގެ ފަރާތުންނެވެ.

"އައްޑޫގެ ދަތުރަށް ފަހު ދޯނި އެހެން ތަނަކަށް ދިޔަ ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދިއްފުށިން ދޯނި އެންމެ ފަހުން ފުރިއިރު އޭގައި ތިބޭނީ، ދިވެހި ކައްޕި އާއި ބިދޭސީ ދެ މީހުންނާ އެކު، ތިން ފަޅުވެރިން ކަމަށެވެ.

އެ ދޯންޏާ އެކު ދެން ހިފެހެއްޓި އީރާނުގެ ދިދަ ނަގާފައި ހުރި ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުންޏެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 150 އާ ގާތް ވެސް ނުކުރެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެ މަސްތުވާތަކެތީގެ ބަރުދަނެއް އޭނާގެ ޓްވީޓްގައި ހިމަނުއްވާފައެއް ނުވެ އެވެ.