13 އޮކްޓޯބަރ 2019 - 13:35
އައްޑު އަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ގެތަކަށް ފެން ވަންނަނީ، ހަދާފައިވާ މަގުތަކަށް ވުރެ ގެތައް ތިރިވުމުން ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހާއި އިއްޔެ އައްޑު އަށް ކުރި ބޯ ވިއްސާރައިގައި އައްޑޫގެ 60 ޕަސަންޓް ގެއަށް ފެނުގެ އަސަރުކޮށް ގެއްލުން ވަނީ ލިބިފަ އެވެ.
ސޯބެ ވިދާޅުވީ އެ މައްސަލަ ހައްލުކުރެވެން އޮތް އެއް ގޮތަކީ ގެތައް އުސްކުރުން ކަމަށެވެ. އައްޑޫގެ ގިނަ ގެތައް މަގަށް ވުރެ ތިރިވުމުން، ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވުމުން ގެތަކަށް އެ ފެން ވަންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
Addu ah kuramundhaa vissaaraigaa geyge ah fen vadhe gellunthakeh dhany libemun. Councillaai kamaabehey idhaaraathah gulhigen vissaaraiga gellun libey faraaiythakah ehy vumuge masahkaiy dhany kuriyah pic.twitter.com/TRNlF7aRUW
— Addu City Council (@AdduCityCouncil) October 12, 2019
ގެ ހުންނަ ލެވެލް އަށް ވުރެ މަގުތައް އުސްވަނީ މަގު ހަދާ ކޮންމެ ފަހަރަކު ވެލި އަޅާތީ އެވެ. މިއީ އައްޑޫގެ އަޑިގުޑަން މަގުތައް އެއްވަރުކުރަން އަބަދުވެސް ކުރާ ކަމެކެވެ.
"ފެންބޮޑުވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ބަލާ އިރު މީގައި އޮތީ މުހިއްމު ދެ ގޮތެއް. އެއްގޮތަކަކީ މަގުތަކަށް ވުރެ ގެތައް އުސްކުރުން. އަނެއް ގޮތަކީ ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމް ގާއިމްކުރުން،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެތައް އުސްކުރެވެން އޮތް މީހުން އެ ބަދަލު ގެނެސްފި ނަމަ ފެން ބޮޑުވުމުން ރައްކާތެރިވެވިދާނެ އެވެ. އަދި އޭގެ ނަތީޖާ ފެންނަން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު އިމާރާތްކޮށްފައި ހުރި ގެތަކަށް މިކަހަލަ ބަދަލެއް ގެނައުމަކީ މާލީ ގޮތުން ހުރިހާ އެންމެންނަކަށް ކުރެވޭނެ ކަހަލަ ކަމަކަށް ވެސް ނުވެދާނެ. އެކަމަކު އަލުން ގެ އިމާރާތްކުރާ އިރު އައްޑޫގައި މިހާރު ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައި އޮތް ކަމެއް މިއީ،" ސޯބެ ވިދާޅުވި އެވެ.
"މިކަހަލަ ބަދަލުތަކަށް ވެސް ވިސްނައިގެން ގެ އިމާރާތްކުރުމަކީ ވަރަށް މުހިއްމު ކަމެއް."
"ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެއް ގެތައް އުސްކުރެވެން ހުރި މީސްމީހުން އެކަން ކުރުމަކީ."
އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވާ މައްސަލާގައި ހެދި އެސެސްމަންޓެއްގެ ތެރޭގައި ވެސް ގެތައް ތިރިކޮށް ހުންނަ މައްސަލަ ފާހަގަކުރެވިގެން، ބަދަލުތަކެއް ގެންނަން އެދިގެން އެފަދަ ބަދަލުތައް ގެނައި ގެތަކަށް މި ފަހަރުގެ ވިއްސާރައިގައި ފެން ވަދެ ގެއްލުން ވެފައެއް ނެތެވެ.
"އެއީ ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމެއް. އެހެންވެ ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެއް ގެތައް އުސްކުރެވެން ހުރި މީސްމީހުން އެކަން ކުރުމަކީ. މީގެ ސަބަބުން ވިއްސާރައިގައި ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެތަކަށް ވުރެ މަގުތައް އުސްކޮށް ހުންނާތީ މަގުތައް ކޮނެ ތިރިކުރަން ވެސް ކައުންސިލުން ކުރިން ވިސްނުން ގެންގުޅުނެވެ. ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެ ވެސް ވަރަށް ޗެލެންޖިން ބޮޑު ކަމަކަށް ވާނީ،" ސޯބެ ވިދާޅުވި އެވެ.
ވިއްސާރައިގައި މަގެއްގައި ފެންބޮޑިވެފައި.
އޭނާ ވިދާޅުވި ގޮތުގައި ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމެއް ގާއިމް ކުރެވިއްޖެ ނަމަ ފެން ބޭރުކުރެވިދާނެ އެވެ. އެ މަސައްކަތުގައި ދުވެލި މަޑު ނަމަވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް ފާހަގަކުރެވުނު ގޮތުގައި ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑީ ފޭދޫގައި. އެކަމަކު މިހާރު ފޭދޫގައި މަސައްކަތްތަކެއް ކުރެވެމުންދާތީ ކުރިއާ އަޅާބަލާ އިރު ފެންބޮޑުވާ މައްސަލަ ކުޑަވާނެ،" ސޯބެ ވިދާޅުވި އެވެ.
އައްޑޫގައި ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނާފައި އޮތެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެ މަސައްކަތް އަވަަސްކޮށް ދެއްވުމަށް އޭނާ ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.
އައްްޑު އަށް މި ފަހަރު މި ކުރި ވިއްސާރައިގައި 100 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އަދި ނުވަ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރަން ވެސް ޖެހުނެވެ.
ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުމާލް
14 October 2019
ވިއްސާރަ ނުވިނަމަ ފެންބޮޑުނުވީސް އޭބުނިނަމަ މާރީތިވީސް، މަގު އެއީ ދިރޭއެއްޗެއްނޫން، ގަސްގާހާގެހި ހެން މައްޗައް ދިރިގެން އަރާ، އަދިމުރަކަތަކެއްނޫން، ދިރިގެންމައްޗަށްއަރާކަށް، ތިޔަކަހަލަ ވާހަކަތަކުން ތިމާމެންގެ ނާގާބިލްކަން ފެނިގެން ދަނީ، ކީއްވެތޯ 6 ރައީސުން ބަދަލްވެ 7 ވަނަ ރައީސް ތަޙުތިގައި ވެޑުވިފަހުން، 12 މަސްވަނީ... ހަމަތަފާތެއްނެތް
ޔުނައިޓެޑް އައްޑޫ
14 October 2019
ފެންބޮޑުވަނީއެއް ނޫން. ރަށްރަށް އުފައްދަވާފައިވާ ގުދުރަތީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނެސް، ފެން ހިނދެން ހުންނަ ހުރިހާ މަގުތަކެއް ބަންދުކޮށްފަ، ފެންބޮޑުވީމަ ފޮޓޯ ނަގާފަ، ސޯޝަލް މީޑިއާއަށް ލަނީ. ދެން ބަލަނީ ކިތައް ލައިކްސް ކިތައް ޝެއާރ ލިބޭތޯ. ސިކުނޑިގެ މައްސަލަ ބޮޑީ.
ސައުދުއްﷲ
13 October 2019
ގޯސް ވާހަކައެއް. ކަންކަން ކުރަން ނޭނގޭތީ ވާގޮތް. ބަލާބަލަ އެއޮތް ސިޓީ ސްކެއަރ އަޅާފަ އޮތްހާ ބޭކާރު ސިމެންތިތައް. ދެން އަނެއްކޮޅުން ތިމާވެއްޓޭ ކިޔާނެ. ޒުވާން ޖީލަށް ގައުމު ހިންގުމަށް ފުރުސަތު ދޭން ޖެހޭ.
ާަަަބޮޑުމީހާ
13 October 2019
ޢައްޑޫ ގަން ދުވަހަކުވެސް ފެންބޮޑުނުވޭ! ކީވެބާ؟
ރަދީފް
14 October 2019
ވަރަށް ފެންވަރު ރަނގަޅުކޮށް އިނގިރޭސީން ، ޕާކިސްތާން އަދި ފަޙުރުވެރި އައްޑޫ ރައްޔަތުންކޮށްފަ އޮތް މަސައްކަތެއް އެއީ.ގަމުގަ ބޯޓްފަހަރު ކާރިކުރަން ހަދާފަ އޮންނަ ބަނދަރުވެސް އެއީ ނަމޫނާއެއް.50 އަހަރުވެގެން ދިޔައިރުވެސް އަދި ބަދަލެއް ނާދޭ.ގަމުގެ މަގުތަކުން ފެންފޮނުވަން ހަދާހަ ހުންނަ ކާނުތެރޭގަ މީހަކަށް ފިލާއޮވެވޭނެ ، އެހާ ވެސް ތަނަވަސްކޮށް ހަދާފަ ހުރީ.އެފެންވަރަށް ހަދައިފިނަމަ އައްޑޫގެ މަގުތަކުގަ ފެންބޮޑުނުވާނެ.ވ.ވެދުން
ރކއކ
13 October 2019
ފެންބޮޑުވާ މައްސަލައަށް ރަށުމީހުނަށް ހައްލު ހޯދަން އެގޭނެ. ކައުންސިލުން ރައްޔިތުންގެ އަތުގަހިފައިގެން ނިކުންނަންވީ.
އަލީ!
13 October 2019
ބަލަ ފެންބޮޑުވަނީ ބޯކޮށް ގިނައިރުވަންދެން ވާރޭ ވެހުނީމަ. އެއީ އެގޮތަށް އިރާދަކުރެއްވީމަ. ފަންޕުތަކުން ފެންހިއްކޭނީވެސް ވަކވަރަކަށް.
ކޮތަރު
13 October 2019
ރަށް ރަށުގަ ދިވެހިން ގެ އަޅާފަހުންނަނީ މަގާ އެއް ލެވަލްއެއްގަ. ކިރިޔާ ފެންކޮޅެއް ބޮޑުވެލާއިރަށް ފެންވަންނާނީ ގެޔަށް. ދެން ގޯސްކުރާނީ އެއިރެއްގަ އޮންނަ ސަރުކާރު.
ބޮޑުމީހާ
13 October 2019
ކޯއްޗެއްތަ ތި މަގުތައް ހަދާ ޑިސައިނަރުން ކިޔަެވީ. ވަށައިގެން މޫދު އޮންނަ ތަނެއްގައި ރަގަަޅު ފެންހިދޭ ނިޒާމެއް ގާއިމްނުވުމަކީ ބޮޑު ޖޯކެއް
އަހުމަދު1111111
13 October 2019
ސޯބޭ ކޮން މިރައްތައް އުފެދުނުއިރު ހުރިހާކަމެއްވެސް އޮތީ ރަނގަޅަށް. ގޯތިދީ އިމާރާތްކުރިފަހުން މަގުތަކަށް ވެލިއަޅާ މަގުތައް އުސްކުރީ އެކި ސަރުކާރުތަކުން ވީމާ މަގުތައް ތިރިކޮށްފަ ކުޅިތަކަށް ފެންދެމޭނެ ނިޒާމުހަދާ. ލިންކްރޯޑް ވެސް ފެންތައް މޫދަށް ދެވޭނެގޮތް ހަދާ. ކުޅިތަކުން ސީދާ މޫދަށް ފެންބޭރުކުރެވޭނެގޮތްހަދާ. ތިމާއަށް ފެންނަހާގޮތަކަށް ކަންތަށްނުކޮށް ފަންނީމީހުންގެ ލަފާގެމަތިން މިކަން ހައްލުކުރޭ.
ރަށުމެދައް އަޑިކޮށް
13 October 2019
ރަށުމެދައް އަޑިކޮށް އޮތީމަ، ސިވިލް އިންޖިނޭރިންގެ ފުރިހަމަ މިސާލެއް!