ޑްރަގް ބޯޓްތަކުގެ ތަހުގީގަށް އިންޓަޕޯލްގެ ޓީމެއް ރާއްޖޭގައި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ދެ އުޅަނދުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލަ ތަހުގީގު ކުރަން އިންޓަޕޯލްގެ ޓީމަކުން ފުލުހުންނަށް އެހީތެރިވާން ފަށައިިފި އެވެ.


ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާދިފަހުން އަތުލައިގަތް ބޭރުގެ އުޅަނދުގެ ތަހުގީގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ޓީމްތަކާ އެކު އިންޓަޕޯލްގެ އިންސިޑެންޓް ރެސްޕޮންސް ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެވެ. ބޯޓްގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށް އެ އެންމެންގެ ވެސް ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ތިން ގޯންޏަކަށް އަޅާފައި ހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރަ އެވެ. އަދި އެ ތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބުނެފައި ވެ އެވެ.

އީރާނުގެ ދިދައެއް ނަގާފައި ހުރި ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.