މެންޓަލް ހެލްތު ސެންޓަރުން 4000 މީހަކަށް ފަރުވާ ދީފި

މެންޓަލް ހެލްތު ސެންޓަރުން މިހާތަނަށް ހަތަރު ހާހެއްހާ މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ މިއަހަރަކީ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވަން ކުރި މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީ އަކީ، މިނިސްޓަރު ވިދާޅުވިގޮތުގައި، އައިޖީއެމްއެޗުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރެވެ.

މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވި ސެންޓަރަކީ މި ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭގެ އިތުރުން އެ ބައްޔަށް އާސަންދަ ލިބޭނެ ގޮތް ހެދުމަކީ ވެސް ވައުދެކެވެ.

އެ ސެންޓަރުން ދޭ ފަރުވާތަކުގެ ތެރޭގައި، އޯޕީޑީގައި ބަލި މީހުން ބެލުމާއި އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި އަވަސް ފަރުވާ ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާ ދިނުމާއި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ނަފްސާނީ ބަލީގެ ފަރުވާ ހަރުދަނާކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެ ހިދުމަތް ދޭން ނިންމާފައިވަނީ ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ފަސް ހޮސްޕިޓަލުގަ އެވެ. އެއީ ހދ. ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ހޮސްޕިޓަލް އަދި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.

"މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާ މެދު މުޖުތަމައު ހޭލުންކުރުމަށާއި މިފަދަ ބަލި މީހުންނަށް އާއިލާ އާއި މުޖުތަމައުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ވަނީ ފަށައިފަ އެވެ. މީގެ އިތުރުން މި ހިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި ހިދުމަތް ދެމުންދާ ގޮތް މޮނީޓާކޮށް ބެލެހެއްޓުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ،" މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތަކާ ގުޅޭ ހިދުމަތްތައް ރަނގަޅުކުރަން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ ދައުރު ހިމެނިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށް ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން މިދިޔަ ހަފުތާގައި ބޮޑު ހިނގާލުމެއް ބޭއްވިއިރު ނާސިން ސްކޫލާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ޕެނަލް ޑިސްކަޝަނެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.