ރާއްޖެއަށް ފިޔަވަޅު އަޅައިގެން ލިބޭނީ ބޮޑު ގެއްލުމެއް، އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަން ފަށާ: އެމްޑީޕީ

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ރާއްޖެ އަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި އެ ފިޔަވަޅުތަކުން ސަލާމަތްވާން އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަން ފަށަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.


އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވަނީ ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި އިސްލާހުނުވެއްޖެނަމަ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު، ހަ ކަމެއް އިސްލާހު ކުރަން ސީމެގުން ރާއްޖެ އަށް އެންގި އެވެ. އޭގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭން ވެސް ސަރުކާރަށް އެންގި އެވެ.

ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެކަމަށް މަރުހަބާކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ މާޗު މަހު ރާއްޖެއާ މެދު ފިޔަވަޅު އެޅުންފަދަ ކަންކަމާމެދު ގޮތެއް ނިންމަން އދ.ން ނިންމީ އިސްލާހުކުރަން އެންގި ކަންތައްތަކަށް އަމަލުކޮށްފައިނުވާތީ ކަމަށެވެ. އެއީ ބަޔާނުގައި ބުނެފައިވާގޮތުގައި، އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްއަށް ސަރުކާރު ދިފާއު ކޮށްދެވޭވަރުގެ ހެއްކެއް ދެއްކެވެން ނެތުމުގެ ސަބަބުންނެވެ.

ސީމެގްގެ ބައްދަލުވުން އިއްޔެ ކުރިއަށް ދަނީ: ހަ ކަމެއް އިސްލާހުކުރަން ރާއްޖެއަށް ވަނީ އަންގައިފަ

"..ދިވެހިރާއްޖެއާ މެދު ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނެކަމަށް އިންޒާރުދީފައިވާތީއާއި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށާއި، އިސްލާހީ ފިޔަވަޅުތައް އެޅުމަށާއި، ހުރިހާ ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި، ސިޔާސީ އިތުރު ފަރާތްތަކުގެ މައްޗަށް އަލުން ކުރަންފަށާފައިވާ ދައުވާތައް ހުއްޓާލުމަށާއި، ޑިމޮކްރަސީއާއި އިންސާނީ އަދި މަދަނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އަލުން އަނބުރާ ގާއިމުކުރުމަށް ސަރުކާރަށް އެމްޑީޕީން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި މިއީ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޖެންޑާ އަށް ރާއްޖެ ލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނާއި މިދިޔަ ރިޔާސީ އިންތިހާބު ދިގުލައިގެން ގޮސް ރިޔާސީ ދައުރު ހަމަވިއިރު ވެސް ރައީސަކު އިންތިހާބު ނުކުރެވުމުންނެވެ. ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގްރޫޕުގެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ބައިވެރިއެއް ނުވެވޭނެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަަމައަކަށް އަޅުވަން އިދިިކޮޅު ފަރާތްތަކާ ސަރުކާރުން މިއަހަރު ވާހަކަތައް ދެއްކި އެވެ. ނަމަވެސް ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތުން ބައިވެރިވާނީ، 13 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމުން އެ ދެ ޕާޓީން ބުންޏެވެ. ނަމަވެސް މި ޝަރުތުތަކެއް ސަރުކާރުން ގަބޫލެއް ނުކުރި އެވެ.

އެ ވާހަކަތައް ކުރިއަށްގެންދިއުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ އެވެ. ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ވާހަކަދައްކައިފަ އެވެ.