ބޭރު ބޯޓުން އަދި ފެނުނީ 70 ކިލޯގެ މަސްތުވާތަކެތި: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ޑްރަގް ބޯޓުން މިހާތަނަށް ފެނުނީ ގާތްގަނޑަކަށް 70 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އެ ބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ކުރިން ޚަބަރު ފެތުރީ އިންޑިއާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގަމުގެ ބައެއް ނޫސްތަކުންނެވެ.

މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ ބޭރުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެވެ. އޭގެ ތެރެއިން އީރާނުގެ ދިދަ ނަގާފައިވާ ބޯޓްގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ. އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ދެ އުޅަނދު ވެސް ރޭ ދޫނިދޫއަށް ގެނެސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ ތިން ގޯންޏެއްގައި މަސްތުވާތަކެތި އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އެއީ 70 ޕެކެޓްގެ މަސްތުވާތަކެތި ކަމަށާއި އެތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

އެ އުޅަނދުތައް ބަލައި ފާސް ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

އޭގެ ތެރެއިން ރާއްޖޭގެ ދޯންޏާ ގުޅުން ހުރި މީހެއް ރޭ ވަނީ ދިއްފުށިން ހައްޔަރުކޮށްފަ އެވެ.

އީރާނުގެ ދިދައެއް ނަގާފައި ހުރި ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.