ޑިންގީގެ ބުރަފަތިން ޖެހި ފައި ބުރިވި ހަލީމް---
10 އޮކްޓޯބަރ 2019 - 12:07
ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި އިއްޔެ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވެން ނެތިގެން މިއަދު ބުރިކޮށްލައިފި އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަށް އޮއްވައި އަބްދުﷲ ހަލީމް، 27، ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެކެވެ.
ބުރަފަތިން ޖެހި ހަލީމްގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ވަރަށް ބޮޑުބައެއް ބުރިވި އެވެ. ފައި ވަކި ނުވެ ހަރުލާފައި އޮތީ ކުޑަކުޑަ ތަންކޮޅަކުންނެވެ. ކުޑަހުޅު މަތިން ބުރިވުމުގެ އިތުރުން ވެސް ބުރަފަތިން ޖެހި ފައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުއްޓެވެ.
ހަލީމްގެ ބޭބެ، އަބްދުﷲ ލަތީފް އޭޑީކޭގައި ހުރެ ބުނީ ފައި ގުޅުވޭނެ އިތުރު ގޮތެއް ނެތިގެން، މިއަދު އޮޕަރޭޝަންކޮށްގެން ފައިގެ އެހެން ހިސާބަކުން ފައި ބުރިކޮށްލައިފައިވާ ކަމަށެވެ. ފައި ބުރިކޮށްލީ ކަކުލު ހުޅުން ކުޑަ ތަންކޮޅެއް ތިރިން ކަމަށާއި އޭރުން ފައެއް ޖަހައިގެން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޑޮކްޓަރުން ބުނީ ބުރިކޮށްލުން ނޫން ޗޮއިސްއެއް ނެތޭ. އެހެންވެ ބުރިކޮށްލީ. ދެން ފައެއް ޖަހައިގެން އުޅެވިދާނޭ ބުނީ،" އޭނާ ބުންޏެވެ.
ހަލީމް މި ވަގުތު ބާއްވާފައި އޮތީ އައިސީޔޫގަ އެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އާއިލާއިން ބުނެ އެވެ.
ބުރިވި ފައިގެ އިތުރުން ބުރަފަތިން ޖެހި ޒަހަމްވެފައި ހުރި ތަންތަން އެހާ ސީރިއަސް ނޫން ކަމަށް ވެސް ހަލީމްގެ ބޭބެ ބުންޏެެވެ. މަސްގަނޑު ކަފައިގެން ދިއުން ފިޔަވައި އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާތީ އެ ހިސާބުތައް ވަނީ ފަހައިފަ އެވެ.
ރ. އިނގުރައިދޫ ހަލީމަކީ އެ ރަށު ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ކައިވެންޏެއް ނުކުރެ އެވެ. ފީނަށް ދިއުމަކީ ފޫހިފިލުވުމަށް އޭނާ އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އެކުވެރިންތަކަކާ އެކު ދޯންޏެއްގައި އިއްޔެ ފީނަން ދިޔައީ ވެސް އެގޮތުގެ މަތިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
13 October 2019
ބުރިކޮށްފަ ކޯރަކަށް އެއްލާލި ބައި ފީނައިގެން ނަގާ ގުޅުވީ ވެސް މީގެ އެތައް އަހަރެއް ކުރިން. 2019 ގަ މިފަދަ ކަމެއް މި ރާއްޖޭން ނުވުމަކީ ފިސާރި ދެރަވަރު ކަމެއް! ޒުވާނާ އަށް ހެޔޮ އެދުން ފޮނުވަން. އަދި އަވަސް ޝިފާ އަކަށް އެދެން.
ރީތި މޫސަ
11 October 2019
ހެޔޮގޮތެއް މެދުވެރި ކުރައްވާށި އާމީން
ހ ހު
10 October 2019
ހާދަ ދެރައޭ.... އިރާދަ ކުރެއްވިއްޔާ ޙަލީމަށް ހެޔޮގޮތް ފެންނާނެ
ޏފފދ
10 October 2019
ބުރަފަތީގަ ޖެހިގެން ބުރިވި ފައި، ގުޅުވޭނެ ގޮތެއް ނެތިގެން ބުރި ކޮއް ލައިފި؟؟؟މީ ކީކޯ؟؟؟
Pinker
10 October 2019
ޙަބަރު ރަނގަޅަށް ކިޔާބަލަ ރަންކޮޅާ!!!
ޙަރި
12 October 2019
ﷲގެއިރާދަފުޅުން ރަންގަޅުވާނެ
އަލަމާ
12 October 2019
ހަމަ.ލިޔާގޮތް، އެކަމް ބުރިވީމަ އެހެން ހިސާބަކުން ބުރިކުރިވާހަކަ ލިޔުނުނަމަ ސުރުހީގަވެސް ބުރިވި ފައި
ހާމިދު ޝާހިދު
10 October 2019
މިފަދަ ކަންކަން ވުމުގައި އިހުމާލުވާ ފަރާތްތައް ދެނެގަންނަންޖެހޭ. ޑިންގީއަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ހާދިސާ ދިމާވާއެއްޗެއް. ޑިންގީގެ ތިލަކަމާއެކު ފަސޭހައިން ފަރުތަކު މަތިންވެސް ދުއްވޭ. އަދި ފުއްޓަރު ފަރާތުންވެސް ބައެއް ފަހަރު އެއްގަމަށް އެރެވޭ އެއްޗެއް އެއީ. އެހެންކަމުން، ޑިންގީ ދުއްވޭނެ ސަރަހައްދުތަކެއް އެބަޖެހޭ ކަނޑައަޅާފައި އޮންނަން. ބައެއްފަހުން ފަސޭހައަކަށް ފަރެއްގެ މަތިންލާފައިވެސް ނުވަތަ ފަރުކައިރިންލާފައިވެސް އެބަ ދަތުރުކުރޭ.
ސަމުސާ
10 October 2019
އަވަސް ޝިފާއަކަށް އެދެން. ތިކަހަލަ ކަމެއް ދިމާވިއަސް ހިއްވަރާއިއެކީ ދިރިއުޅުމާއި ކުރިމަތިލައިފިއްޔާ ދިރިއުޅުން ކާމިޔާބުކުރެވޭނެ.
އަފްޒަލް
10 October 2019
ހަލީމްއަށް ކެއްތެރިކަން ދެއްވާ އަވަސް ޝިފާއެއް ދެވާށި. ??? ތިޔަ ޙަބަރު ލިބުމުން ވަރައް ދެރަވި ހަލީމް އަކީ ވަރައް ގާތް އެކުވެރިއެއް. ހަލީމްގެ ޢާއިލާ އަށާ ހަލީމްއަށް ހެޔޮ ރަޙްމަތް ލައްވާށި. ޢާމީން
ޓެރޭ
10 October 2019
އަވަހަށް އިންޑިޔާ އަށް ދެވުނުނަމަ ގުޅިދާނެ ވ ދެރަ .
ބަނޑާ ބެ
10 October 2019
ޥ ދެރަ ، ހަލީ މް ހިއްވަރު ކުރާތި
ރަބަރު
10 October 2019
ވަރަށް ބޮޑު ހިތާމަވެރި ހާދިސާއެއް. ޒުވާނަކަށް މިކަހަލަ ކަމެއް ދިމާވުމަކީ ވަރަށްދެރަކަމެއް. ﷲ މި ޒުވާނާއަށް އަވަސް ޝިފާއެއް ދެއްވާށި. آمين